16 Oct 2023, 12:06
ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ޣައްޒާގެ އުތުރު ސަރަހައްދުން 1.1 މިލިއަން މީހުން އެހެން ހިސާބުތަކަށް ދިއުމަށް އިސްރާއީލުން އެންގީ މިދިޔަ ހުކުރު ދުވަހުއެވެ.
އިސްރާއީލުން މި އިންޒާރު ދިނުމާއެކު އެތައް ހާސްބަޔަކު ކާރާ ލޮރީތަކުގައި އަދި ހުސްފައިގައިވެސް އެ ސަރަހައްދު ދޫކޮށް ޣައްޒާގެ ދެކުނަށް މިސްރާބު ޖެހިއެވެ.
ނަމަވެސް ހަމަ އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އިސްރާއީލުން ވަނީ އެގޮތަށް ދިޔަ ބަޔަކު ތިބި ޓްރަކަކަށް ހަމަލާދީ ޢައްޒާގެ 70 މީހުން ޝަހީދު ކޮށްލައި ގަތުލު އާންމެއް ހިންގާފައެވެ. ދުވިސައްތަ އަށްވުރެ ގިނަ މީހުން ޒަހަމްވެސްވި މި ގަތުލު އާންމުގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އާންމު ރައްޔިތުންނަށް ހަމަލާ ނުދޭ ކަމަށް އިސްރާއީލުން މިހާތަނަށްވެސް ބުނަމުން އަންނައިރު މިކަމަށް ބާރުލިބޭނެ އެއްވެސް ހެއްކެއް ނެތެވެ. ރައްކާތެރި ތަނަކަށް ފޮނުވާލާފައިވެސް މަރާލަނީއެވެ.
ހަމަލާ އަމާޒުވި ޓްރަކް ތިބި އާންމުން ވަނީ ޣައްޒާ ސިޓީގައި ހުންނަ ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޝިފާ ހޮސްޕިޓަލްގައި އިމާޖެންސީ ހިދުމަތް ދޭތާ މިހާރު ވަނީ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައެވެ. މުޅި ހޮސްޕިޓަލްގެ ބޭރުގައި ގުގުމާލާފައި ވަނީ މައިންބަފައިންގެ ގެއްލިގެން ހޯދާ ކުޑަކުދިން ރޯ އަޑާއި، ހަމަލާތަކުގެ ސަބަބުން އަޅާ ވޭނަށް ކެތްނުކުރެވިގެން އާންމުން ރޯ އަޑެވެ. ތިރީސް ފަސްހާހަށް ވުރެން ގިނަ މީހުން މިހާރު އަންނަނީ ޝިފާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ.
ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެނައި އެމްބިޔުލަންސްގެ ޑްރައިވަރާ ހަވަލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ގެއަށް އަބުރާ ދާންޖެހެއެވެ. އިސްރާއީލުން ބޮން ނާޅާ ތަނެއް ނެތެވެ. ކޮންމެ ތަނަކަށް ދިޔަސް ސަލާމަތްތެރިކަމާ ރައްކާތެރި ކަމެއް ނެތެވެ.
ޔަހޫދީ އިސްރާއިލްގެ އަސްކަރިއްޔާއިން ޢައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި ގެދޮރު ގެއްލި އެތައް ހާސްބަޔަކު ވަނީ މިހާރުވެސް މަގުމަތިވެފައެވެ. ގައިދަށުގައި އަޅާލާނެ ތުނި ގޮދަޑިއެއް ފިޔަވައި އިތުރު އެއްވެސް ފަދައެއް ނެތި ރެފިއުޖީންގެ ގޮތުގައި އާންމުން އުޅޭއިރު އަމިއްލަ ގެދޮރު އެއްކޮށް އަނދާ ހުލިވެފައިވާ އަދަދު ނުކުރެވޭހާ ގިނަ މީހުން އެބަ ތިއްބެވެ.
ހަމާސްއިން ބުނާ ގޮތުގައި އިސްރާއީލުން އަންނަނީ ޣައްޒާ ދޫކޮށް ދިއުމުން ހަމަލާނުދޭނެ ކަމަށް ބުނެ ފަލަސްތީނުގެ އާންމުންނަށް އޮޅުވާލަމުންނެވެ. އިސްރާއީލުން ބުނާގޮތުގައި ހަމާސްއިން އަންނަނީ އިންސާނުންނަށް ދޭން ނުވާވަރުގެ ހަމަލާތައް ދެމުންނެވެ. ދެބައިމީހުންގެ މެދުގައި ފިތިފައި ތިބީ ފަލަސްތީނުގެ ނިކަމެތި އާންމު ރައްޔިތުންނެވެ.
ޣައްޒާ ދޫކޮށް އެހެން ހިސާބުތަކަށް ދިއުމަށް އިސްރާއީލުން ފަލަސްތީނުގެ އާންމުންނަށް ދިން އިންޒާރު އދ. އިން ވަނީ ކުށްވެރިކޮށްފައެވެ. އދ. އިން ބުނާ ގޮތުގައި އެއީ އިންސާނީ ބޮޑު ކާރިސާއެއް އުފެދިދާނެ ކަމެކެވެ.