16 Oct 2023, 09:05
އެކްޓަރު ޝާހިދު ކަޕޫރުގެ ކުރިޔަށް އޮތް ތުރިލާ ފިލްމުގެ ބަތަލާގެ ރޯލަށް ޕޫޖާ ހެގްޅޭ ސޮއި ކޮށްފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.
ކުރިޔަށް އޮތް އަހަރު ސިނަމާ ތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ އެކްޝަން ތުރިލާ އެކެވެ. ފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ހަމަޖެހިފައި ނުވާއިރު މިއީ ޕޫޖާ އާއި ޝާހިދު އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ.
ބަތަލާ ވިދްޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ރޯޝަން އެންޑްރޫއެވެ.
ރޯޝަން ޑައިރެކްޓް ކޮށްފައިވާ ބައެއް ފިލްމު ތަކުގެތެރޭ މި ދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ސެލިއުޓް" ހިމެނެއެވެ. އެންޑްރޫގެ ގިނަ ފިލްމީ މަސައްކަތް ތަކަކީ މަލަޔާލަމް ސިނަމާ އަށް ކޮށްދީފައިވާ މަސައްކަތް ތަކެވެ. އަދި މިއީ ސައުތު ސިނަމާގެ ގިނަ ފިލްމު ތަކެއްގައި މަސައްކަތް ކޮށްފައިވާ ބަތަލާ އެންޑްރޫ އާއެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ.
ހައި ޕްރޮފައިލް ކޭސް އެއްގެ ތަހުގީގުގެ މައްޗަށް ބިނާ ކޮށްފައިވާ މި ފިލްމުގައި ޝާހިދު އާއި ޕޫޖާ ކުޅޭނެ ރޯލާ ބެހޭ ރަސްމީ މައުލޫމާތެއް އަދި ހިއްސާ ނުކުރެއެވެ.
ޝާހިދުއާ އެކު އަލަށް ފިލްމަކުން ފުރުސަތު ލިބުމުން ޕޫޖާ ބުނެފައި ވަނީ ޝާހިދު ކަޕޫރަކީ ބޮލީވުޑްގެ އެންމެ ތަޖުރިބާ ހުރި އެކްޓަރުންގެ ތެރޭ ގުނާލެވޭ ފިލްމީ ތަރިއެއް ކަމަށެވެ. ޕޫޖާގެ އުއްމީދަކީ މި ފިލްމުގެ މަސައްކަތް ނިންމާލާއިރު ފިލްމީ ކެރިއަރަށް ބޭނުން ހިފޭނެ ގިނަ ފިލާވަޅު ތަކެއް މި ޓީމުގެ ފަރާތުން ދަސްވުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މި އަހަރުގެ އޭޕްރިލް މަހު ރިލީޒް ކުރި ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" އިން އެންމެ ފަހުން ފެނިފައިވާ ބަތަލާގެ ފިލްމު ތަކުގެތެރޭ "ބީސްޓް" އަދި "ރާދޭ ޝްޔާމް" ހިމެނެއެވެ.