17 Oct 2023, 12:44
މިވަގުތު ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ރެއާލް މެޑްރިޑުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކަމަށް މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު ޖޯލިއޮން ލެސްކޮޓް ބުނެފިއެވެ.
މި ސީޒަނުގައި ރެއާލާ ގުޅުމަށް ފަހު، އުމުރުން 20 އަހަރުގެ ބެލިންހަމް ދަނީ އެ ކްލަބަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލަށް މިހާތަނަށް ބެލިންހަމް ވަނީ ދިހަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާއަށް މިވަނީ އިނގިރޭސި ގައުމީ ޖާޒީގައި ކުރިން ކުޅުނު ލެސްކޮޓް ވެސް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.
"ބެލިންހަމްއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާ އެ ދައްކަމުންދަނީ ވަރަށް މޮޅު ކުޅުމެއް. އޭނާ މެޗުގެ ކުޅުން އެ ނަގައިގަންނަނީ އޭނާގެ އުމުރުގެ އެހެން އެއްވެސް ކުޅުންތެރިޔަކަށް ނަގައިނުގަނެވޭނެ ވަރަށް. އޭނާ ބެލޮންޑިއޯ އެވޯޑު ވެސް ހޯދާނެ. އަދި އޭނާއަކީ އިންގްލެންޑަށް ވަރަށް މުހިންމު ކުޅުންތެރިއެއް،" ލެސްކޮޓް ބުންޏެވެ.
މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލާ ބެލިންހަމް ގުޅުނީ 103 މިލިއަން ޔޫރޯގެ އަގަކަށެވެ. އެ އަގުގެ ބަދަލު ކުޅުމުން ބެލިންހަމް ދައްކަމުންދާ އިރު، އޭނާގެ ކުޅުމަށް ފުޓުބޯޅަ ލެޖެންޑުން ވެސް ތައުރީފުކުރެއެވެ. އެގޮތުން ރެއާލްގެ ލެޖެންޑް ލުއިސް ފީގޯ ވެސް ދެކޭގޮތުގައި، ބެލިންހަމްއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ރެއާލާ ގުޅުމުގެ ކުރިން ވެސް ބެލިންހަމްއަކީ އިނގިރޭސި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އިނގިރޭސި ޔޫތު ޓީމުތަކަށް ވެސް ކުޅެފައިވާ ބެލިންހަމް، ސީނިއާ ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2020 ވަނަ އަހަރުއެވެ.