އދ. މަހިބަދޫގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ ބަޔަކު، މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ވ. ފެލިދޫ ޕެރަޑައިސް، އަބޫބަކުރު އިބްރާހީމް 19، އާއި ފުލިދޫ ހުސްނުހީނާގެ، މުހައްމަދު ޒަމީރު 30، ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މަހިބަދޫ ތަރަހަ ކިޔާ ގޭގައި ތިއްބަ އެވެ. ފުލުހުން ބުނީ އެ ދެ މީހުންގެ ހަށިގަނޑު ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ދިޔާ އެއްޗެއް ހުރި ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ 44 ހުސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ދިރިއުޅޭ ތަނާއި ތަކެތި ބަލައި ފާސްކުރި އިރު ތޫނު ހަތިޔާރުގެ ގޮތުގައި ބެލެވޭ ދެ ވަޅިއާއި ކަޓަރެއް ވަނީ ފެނިފައިވާ ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހު ވެސް މަހިބަދު އަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު މީހަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބްލެޓްސައިޒުގެ ޕެކެޓަކާ އެކު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.