ސަރުކާރުން ވިލިމާލޭގައި ކުޑަކުދިންގެ ހިޔަލެއް ހެދީ މައިން ބަފައިންގެ ލޯބިން މަހުރޫމުވެ، އަޅާލާނެ ބަޔަކު ނެތިފައި ތިބޭ ކުދިންނަށް އެހީވެދީ އެކުދިންނަށް ދުޅަހެޔޮކަން ހޯދައި ދިނުމަށެވެ. ނިޔަތް ވަރަށް ރަނގަޅެވެ؛ އެހެން ނަމަވެސް އަބަދުވެސް އިވެމުން ދިޔައީ އެ މަރުކަޒުގައި ތިބޭ ކުދިންނާ ބެހޭ ގޮތުން ދެކެވޭ އެންމެ އެކަށީގެން ނުވާ ވާހަކަތަކެވެ. މިހާތަނަށް އައީވެސް އެފަދަ ބައެއް މައްސަލަތައް ފެންމަތިވަމުންނެވެ.

ކުޑަކުދިންގެ ހިޔާގެ ހަތަރު ފާރުން އެތެރެއިން ފުރަތަމަ ފަހަރަށް މައުލޫމާތެއް ނުކުމެގެން އައީ ހިޔަލަށް ހަ އަހަރު ފުރުނު ފަހުންނެވެ. އެހެންކަމުން މިހާރު އެނގެނީ ކުޑަކުދިންނަށް ހިޔަލުގައި ތިބި ކުދިންނަށް އެހެން ފަރާތްތަކުން ދޭންޖެހޭ ލޯތްބާއި އެހީތެރިކަން ދިނުމަށް ފަސްޖެހިފައިވާ ކަމެވެ. ތަފާތު ކުރުމާއި އެކަހެރި ކުރުންތަކެއް ގެންގުޅޭ ކަމެވެ. މިއީ މުޖުތަމައުގައި ބަލައިގަންނަން އެހާ ފަސޭހެ ވާހަކައެއް ނޫނެވެ. އަދި މިއީ މިހާރުގެ މާހައުލުގައި ވަރަށް ބޮޑަށް ސައިޑްލައިން ކުރެވިފައިވާ އޮވެދާނެ ވާހަކައަކަށް ވެދާނެ އެވެ. ސަބަބަކީ ރާއްޖޭގެ އިޖުތިމާއީ ހުރިހާ މައްސަލަތަކެއްގެ މައްޗަށް ސިޔާސީ ހަލަބޮލި ކަމުގެ ހިޔަނި އެޅިފައި އޮތުމެވެ.

ކުޑަކުދީންގެ ހިޔާގެ ހަ ވަނަ އަހަރީ ދުވަސް މިދިޔަ ހަފުތާގައި ފާހަގަ ކުރި އިރު އެ މަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރު އާމިނަތު މުހައްމަދު ވަނީ ސަރުކާރާއި އާންމުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ވާހަކަތަކެއް ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ތަފާތު ކުރުމާއި އެކަހެރި ކުރުމާއި ފުރުސަތު ނުދިނުމުގެ ސަބަބުން އެ ހިޔާލުގެ ބައެއް ކުދިނަށް ވަނީ ސްކޫލަށް ދިއުމުގެ ދޮރު ބަންދުވެ ކިޔެވުމުން މަހުރޫވުމް ވެފައެވެ.

"އަޅުގަނޑުމެން މި ކުދިން ގޮވައިގެން ވިލިމާލޭގެ މަގުމައްޗަށް ނުކުމެލިޔަސް ނޫނީ ބީޗް ސަރަހައްދަށް ދިޔައަސް އެބަ ބުނޭ ހިޔާގެ ކުދިންނޭ އެކުދިނާއި ކައިރި ނުވާށޭ. އަވަހަށް ހިނގާށޭ ދާން. މި ކުދިންނަކީވެސް ހަމަ އިންސާނުން. މިއީ ސޯލިހު ދަރީން. މި ކުދީންގެ އެއްވެސް ކުށެއްނެތް،" އޭނާ ވިދާޅުވި އެވެ.

މައިންބަފައިން އަޅައި ނުލުމާއި އާއިލާ ކުށުގެ ވެށީގެ ތެރެއަށް ވަދެގެން ޅަފަތުގައި އެކަނިވެރިވާ ކުދިންނަށް ކުޑަކުދިންގެ މަރުކަޒުން ހިޔާ އަޅައި ދެނީ ގައުމީ އަދި މުޅި މުޖުތަމައުގެ ޒިންމާއެއްގެ ގޮތުގަ އެވެ. އެފަދަ ކުދިންތަކަކާމެދު އެކުދިންނާ ގުޅުން ހުރި ފަރާތްތަކާއި އާންމުން ނަފުރަތުކޮށް ބާކީ ކުރަން ފަށައިފި ނަމަ ކުޑަކުދިންގެ ހިޔާ ހެދުމުގެ ބޭނުން މުޅިން ކެނޑުނީ އެވެ. އެފަދަ ކުދިންނަށް ހިޔާ އަޅައި ދިނުމުގެ މަރުކަޒު ގާތްގަނޑަކަށް ނެތުނީ އެވެ.

"ހަގީގަތުގައި މީހުންގެ ލޯބި ދެވޭ ތަނެއްގެ ގޮތުގައެއް ނޫން ހިޔާ މި އޮންނަނީ. މިތާގެ ކުދިންނަކީ، ހާއްސަކޮށް ވަރަށް ގިނަ ކުދިންނަކީ އެންމެޅަފަތުން ފެށިގެން ލޯތްބާއި އަޅައިލުން ނުލިބިގެން ތަފާތުތަކެއް އައުމުން މިތަނަށް ގެނެވޭ ކުދިން. އެކަމަކު އެކުދިންނާމެދު ހުރިހާ ދިމާއަކުން ވެސް ތަފާތު ކުރުންތައް ގެންގުޅޭތަން މިފެންނަނީ،" ކުޑަކުދިންގެ ހިޔާގެ މުވައްޒަފަކު ބުންޏެވެ. (ނަން ހާމަ ކުރެވިފައި ނުވަނީ ހިޔާގެ މުވައްޒަފުންނަށް މައުލޫމާތު ހިއްސާ ކުރުން މަނާ ކުރެވިފައި އޮތުމުން މަސްދަރު ހިމާޔަތް ކުރުމަށެވެ)

ކުޑަކުދިންގެ ހިޔަލުގެ މާހައުލުގައި ހޭދަ ކުރި 22 ކުއްޖަކު މިދިއަ އަހަރު ބެލެނިވެރިންނާއި ހަވާލުކުރި އެވެ. އަދި 23 ކުއްޖަކު އަލަށް ހިޔަލަށް ވެއްދި އެވެ. މިހާރު ވެސް 53 ކުދިން އެބަތިއްވެ. ތަފާތު ކުރުމާއި އެކަހެރި ކުރުމުގެ ސަބަބުން އޭގެ ތެރެއިން ހަ ކުއްޖަކަށް ވަނީ ސްކޫލަށް ނުދެވި އެވެ. މިއީ މިވަގުތުގެ ހާލަތެވެ. އެހެން ކަމުން މިދިއަ ހަ އަހަރު ދުވަހުގެ ތެރޭގައި އެ ތަފާތު ކުރުން އޮންނާނެ ގޮތާއި ހިޔަލަށް ގެންދިޔަ ކުދިންގެ ތެރެއިން އެނބުރި އާއިލާއާ ހަމައަށް ނުވަތަ އެހެން ބައެއް ބައެއްގެ ހިމާޔާތަށް ދާއިރު އެކުދިންނަށް އަޅައިލުމާއި އެހީތެރިކަން އެންމެ މުހިންމުވީ ދުވަސްވަރު ހިޔަލުގެ މާހައުލުން ފިޔަވައި އެހެން ދިމަ ދިމާއިން ލިބިފައިވާނީ ކިހާ ވަރަކަށްތޯ ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ. އަދި މިހާތަނަށް ހިޔަލާ ބެހޭ ގޮތުން "ލީކު" ވެ ދެކެވުނު ވާހަކަތަކަށް ބަލާއިރު ހިޔަލާ މެދު ވެސް ސުވާލު އުފައްދާނެ ޖާގަ ލިބެ އެވެ.


އާމިނަތު ވިދާޅުވި ގޮތުގައި ހިޔަލުގެ ކުދިން ރަށުގެ ތެރެއން ފެނުމުން ތަފާތުކޮށް އެކަހެރި ކުރާއިރު އެކުދިން ކިޔަވަންދާ ސްކޫލްތަކުގެ ބައެއް ބެލެނިވެރީންގެ ފަރާތުން ވެސް އެކުދިންނަށް ދައްކަނީ ރުޅި މޫނެކެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބެލެނިވެރިންނަކީ ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ކިޔަވާ ކުލާހަކަށް އެމީހެއްގެ ދަރިފުޅު ބައިވެރި ކުރަން ވެސް ބޭނުން ނުވާ މީހުންނެވެ. ¬¬

ކުޑަކުދިންގެ ހިޔަލަކީ ނުވަ އަހަރުން ދަށުގެ ކުދިން ބަލާ ތަނެކެވެ. އެހެން ނަމަވެސް އަޅާލާނެ މައިންބަފައިން ނެތުމުގެ ސަބަބުން އުމުރު އެ ފުރައަށް ވުރެ ބޮޑެތި ކުދިން ވެސް ހިޔަލަށް ގެންދަން އޮންނަނީ މަޖުބޫރު ވެފައެވެ. ކުއްޖަކަށް ބޭނުންވާނެ ހުރިހާ ކަމެއް ކުރުމަކީ އެ މަޒުކަޒުގެ ބަޖެޓަށް ކުޅަދާނަ ކަމަކަށް ނުވާނެ އެވެ. އެހެން ކަމުން އެންމެންގެވެސް ހާއްސަކޮށް ވިޔަފާރިތަކާއި ވިޔަފަރިވެރިންގެ އިޖުތިމާއީ ޒިންމާގައި ކުޑަކުދިންގެ ހިޔަލަށް އެހީތެރިވެ ދިނުން ނޯންނަ ނަމަ އެތަނުގައި ތިބި ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ފަސޭހަ ކަމަކަށް ވުރެ ބޮޑަށް އޮންނާނީ އުނދަގުލަކަށް ވެފަ އެވެ.

މީގެ ކުރިން މަދުމަދުން ނަމަވެސް ބައެއް ފަރާތްތަކުން ކުޑަކުދިންގެ ހިޔަލަށް އެހީތައްވާ ކަމަށް ހަބަރުތަކުގައި ބުނެއެވެ. އެހެން ނަމަވެސް ހިޔަލުގެ ވާހަކަތައް ބޭރަށް ނުކުތް އިރު ބޮޑެތި ވިޔަފާރިވެރީން ވެސް ހިޔަލަށާއި އެތާނގެ ކުދީންނަށް އެހީވާން ފަސް ޖެހޭ ކަން ވަނީ ސާބިތުވެފަ އެވެ. އާމިނަތު ވަނީ ހިޔަލަށް އެހީތެރިކަމެއް ދޭން ބައެއް ވިޔަފާރިވެރިންގެ ކިބައުގައި "އާދޭސް" ކުރަން ޖެހޭ ކަމަށެވެ.

"މަދު ވިޔަފާރިވެރިއެއް ނުހުންނާނެ އަޅުގަނޑުމެން ގޮސް އެހީއަށް އެދި އާދޭސް ނުކުރާ. ވޭތުވި އަހަރު ވެސް މި މަރުކަޒު ހިންގާފައިވަނީ ވަރަށް ބޮޑެތި ދަތި ތަކާއިއެކު." ފާތުމަތު ވިދާޅުވި އެވެ.

މުޖުމަތަމައުގައި ހިޔަލާ މެދު އަދި އެތާނގެ ކުދީނާއިމެދު ތަފާތު ކުރުމުގެ ނަޒަރަކުން ދުށުމީ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިހާރު މި އެނގެނީ ހިޔަލުގެ ކުދިންނަށް ބައެއް ސްކޫލްތަކުން ވެސް ފުރުސަތު ދޭން ބޭނުން ނުވާ ކަމެވެ. ވައްދަން އުޅޭ ގުރޭޑާއި އެ ކުދީންގެ ފެންވަރު ނެތުމާއި އުމުރުން މާ ދޮށިވުމުގެ އުޒުރުތަކާ ވެސް އެކު އެވެ.

"ކޮންމެ ދުވަހަކުވެސް [އެކުދިން] އަހާ ކޮބާހޭ އަދިވެސް ސްކޫލް ހަމަ ނުޖެހޭ ހޭ. ކީކޭތޯ އަޅުގަނޑު ބުނާނީ؟" އާމިނަތު ސުވާލު ކުރި އެވެ.

ކުޑަކުދީންގެ ހިޔާގައި ތިބި ކުދީންނާއިމެދު މުޖުތަމުގެ ވިސްނުން ބަދަލުކުމަކީ ކުރަންޖެހޭ ކަމެކެވެ. މިކަމުގައި އަލަށް އުފެދުނު ހިއުމަން ރައިޓްސް މިނިސްޓްރީގެ ވަރަށް ބޮޑު ދައުރެއް އޮންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ރަމީލާ ވަނީ ކުޑަ ކުދީންގެ ހިޔާގައި ތިބޭ ކުދީންނާއިމެދު ބައެއް ސްކޫލްތަކުން ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް އެހީވެ ދެއްވާނެ ކަމުގެ އިޝާރާތް ކުރައްވާފަ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ފުރަތަމަ ކަމަކަށް ހިޔާގައި ތިބި ބޮޑެތި ކުދީންވެސް އެހެން މަރުކަޒަކަށް ބަދަލު ކުރުމަށް މަސައްކަތައް ވަރަށް އަވަހަށް ކުރައްވާނެ އެވެ. މިއީ ރަނގަޅު ސިގުނަލަކަށް ވެދާނެ އެވެ. އަދި މިއީ އާ ނަޒަރަކުން ކުޑަކުދިންގެ ހިޔަލާމެދު ވިސްނަން ފަށައިގަތުން ކަމަށް ވެސް ވެދާނެ އެވެ. ގޯހެއް ރަނގަޅުވާނީ އެވާހަކަ ދެކެވި އެއަށް އެޑްރެސްވެސް ކުރެވިގެނެވެ. އެހެން ކަމުން ރަނގަޅެއް ވާނެ ކަމަށް ބަލަމާ ހިނގާށެވެ.