މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހޮސްޕިޓަލްތައް ހިންގަން ބޭނުންވާ ވަރަށް ތަކެތި ހަމަކޮށްފައި އެބަހުރި ކަމަށާއި އޭގެ ފަހަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނު ހަމަނުކުރެވި، މިހާރު ހޮސްޕިޓަލްތައް ހިންގަމުން ދަނީ އެމަޖެންސީ ސްޓޮކްގައި ހުރި ތަކެތި ނަގައިގެން ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ މިއަދު ވިދާޅުވެފައެވެ. އަދި، ފައިސާ ހަމަނުޖެހި، އެ ތަކެތި ނުގަނެވިއްޖެ ނަމަ ހޮސްޕިޓަލްތައް ހުއްޓިދާނެކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ބޭނުންވާ ސާމާނު ހުރިހާ ހޮސްޕިޓަލެއްގައި ލިބެން އެބަހުރި ކަމަށެވެ. އަދި، އިތުރަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވާ ފައިސާ ވެސް ފިނޭންސް މިނިސްޓްރީން އެޕްރޫވް ކުރިހާ އަވަހަކަށް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރު ނިމޭ ދުވަސްކޮޅު އާންމުކޮށް ވެސް ތާށިވާނެ. ފިނޭންސުން އެޕްރޫވް ކުރީމާ ފައިސާ ހަމަޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ބާކީ އޮތް ބަޔަށް ބޭނުންވާ މިންވަރަށް ވެސް ތަކެތި ނެތް ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވި ނަމަވެސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ޑިސެމްބަރުގެ ނިޔަލަށް ހޮސްޕިޓަލްތައް ހިންގަން ބޭނުންވާނެ ސާމާނު ހުންނާނެ ކަމަށެވެ. އެޕްރޫވް ނުވެ ލަސްވަމުން ދަނީ އޭގެ ފަހަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވާ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބައެއް ސެންޓަރުތަކުން ބޭރުގެ ކުންފުނިތަކަށް އައުޓްސޯސް ކޮށްގެން ފަރުވާ ދެމުން ގެންދާއިރު، ބޭރުގެ ކުންފުންޏަށް ފައިސާ ދޫނުކޮށް ހުރިކަން ވެސް ފާހަގަވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، އެ ފައިސާ ވެސް ފިނޭންސް މިނިސްޓްރީން އެޕްރޫވް ކުރުމުން ހަމަޖެހޭނެ ކަމަށެވެ. އެހެންވެ، ހޮސްޕިޓަލްތައް ނުހުއްޓި ހިނގާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ހޮސްޕިޓަލްތައް ހިންގަން ބޭނުންވާ ފައިސާ ހަމަނުޖެހޭ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކޮށްފައެވެ.