މިއަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުން ސްޕެއިން އާއި ސްކޮޓްލަންޑް ޖާގަހޯދައިފިއެވެ.

މިމުބާރާތުން ސްޕެއިން ޖާގަހޯދީ ޔޫރޯ ކޮލިފައިން ގްރޫޕް އޭ ގައި ރޭ ނޯވޭ އާ ރަށުން ބޭރުގައި ބައްދަލުކުރި މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗް ސްޕެއިން އިން ކާމިޔާބުކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންއެވެ. މި މެޗްގެ ފުރަތަމަ ހާފްގެ 20 ވަނަ މިނެޓްގައި ސްޕެެއިނަށް ލަނޑެއް ކާމިޔާބު ކުރެވުނު ކަމަށް އެޓީމަށް ހީވި ނަމަވެސް ކެޕްޓަން އަލްވާރޯ މޮރާޓާ ނޯވޭގެ ގޯލަށް ވައްދާލި ބޯޅަ ވަނީ އޮފް ސައިޑް ވުމުގެ ސަބަބުން ބަލައި ނުގަތްފައެވެ.

މި މެޗްގައި ސްޕެއިން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ގާވީއެވެ. މިއީ އުމުރުން 19 އަހަރުގެ ގާވީ ސްޕެއިން ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 25 މެޗްގައި ކާމިޔާބުކޮށްދިން ފަސް ވަނަ ލަނޑެވެ.

މި މެޗްގައި ނޯވޭގެ ނުރައްކާތެރި ފޯވާޑް އާލިންގް ހާލަންޑް އަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ސްޕެއިން މިހާރު މި ވަނީ ބާކީ ދެ މެޗް އޮއްވާ ޔޫރޯއިން ޖާގަހޯދާފައެވެ. އެ ޓީމުން މިހާރު މިވަނީ ކުޅުނު ކުޅުނު ހަ މެޗުން 15 ޕޮއިންޓް ހޯދާ ގްރޫޕް އެއްވަނައަށް ވެސް އަރާފައެވެ. ގްރޫޕްގެ ތިން ވަނައިގާ ހަތް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އޮތް ނޯވޭއަށް ޔޫރޯއަށް ކޮލިފައިވުމަށް މިހާރު ފުރުސަތު އޮތީ ޕްލޭ އޮފް ކުޅެގެންނެވެ. އެ ފުރުސަތު ވެސް އެ ޓީމަށް ލިބެން އޮތީ ބާކީ އޮތް މެޗް ކާމިޔާބު ކުރުމުގެ އިތުރުން ގްރޫޕް ޖީއިން ސާބިއާ ކޮލިފައިވެއްޖެ ނަމައެވެ.

މި މެޗުން ނިކުން ނަތީޖާގެ ސަބަބުން މި ގްރޫޕްގެ ދެވަނައިގާ އުޅޭ ސްކޮޓްލަންޑްވެސް މިހާރު މިވަނީ ޔޫރޯ މުބާރާތަށް ކޮލިފައިވެފައެވެ. ސްކޮޓްލަންޑަށް ވެސް މި ވަނީ ސްޕެއިން އެކޭ އެއްގޮތަށް ހަ މެޗުން 15 ޕޮއިންޓް ލިބިގެން ގޮސްފައެވެ.

މިއީ ޔޫރޯ މުބާރާތުން ސްކޮޓްލަންޑްއިން ޖެހިޖެހިގެން ފަހަކަށް އައިސް ޖާގަހޯދި ފުރަތަމަ ފަހަރެވެ.