16 Oct 2023, 09:25
އެޕަލްގެ އައިފޯން 15 ސީރީޒް ނެރުތާ މަހެއް ވެސް ނުވަނީސް، އެ ފޯނު ރަނގަޅަށް ބާޒާރަށް ނުނެރެވިގެން އުޅެނިކޮށް އެޕަލްގެ ކުރިއަށް އޮތް އައިފޯން 16 ގެ ލައިންއަޕްގެ ވާހަކަތައް މިހާރު ތިލަވާން ފަށައިފިއެވެ.
އައިފޯނު 16 ރިލީޒް ކުރުމާ ދެމެދު ކުރިއަށް އަދި އަހަރެއްހައި ދުވަސް އޮތް ނަމަވެސް އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އައިފޯން 15 ޕްރޯ މޮޑެލްތަކާ އަޅާ ބަލާއިރު 0.2 އިންޗިހާ ތަންކޮޅެއް ބޮޑު ޑިސްޕްލޭއަކާ އެކު އަންނާނެ ފޯނެއް ކަމަށް އާ ރިޕޯޓަކުން މިވަނީ ދައްކައިފައެވެ. އަދި، 5ޖީ ޕާފޯމަންސް ރަނގަޅު ކުރުމަށް ކުއަލްކޮމްގެ އެންމެ ފަހުގެ ސެލިއުލާ މޮޑެމް ޕެކް އެއް ހުންނާނެ ކަމަށް ބެލެވެއެވެ.
އެޕަލްއިން އައިފޯން 16 އަދި އައިފޯން 16 ޕްލަސްގައި ސްނެޕްޑްރެގަން އެކްސް70 މޮޑެމް ހިމަނާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ޕްރޯ މޮޑެލްތަކުން ވައިފައި ހަތެއް ކަނެކްޓިވިޓީ ލިބޭނެ ކަމަށާއި ފޯނުގެ ފަހަތުގައި އާ އަލްޓްރާ ވައިޑް ލެންސެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ހައިޓޮންގް އިންޓަނޭޝަނަލް ސެކިއުރިޓީޒްގެ ޓެކް އެނަލިސްޓް ޖެފް ޕޫ އާ ހަވާލާދީ 9ޓު5މެކްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން 2024 ވަނަ އަހަރު ތައާރަފުކުރުމަށް ހަމަޖެހިފައިވާ އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް މޮޑެލްތަކުގައި ގާތްގަނޑަކަށް 6.3 އިންޗި އާއި 6.9 އިންޗީގެ ޑިސްޕްލޭ ސައިޒުތައް ހުންނާނެއެވެ.
މި ވާހަކަތައް ހަގީގަތަކަށް ވެއްޖެ ނަމަ، މިއީ އައިފޯން 15 މޮޑެލްތަކަށް ވުރެ ބޮޑު، ސްކްރީން ސައިޒް އަޕްގްރޭޑަކަށް ވާނެއެވެ. ޕޫ ބުނީ ކުއަލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން އެކްސް75 ސެލިއުލާ މޮޑެމް ޕެކްކޮށް، 5ޖީ ކަނެކްޓިވިޓީ ހަލުވިކޮށް ހަރުދަނާ ކުރުމަށް އެޕަލްއިން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެނަލިސްޓް ޕޫ ބުނީ ރެގިއުލާ އައިފޯން 16 އަދި އައިފޯން 16 ޕްލަސްގައި ސްނެޕްޑްރެގަން އެކްސް70 މޮޑެމް ބޭނުން ކުރަމުން ގެންދާނެ ކަމަށެވެ. އެންމެ ފަހުގެ އައިފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސްގައި ވެސް ސްނެޕްޑްރެގަން އެކްސް70 މޮޑެމް އެއް ހިމެނެއެވެ.
މީގެ އިތުރުން އައިފޯން 16 ޕްރޯ މޮޑެލްއިން ވައިފައި 7ކަނެކްޓިވިޓީ ލިބޭނެ ކަމަށް ރިޕޯޓްތައް ބުނާއިރު އައިފޯން 16 އަދި އައިފޯން 16 ޕްލަސްއިން ވައިފައި 6އީއަށް އަޕްގްރޭޑް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފަހަރުގެ ޕްރޯ މޮޑެލްތަކުގައި ވައިފައި 6އީ ސަޕޯޓް ކުރާނެއެވެ.
މީގެ އިތުރުން، ޖެފް ޕޫ ބުނީ އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްގެ ދެ މޮޑެލްގައި ވެސް ރަނގަޅު ޒޫމަކަށް 12 މެގަޕިކްސެލްގެ ޓެޓްރާ-ޕްރިޒަމް ލެންސެއް ހުންނާނެ ކަމަށެވެ. ޕްރޯ މޮޑެލްގައި އާ އަލްޓްރާ ވައިޑް ލެންސެއް ވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ. އެޕަލްއިން ޕްރޯ މޮޑެލްތަކުގައި 48 މެގަޕިކްސެލްގެ އާ އަލްޓްރާ ވައިޑް ކެމެރާއެއް ޕެކް ކުރާނެ ކަމަށް ޕޫ ބުނެފައިވެއެވެ.
މިއީ އައިފޯން 15 ޕްރޯގެ 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއަށް ވުރެ ފާހަގަކޮށްލެވޭ އަޕްގްރޭޑަކަށް ވާނެއެވެ.
ޕޫ ބުނި ގޮތުގައި އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް ގައި ތިން އެންއެމް ޕްރޮސެސްއެއްގެ މައްޗަށް ބިނާކޮށް އޭ18 ޕްރޯ ބަޔޮނިކް ޗިޕެއް ހިމެނޭއިރު އާދައިގެ އައިފޯން 16 މޮޑެލްތަކަށް އޭ17 ޕްރޯ ޗިޕްގެ ޓޯންޑް ޑައުން ވާޝަނެއް ލިބޭނެއެވެ. ޖެފް ޕޫގެ މި ވާހަކަތަކަކީ ކުރީގެ ރިޕޯޓްތަކާ އެއްގޮތް ވާހަކަތަކެކެވެ.
ޑިސްޕްލޭ ސަޕްލައި ޗެއިން ކޮންސަލްޓެންޓް (ޑީއެސްސީސީ)ގެ އެނަލިސްޓް ރޮސް ޔަންގް ވެސް މިދިޔަ މެއި މަހުގެ ކުރީކޮޅު ވަނީ އައިފޯން 16 ޕްރޯ މޮޑެލްތަކުގެ ސްކްރީން ސައިޒަށް އަޕްޑޭޓެއް ލިބޭނެ ކަމަށް ބުނެފައެވެ.