16 Oct 2023, 11:03
ގާހިރާ (16 އޮކްޓޯބަރު 2023): އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ބައެއް އަރަބި ގައުމުތަކަށް ކުރެއްވި ޒިޔާރަތުގެ ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އިސްރާއީލު ގެންގުޅޭ ނުބައި ރޭވުމަށް އެގައުމުތަކުގެ އެއްބާރުން ހޯދުންކަމަށާ އެކަމުގައި ބްލިންކެންއަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއެއް ކަމަށް މިސްރުގެ މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.
މި ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ބޭނުމަކީ ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށްޓަކައި ޣައްޒާއާއި މިސްރު ގުޅިފައިވާ ރަފްޙު ބޯޑަރު ހުރަސްކޮށް ފަލަސްތީނުގެ ގިނަ ބަޔަކު މިސްރުގެ ސައިނާއަށް ވެއްދުމެވެ. އިސްރާއީލުގެ މި ރޭވުން ބިނާވެފައިވަނީ ފަލަސްތީނުގެ ދައުލަތެއް މިސްރުގެ ސައިނާގައި ނޫނީ އުރުދުންގައި ގާއިމް ކުރުމުގެ މައްޗަށެވެ.
މި ދަނޑިވަޅުގައި ޣައްޒާގެ ރައްޔިތުން މިސްރަށް ބޭރުކޮށްލަން އިސްރާއީލު ރޭވީ ޣައްޒާއަށް ވައިގެ މަގުން ހަމަލާދީ ޣައްޒާގެ ރައްޔިތުން އެތައް ހާހަކުން މަރަމުން ގެންދާއިރު ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޭސްފަދަ އިންސާނީ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށް ހުރަސް އަޅައިގެންނެވެ.
އިސްރާއީލުން ވަނީ އިސްރާއީލުގެ ގަތުލުއާންމުތަކުން ސަލާމަތްވާ ބޭނުންވާ ޣައްޒާގެ ރައްޔިތުން މިސްރުގެ ސައިނާއަށް ދިޔުމަށް އަންގައި އިންޒާރުކޮށްފައެވެ. މިގޮތަށް ދާން ބޭނުންވާ މީހުންނަށް ރައްކާތެރި ކޮރިޑޯއެއް ގާއިމް ކުރަން އެމެރިކާ ގޮވާލިއެވެ. އެއީ، އިސްރާއީލުގެ މި ލާއިންސާނީ ރޭވުން ތަންފީޒު ކުރުމަށް މަގުފަހި ކުރެވޭނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް މިއީ ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށްލުމުގެ ދެވަނަ ނަކްބާއެއްކަން ފަލަސްތީނު ރައްޔިތުންނަށް އެނގި އެ މީހުން މި ކަމަށް ހޭވަރިވުމުން މިކަން ނާކާމިޔާބުވީކަމަށް މިސްރުގެ ނޫސްތައް ބުނެއެވެ.
ބްލިންކެންގެ ދަތުރުފުޅު ނާކާމިޔާބުވީ ޣައްޒާގެ ރައްޔިތުން މިސްރަށް އައުމަކީ ހައްލު ނޫންކަމާއި ހައްލަކީ އިސްރާއީލުން ޣައްޒާއަށް ބޮންއެޅުމާއި ގަތުލުއާންމުތައް ހުއްޓާލައި ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި ބޭސްފަދަ އިންސާނީ ހުރިހާ ވަސީލަތްތަކެއް ވެއްދުމުގެ ފުރުސަތު ދިނުންކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ ބްލިންކެންއަށް ވަރަށް ސާފު އިބާރާތުން ދެންނެވުމާ ގުޅިގެން ކަމަށް މިސްރުގެ ނޫސްތައް ބުނެއެވެ.

ޣައްޒާއަށް ވެއްދުމަށް ސަފު ހަދާލާފައިވާ އިންސާނީ އެހީގެ ގާފިލާތައް
އަދި، ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް މިސްރަށް ވެއްދުމަށް މިސްރުން އެއްބާރުލުން ނުދޭނެކަން ވެސް މިސްރުގެ ރައީސް ބްލިންކެންއަށް ދެންނެވިކަން ވެސް މިސްރުގެ މީޑިއާތަކުންވަނީ ހާމަކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްލިންކެން ގަތަރަށް ވަޑައިގެން ގަތަރުގެ ވެރިންގެ ކިބައިން ވެސް އެދިވަޑައިގަތީ ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭރުކުރުމަށް އިސްރާއީލު ގެންގުޅޭ ރޭވުމަށް އެއްބާރުލުންދިނުމެވެ. ނަމަވެސް އޭގެ ބަދަލުގައި ގަތަރުގެ ލީޑަރުން ބްލިންކެންގެ ކިބައިން އެދިވަޑައިގަތީ މިސްރުގެ ތެރެއިން ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި ބޭސްފަދަ އިންސާނީ ހުރިހާ ވަސީލަތްތަކެއް ވެއްދުމުގެ ފުރުސަތު ދިނުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުން ކަމަށް މި ރިޕޯޓްތައް ބުނެއެވެ.
މިސްރުގެ ރިޔާސަތު ބުނާގޮތުން ބްލިންކެން އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ ވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ އާދަޔާ ޚިލާފަށް އާންމުން މަރަމުން ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ގަބޫލުނުކުރެވޭނެކަމާއި އިސްރާއީލުގެ އަނިޔާވެރިކަން މިހާރު މާމައްޗަށް ގޮސްފައިވާ ކަމުގައެވެ.
މައްސަލައިގެ އަސްލަކީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލު ވެރިވެގަނެގެން އުޅޭ އުޅުންކަމާއި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން އިސްރާއީލު ފާބައި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދެނީސް އިސްރާއީލަށް ވެސް އަމާންކަން ނުލިބޭނެކަމާއި ޣައްޒާގެ އާންމުން މެރުމަކީ އިސްރާއީލަށް އަމާންކަން ލިބޭނެކަމެއް ނޫންކަމާއި އަދި އެއީ ހަމާސް ބަލިކުރެވޭނެ ކަމެއް ނޫންކަން ވެސް ސީސީ ބްލިންކެންއަށް ދެންނެވި ކަމަށްވެއެވެ.
ބްލިންކެންގެ ދަތުރުފުޅާ ދިމާކޮށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އައްސަފަދީ ވަނީ ފަލަސްތީނުގެ ދައުލަތް އުފައްދަން ޖެހޭނީ ފަލަސްތީނުގެ ބިމުގައި ކަމަށާއި ފަލަސްތީނު މީހުން ބޭރުކުރާ ތަނަކަށް އުރުދުން ހެދުމުގެ ފުރުސަތު އުރުދުންއިން ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެހީގެ ތަކެތި ހިމެނޭ އެތައް ސަތޭކަ ޓްރެކެއް ޣައްޒާގެ ބޯޑަރުގެ ކައިރީގައި މިސްރު ފަޅީގައިވަނީ ކިޔޫ ހަދާލާފައެވެ. ނަމަވެސް އަދިވެސް އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް އިސްރާއީލު ފުރުސަތު ނުދޭކަމަށް ޚަބަރު ލިބެއެވެ.
ނަމަވެސް އެހީގެ ބައެއް ޓްރަކްތައް ޣައްޒާއަށް ވަނުމުގެ ފުރުސަތު މިއަދު ލިބޭނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މިސްރުން ވަނީ އެހީގެ ޓްރެކްތައް ޣައްޒާއަށް ވަނުމުގެ ފުރުސަތު ނުދެނީ ވެސް ޣައްޒާގައި ތިބި އެމެރިކާ މީހުންނާއި ޔޫރަޕްގެ އާންމުން ޣައްޒާއިން ބޭރުވުމުގެ ފުރުސަތު ނުދޭނެކަން އެ ގައުމުތަކަށް އަންގާފައެވެ. މިސްރުގެ މި ސްޓޭންޑާ ގުޅިގެން މިއަދު ހަ ގަޑީއިރަށް ޣައްޒާއަށް އެހީގެ ޓްރެކްތައް ވެއްދުމުގެ ފުރުސަތު ދޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރުވަނީ 2670އަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 10،000އާ ގާތްކުރާ އަދަދެއްގައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 50 އާއިލާއެއްގެ އެންމެން ވަނީ ޝަހީދުވެފައެވެ. އަނެއްބައި އާއިލާތަކުން ވިހި ތިރީސް މީހުން ވަނީ ޝަހީދުވެފައެވެ.
ފަލަސްތީނު މުޖާހިދުންނާއި ލުބްނާނުގެ ހިޒްބުﷲ މުޖާހިދުން ކެނޑިނޭޅި ގެންދަނީ އިސްރާއީލަށް އެކިވަރުގެ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އިސްރާއީލު މީހުން ވެސް ކޮންމެ ދުވަހަކު ވެސް ހައެެއްކަ މީހުން މަރުވެއެވެ. މިއަދު ހެނދުނު ހިޒްބުﷲ ދިން އިސްރާއީލުގެ އުތުރަށް ދިން ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ އޮފްސަރަކުވަނީ މަރުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް އެއްގަމުން އަަރައިގެންފިނަމަ އިސްރާއީިލުގެ އުތުރަށް ހިޒްބުﷲ ވަދެގެންފާނެކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ހިޒްބުﷲ ހަނގުރާމައަށް ވަދެއްޖެނަމަ ހިޒްބުﷲ އާ ކުރިމަތިލުމުގެ ބަދަލުގައި އިސްރާއީލުން ލުބްނާނުގެ ސިޓީތަކަށް ބޮންއަޅައި ޣައްޒާއެކޭ އެއްގޮތަށް އާންމުން މަރާނެތީ އެކަމުގެ ސަބަބުން ލުބްނާނުގެ އާންމުން ހިޒްބުﷲ ދެކެ ރުޅިއައުމުގެ ފުރުސަތު އޮތުމުން ހިޒްބުﷲ ހަނގުރާމައިގެ ތެރެއަށް ވަންނާނީ އިސްރާއީލުން ސީދާގޮތެއްގައި ލުބްނާނަށް ހަމަލާދީ ލުބްނާނަށް ބޮޑެތި ގެއްލުންތަކެއް ދީފި ހާލަތެއްގައި ކަމަށް މުހައްލިލުން ދެކެއެވެ.
ހިޒްބުﷲ ގެ އާދައިގެ ހަމަލާތަކާއި ހަމާސްގެ ރޮކެޓް ހަމަލާތައް ކޮންމެ ދުވަހަކު އިސްރާއީލުގެ އެކި ރަށްތަކަށް އޮހި އިސްރާއީލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެއެވެ. އިސްރާއީލުގެ ގިނަ ސިޓީތަކުގައި އެއްވެސް ހަރަކާތެއް ނެތެވެ. އާންމުން ތިބެންޖެހެނީ ބިންގަރާސްތަކަށް ވަދެ ފިލައެވެ.
އިސްރާއީލުގެ މައި އެއާޕޯޓް ވެސް ހަމާސްގެ ހަމަލާއަކާ ގުޅިގެން ހަ ގަޑީއިރަށް އިއްޔެ ބަންދުކުރިއެވެ. ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި މަރުވި އިސްރާއީލު މީހުންގެ އަދަދުވަނީ 1450 އަށް އަރާފައެވެ. އަނެއްކޮޅުން އިސްރާއީލުން ވަނީ ޣައްޒާއަށް އެއްގަމުން އަރައިގަތުމުގެ މަސައްކަތް މުއްދަތެއްނެތް ގޮތަށް މަޑުޖައްސާލާފައެވެ.