16 Oct 2023, 13:13
ފަލަސްތީނުގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާޢަތާއި ހައްދުފަހަނަޅައަޅާފައިވާ ޔަހޫދީންގެ ދައުލަތް ކަމުގައިވާ އިސްރާއީލް ސިފައިންނާ ދެމެދު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދޮގު މައުލޫމާތު ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އީޔޫއިން ހުށަހެޅި ޑިމާންޑްތަކަށް ޓިކްޓޮކުން ރައްދު ދީފިއެވެ.
އީޔޫގެ އިންޑަސްޓްރީގެ ވެރިޔާ ތިއޭރީ ބްރެޓަން ވަނީ ހަމަނުޖެހުންތަކާ ގުޅޭ ދޮގު މައުލޫމާތުތައް ހުއްޓުވުމަށް ޓިކްޓޮކުން އަޅާފައިވާ ފިޔަވަޅުތައް ބަޔާންކުރުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.
ޓިކްޓޮކުން ނެރުނު ބަޔާނެއްގައި ވަނީ ކޮމާންޑް ސެންޓަރެއް ތައާރަފު ކުރުމާއި، އޮޓޮމެޓިކް ކޮންޓެންޓް ޑިޓެކްޝަން ސިސްޓަމްތައް ރަނގަޅުކުރުމާއި، އަރަބި އަދި ހިބްރޫ ބަހަށް ހުނަރުވެރި އިތުރު މޮޑަރޭޓަރުން އިތުރުކުރުން ފަދަ މަސައްކަތްތައް ހަރުދަނާކަމާ އެކު ކޮށްފައިވާނެ ކަމަށް ބުނެފައެވެ.
އަދި، ހަމަނުޖެހުން ހިންގުމަށް މަގުފަހިވާ ކޮންޓެންޓް ނައްތާލުމަށާއި ލައިވް ބްރޯޑްކާސްޓް ފީޗާއަށް ޝަރުތު ހަމަވާ ފަރާތްތައް ހިފެހެއްޓުމުގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަޖުރިބާކާރުންނާ ގުޅިގެން އެ ކުންފުނިން އަންނަނީ ފިޔަވަޅުތައް އަޅަމުން ކަމަށް ވެސް ޓިކްޓޮކުގެ ރައްދުގައި ބުނެފައިވެއެވެ.
ޓިކްޓޮކުން ވަނީ ޓެރަރިޒަމާ ދެކޮޅަށް ގެންގުޅޭ ސްޓޭންޑް ކަށަވަރުކޮށްދީ އިޒްރޭލާއި ޣައްޒާއާ ދެމެދު ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޓިކްޓޮކުން މިފަދަ ބަޔާނެއް ނެރުނު ނަމަވެސް ބްރެޓަންއަށް ޓިކްޓޮކުން ދިން ޖަވާބުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.