ޗައިނާގެ ވިޔަފާރީގެ މަރްކަޒީ ރަށް ޝެންހާއީ ގައި ކުރިއަށްދިޔަ ޝެންހާއި މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ޕޯލަންޑްގެ ހޫބާޓް ހޫކާޗް ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޫކާޗް ހޯދީ ރޭ ކުޅުނު ފައިނަލްގައި ދުނިޔޭގައި ހަތް ވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް އާއި ބައްދަލުކޮށް ދެ ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހައެއް ތިނަކުން ކާމިޔާބުކުރީ ހޫކާޗްއެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް ރުބްލޭވްވަނީ ތިނެއް ހަޔެއްގެ ނަތީޖާއިން ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މެޗް ގެންގޮސްފައެވެ. ތިން ވަނަ ސެޓްގައި ހައެއް ހަޔަކުން ދެކުޅުންތެރިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ.

ޓައިބްރޭކްގައި ހައެއް ފަހެއްގެ ލީޑެއް ރުބްލޭވް ނަގާ މެޗް ޕޮއިންޓަށް ކުޅުނު ނަމަވެސް ހޫކާޗް ވަނީ ހިތްވަރާއެކު ކުޅޭ އަށެއް ހަޔަކުން ޓައިބްރޭކް ކާމިޔާބުކޮށް މި މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި މި ދެކުޅުންތެރިން ވެސް ވާދަކުރަމުންދިޔައީ އެ ދެ ކުޅުންތެރިންގެ ކެރިއަރުގެ ދެވަނަ މާސްޓާސް 1000 މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި މެޗްގައި ދުނިޔޭގައި 17 ވަނައަށް ރޭންކް ކުރެވިފައިވާ ހޫކާޗްވަނީ 21 އޭސް ސާވް ކޮށްފައެވެ. އަދި މިމެޗާއި ރުބްލޭވް ކުރިމަތިލީ އޭގެ ކުރިން މިމުބާރާތުގައި އެންމެ ސެޓެއްވެސް ގެއްލުވާނުލައެވެ. ނަމަވެސް ފައިނަލްގައި އޭނާއަށް ހޫކާޗް ހިފެހެއްޓެގޮތެއް ނުވިއެވެ.

މި މުބާރާތް ކާމިޔާބު ކުރެވޭގޮތް ނުވިނަމަވެސް ރުބްލޭވް މިހާރު އޮތް ރޭންކަށް ބަލާއިރު އޭނާއަށް ސީޒަން ނިންމާ މުބާރާތް ކަމަށްވާ އިޓަލީވިލާތުގެ ޓިއުރިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.ޓީ.ޕީ. ފައިނަލްސްއިން ޖާގަ ލިބޭނެކަން ވަނީ ކަށަވަރުވާ ހިސާބުގައެވެ.