16 Oct 2023, 08:55
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމު "ގަދަރު2" އަށް ފަހު ސަނީ ޑިއޯލް ފިލްމު ކުޅެދޭ އަގު ވަނީ ބޮޑު ކޮށްފައެވެ.
ފިލްމު ކުޅެދޭ ރޭޓު މަތިކޮށް އަންނަ އަހަރު މަސައްކަތް ފަށަން ނިންމާފައިވާ ފިލްމު "ބޯޑާ 2" ކުޅެން އެކްޓަރު އެއްބަސްވެފައި ވަނީ 50 ކްރޯރް އިންޑިއަން ރުޕީސް އަށެވެ. އެއީ ހަ މިލިއަން އެމެރިކާ ޑޮލަރެވެ.
ޖޭޕީ ދައްތާ އަދި ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ މި ފިލްމަކީ، 1997ވަނަ އަހަރު ސަނީ މުހިއްމު ރޯލެއް ކުޅުނު ފިލްމު "ބޯޑާ"ގެ ސީކުއަލް އެކެވެ. ހަނގުރާމަ މަތީ ހާދިސާ ތަކެއް ދައްކުވައިދޭނެ މި ފިލްމަށް ސަނީ ޑިއޯލް ބޮޑު އަގެއް ހުށަހަޅާފައި ވާއިރު ފިލްމު ރިލީޒް ވުމަށްފަހު ފައިދާގެ ގޮތުގައި ލިބޭ އާމްދަނީގެ ބައެއް ވެސް ސަނީއަށް ލިބެން ޖެހޭ ކަމަށް އެކްޓަރު ވަނީ ޝަރުތު ކޮށްފައެވެ.
ފިލްމު "ގަދަރު2" އަށް ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް ސަނީ ޑިއޯލްގެ މި ސީކުއަލް އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ހޯދޭނެ ކަމުގެ ޔަގީން ކަން ޕްރޮޑިއުސަރުން ނަށް އެބައޮތް ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.
އެހެން ކަމުން ކޮންމެ ފަދަ ޝަރުތަކާ އެކު ވިޔަސް ފިލްމުގެ ދެ ޕްރޮޑިއުސަރުން ބޭނުން ވަނީ ސަނީ "ބޯޑާ2" އަށް ގެންނަން ކަމަށް މީޑިއާ ރިޕޯޓު ތަކުން ވަނީ ބުނެފައެވެ. އަންނަ އަހަރުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިންގް ފަށަން ރޭވިފައި ވާއިރު ސަނީ ޑިއޯލް އާއެކު މި ފިލްމުން އަޔުޝްމާން ކުރާނާ، އަހާން ޝެޓީ އަދި އަމީ ވާކް ފެންނާނެއެވެ.