ވާދަވެރި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ގަވީއަކީ "ޖަވާހިރެއް" ކަމަށްބުނެ، އޭނާއަށް ރެއާލް މެޑްރިޑުގެ ސްޕެއިން ޑިފެންޑަރު ޑެނީ ކާވޭހަލް ތައުރީފުކޮށްފިއެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ނޯވޭއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި ސްޕެއިންގެ ފުރަތަމަ 11ގައި ގަވީ އާއި ކާވޭހަލް ވަނީ ހިމެނިފައެވެ. އެ މެޗުން ސްޕެއިނަށް ތިން ޕޮއިންޓް ކަށަވަރުވީ މެޗުގެ 49 ވަނަ މިނެޓުގައި ގަވީ ޖެހި ގޯލުންނެވެ. އެ މޮޅާއެކު ސްޕެއިނަށް ވަނީ އަންނަ އަހަރުގެ ޔޫރޯ އިން ވެސް ޖާގައެއް ކަށަވަރުވެފައެވެ.

އެ މެޗުގައި ގަވީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ކާވޭހަލް ވެސް ވަނީ ގަވީއަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.

"ބައެއް ފަހަރު އަހަރެމެން ހަނދާނުގައި ބަހައްޓަން ޖެހޭނެ ގަވީގެ އުމުރުން އަދި އެންމެ 19 އަހަރުކަން. ހަމައެއާއެކު އޭނާއަކީ ސްޕެއިންގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅޭ ކުޅުންތެރިއެއް. ކުރު ގޮތަކަށް ބުނާ ނަމަ، ގަވީއަކީ ޖަވާހިރެއް،" ކާވޭހަލް ބުންޏެވެ.

މިސީޒަނުގެ މިހާތަނަށް ގަވީ ވަނީ ބާސާއަށް 11 މެޗު ކުޅެ، ދެ ގޯލާއި އެއް އެސިސްޓު ހަދައިފައެވެ. އޭނާ ވެފައިވަނީ ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ.

މިހާރު ގައުމީ ފުޓުބޯޅަ ޓީމަށް ވެސް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގަވީ ވަނީ ގައުމީ ޓީމަށް މިހާތަނަށް 25 މެޗު ކުޅެފައެވެ.