16 Oct 2023, 18:44
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގޮވާލައްވައިފިއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން، އެމަނިކުފާނު ހިމެނޭ ގޮތަށް ހުރިހާ ދިވެހިން ކުށްވެރިކުރާ ކަމަށެވެ. އަދި އެ އަމަލުތައް ތަހުގީގު ކުރަން ގޮވާލައްވަނީ ވެސް ހުރިހާ ދިވެހިންގެ ފަރާތުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް އަޅުގަނޑުމެން ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެތައް މިލިޔަން އަޚުންނާއި އުޚުތުންނެއް، ޣައިރު މުސްލިމުންގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެ އަދި ޒަޚަމްވަމުންދާކަމީ، މުޅި އިސްލާމީ އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތާމައެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ ހުރިހާ މުސްލިމުން އެ ހާލަތުން މިންޖުކޮށްދިނުމަކީ މުޅި އިސްލާމީ އުންމަތުގެ ވާޖިބެއް ކަމަށެވެ.
އެކަމަށްޓަކައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާ ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވެ، އިސްލާމް ދީނުގެ ސުލްހައާއި ހަމަޖެހުން ދުނިޔެއަށް ސާބިތުކޮށްދިނުމަށް، ހުރިހާ މައިދާންތަކެއްގައި މަސައްކަތް ކުރަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ އަސްލަކީ މުޖުތަމައުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަން ކަމަށެވެ.
"އަޅުގަނޑުމެންގެ ކުރިއެރުމާއި ތަރައްގީއަށް ލިބޭ އެންމެ ވަރުގަދަ ހަކަތައަކީވެސް، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން. އަދި އެ ގުޅުމުގެ ބަދަހިކަމުން، އަޅުގަނޑުމެންގެ ރާއްޖޭގައި ގާއިމުވެފައި މިއޮތް ހަމަޖެހުމާއި ސުލްހަވެރިކަން،" ރައީސް ވިދާޅުވިއެވެ.
އެހެންވެ، އިސްލާމް ދީނުގެ ސައްހަ އަގީދާ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ހަގީގީ ބޭނުމަކަށް ވާންޖެހޭނީ ދިވެހިންގެ އުޅުންތަކާއި ގުޅުންތައް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިފެހެއްޓުމުގެ އަޒުމް އާކުރުމަށް ކަމަށް ވިދާޅުވެފައެވެ.
"އިސްލާމީ އަގީދާއާ ބީރައްޓެހި އޮއިވަރުތަކުން އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތައް ދުރުކޮށް، މާތް ﷲގެ އެއްކައުވަންތަކަމުގެ ސާފު އައްސޭރިއަށް އެކުދިން ގެންގޮސްދިނުމަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމަކީވެސް، މިދުވަސް ފާހަގަކުރުމުގެ ވަރަށް މަތިވެރި މަގްސަދެއް،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އިސްލާމް ދީން ގެނެސްދިން އިޖުތިމާއީ ރިވެތި އަދަބުތަކާއި އަހުލާގީ ރީތި ސިފަތައް ހަރުލެއްވުމަށް މަސައްކަތްކޮށް، އެކަމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުންވެސް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.