އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ( އައިއޭސީ) އިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގެންދާ ތަކެތި ބަހައްޓާ ގުދަނަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދީފިއެވެ.

އައިއޭސީގެ އޮފިޝަލަކު ބުނީ އެ ގުދަނަށް ދިން ހަމަލާގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ގެނެސްފައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ލިބުނު ކަމަށެވެ.

އެގޮތުން، 2000 ބްލޭންކެޓާއި، ވަގުތުން ކެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި 1000 ފުޑް ޕެކާއި، 30000 އަންނައުނު ޕެކު އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް ހަލާކުވެފައިވާ ކަމަށް އޭނާ ބުނެެއެވެ.

މިއީ އައިއޭސީގެ އެއް ގުދަނެވެ. އެހީގެ ތަކެތި ފޯރުކޮށްދިނުމަށް މިފަދަ އެތައް ގުދަނެއް އައިއޭސީއިން ހިންގައެވެ.

އޭނާ ބުނީ އެ ގުދަނަށް ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

އިތުރަށް ދިން ހަމަލާއެއްގައި، އައިއޭސީގެ މުވައްޒަފުން ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ގެންގުޅުނު ކާރަށް ވެސް ވަރަށްބޮޑަށް ގެއްލުން ލިބިފައިވާކަމަށް އޭނާ މައުލޫމާތު ދެއެވެ.

އޭނާ ބުނީ ކާރަށް ގެއްލުން ލިބުނު ހަމަލާއަކީ އެތާ ކައިރިއަށް އައި އެއާ ސްޓްރައިކެއްގައި ލިބުނު ގެއްލުމެއް ކަމަށެވެ.

މި ހަމަލާގައި ކޮންމެވެސް ވަރަކަށް މީހުން ޒަހަމުވި ނަމަވެސް ފުރާނައަށް ގެއްލުންވާ ވަރުގެ ބޮޑު ގެއްލުމެއް އެއްވެސް މުވައްޒަފަކަށް ލިބިފައި ނުވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.