އިންގްލަންޑް އެފްއޭ. ވިމެންސް ސުޕަ ލީގުގައި މެންޗެސްޓާ ސިޓީ ވިމެން އާއި ބްރިސްޓަލް ސިޓީ ވިމެން ބައްދަލު ކުރި މެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗް އެއްކޮށްހެން ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްފައިވަނީ ސިޓީގެ ޓީމުންނެވެ. އަދި މި މެޗްގެ ފުރަތަމަ ހާފްގައި ސިޓީގެ ފަރާތުން ފެނިގެންދިޔައީ ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެކެވެ.

މި ގޮތުން މި މެޗްގައި އެ ޓީމުން ކާމިޔާބުކުރި ފަސް ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ. މި މެޗްގެ ފުރަތަމަ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗްގެ ނުވަ ވަނަ މިނެޓްގައި ޖިލް ރޫޑްއެވެ. މި މެޗްގައި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހާދިނީ ލެއިއާ އަލެއިޒާންޑްރީއެވެ. ސިޓީއިން މި މެޗްގައި ކާމިޔާބުކުރި ތިން ވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ މިސިޔަ ސީޒަންގައި ވިމެންސް ސުޕަ ލީގުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހާދިން ހަދީޖާ ޝޯއެވެ.

މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މި މެޗްގައި ސިޓީގެ ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ފުރަތަމަ ލަނޑު ޖަހާދިން ރޫޑް ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު އިތުރު ވަގުތުގެ ހަވަނަ މިނެޓްގައި ޖަހާ ދިނީ ޝޯއެވެ. މި މެޗްގައި ޝޯ އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އެލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ.

މި ކާމިޔާބީއާއެކު މެންޗެސްޓާ ސިޓީ ވިމެން މިހާރު ވަނީ ވިމެންސް ސުޕަ ލީގުގެ އެއްވަނައަށް ޖަހާފައިވާ ލަނޑުގެ ތަފާތުން އަރާފައެެވެ. އެއީ މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއި ފައިދާ ހަތް ގޯލާއެކުއެވެ.

ދެވަނަ އާއި ތިންވަނައިގައި އުޅޭ ލެސްޓާ ސިޓީ ވިމެން އާއި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ވިމެންއަށް މި އަދަދަށް ޕޮއިންޓް ލިބިފައިވީނަމަވެސް ފައިދާ އޮތީ ތިން ގޯލެވެ. މި މެޗުން ލިބުނު ނާކާމިޔާބީއާއެކު ބްރިސްޓަލް ސިޓީ ވިމެން އުޅެނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެ 12 ޓީމް ހިމެނޭ މިލީގުގެ އެންމެ ފުލުގައެވެ.