ބަތަލާ ކަރީނާ ކަޕޫރު އަލަށް ޕްރޮޑިއުސް ކުރާ ފިލްމު "ދަ ބަކިންގްހަމް މާޑާސް" އަކީ ދިގު އިންތިޒާރަކަށް ފަހު ކެރިއަރު ގައި ކުޅެން އެންމެ އުއްމީދު ކުރި ކަހަލަ ރޯލެއް ކުޅެވުނު ފިލްމު ކަމަށް ބަތަލާ ބުނެފިއެވެ.

މި އަހަރުގެ ލަންޑަން ފިލްމު ފެސްޓިވަލުގައި "ދަ ބަކިންގްހަމް މާޑާސް" ޕްރިމިއާ ކުރުމާ އެކު ކަރީނާ ވަނީ ފިލްމު ސެޓުގައި ނަގާފައިވާ ފޮޓޯ ތަކާއެކު ފިލްމުގެ ބައެއް މަންޒަރު ތަކުގެ ފޮޓޯތައް އާއްމުންނާ ހިއްސާ ކޮށްފައެވެ.

ހަންސަލް މެހެތާ ޑައިރެކްޓް ކޮށް ކަރީނާ ކަޕޫރު އަދި އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ މި ފިލްމަކީ، ލިޔުންތެރިޔާ އަސީމް އަރޯރާ ލިޔެފައިވާ ވާހަކައިގެ އަސްލަށް ބަލައިގެން އުފެއްދި ތުރިލާ އެކެވެ. ފިލްމު ގައި ކަރީނާ ކުޅެފައިވާ ޖަސްމީތު ބާމްރާ ނަމަކަށް ކިޔާ ޑިޓެކްޓިވް ރޯލަކީ، އިނގިރޭސި ވެބް ސީރީސް "މެއާ އޮފް އީސްޓްޓައުން"ގައި ހޮލީވުޑް ބަތަލާ ކޭޓް ވިންސްލެޓް ކުޅެފައިވާ ރޯލާ ދާދި އެއްގޮތް ރޯލެކެވެ.

ޢުމުރުން އެންމެ ދިހަ އަހަރުގެ ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލި ޙާދިސާގެ ތަހުގީގު ދައްކުވައިދޭ މި ފިލްމު ކަރީނާ ސިފަ ކޮށްފައި ވަނީ ވަރަށް ޖަޒުބާތީ ފިލްމެއްގެ ގޮތުގައެވެ.

"ދަ ބަކިންގްހަމް މާޑާސް" މި އަހަރުގެ ލަންޑަން ފިލްމު ފެސްޓިވަލުގައި ޕްރިމިއާ ކޮށްފައިވީ ނަމަވެސް ފިލްމު ސިނަމާ ތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 22 ގައެވެ. ބަތަލާ ކަރީނާ ކަޕޫރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފެށި ފިލްމު "ޖާނެ ޖާ" އިންނެވެ.