ޔޫރޯ 2024 ކޮލިފައިން ގްރޫޕް ޑީގައި ވޭލްސް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗް ވޭލްސް ކާމިޔާބުކޮށް މިއަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުން ސީދާ ޖާގައެއް ހޯދުމަށް ކުރަމުން އުންމީދު އާކޮށްފިއެވެ.

ވޭލްސްގައި ރޭ ކުޅުނު މި މެޗް އެ ޓީމް ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗްގައި ގިނައިރު ކްރޮއޭޝިއާއިން ބޯޅަ ގެންގުޅުނުއިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަކޮށެވެ.

މި މެޗްގައި ވޭލްސްއިން ވަނީ ފަހަކަށް އައިސް އެ ޓީމްގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅުން ދައްކާފައެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި މެޗްގެ ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެ ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ވޭލްސްއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ވޭލްސް ޓީމަށް 50 ވަނަ މެޗް ކުޅެމުންދިޔަ ހެރީ ވިލްސަންއެވެ. އަދި މެޗްގެ 60 ވަނަ މިނެޓްގައި ވިލްސަން ވަނީ ވޭލްސްގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗްގައި ކްރޮއޭޝިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި އެ ޓީމަށް ޖަހާދިނީ މާރިއޯ ޕަސަލިޗްއެވެ.

މި ލަނޑާއެކު ވޭލްސް ހާސްކަމުގެ ތެރެއަށް ވެއްޓިގެންދިޔަ ނަމަވެސް އެ ޓީމުން ވަނީ އިތުރު ލަނޑެއް ކްރޮއޭޝިއާއަށް ކާމިޔާބު ވިޔަ ނުދީ ހިފަހައްޓާލާފައެވެ.

މި ކާމިޔާބީއާއެކު ވޭލްސްއަށް މިހާރު މިވަނީ ކުޅުނު ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ގްރޫޕް ޑީގެ ދެވަނައަށް ފައިދާ ގޯލްގެ ތަފާތުން އަރާފައެވެ. ކުރިން ދެވަނައިގާ އުޅުނު ކްރޮއޭޝިއާ މިހާރުވަނީ ފައިދާ ގޯލްގެ ތަފާތުން ތިންވަނައަށް ވެއްޓިފައެވެ. ކްރޮއޭޝިއާ މިވަނީ އެ ޓީމް އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.