އަންނަ އަހަރުގެ ޔޫރޯގައި އިންގްލެންޑުގެ ތަފާތަކަށް ވާނީ ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކަމަށް ބުނެ، އޭނާއަށް އިނގިރޭސި ޑިފެންޑަރު ކިއެރެން ޓްރިޕިއާ ތައުރީފުކޮށްފިއެވެ.

މި ސީޒަނުގައި ރެއާލާ ގުޅުމަށް ފަހު، އުމުރުން 20 އަހަރުގެ ބެލިންހަމް ދަނީ އެ ކްލަބަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލަށް މިހާތަނަށް ބެލިންހަމް ދިހަ ގޯލު ކާމިޔާބުކޮށްދީފައިވާ އިރު، އޭނާއަކީ އިނގިރޭސި ޓީމަށް ވެސް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް ނިއުކާސަލް ޔުނައިޓެޑުގެ ޑިފެންޑަރު ޓްރިޕިއާ ވަނީ ބުނެފައެވެ.

"އެހާ ޒުވާން އުމުރުގައި އޭނާ އެ ދައްކަނީ ފެންވަރު ރަނގަޅު، ނުރައްކާ ކުޅުމެއް. އަހަރެންނަށް ކުރިން ވެސް އެނގޭ އޭނާއަކީ ރެއާލްގައި ވެސް އެ ފެންވަރު ދެއްކޭނެ ކުޅުންތެރިއެއްކަން. ބެލިންހަމް ކުޅެމުން އެދަނީ މިނިވަންކަމާ އެކު. އަދި ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިންގެ ފަރާތުން އޭނާގެ ކުޅުން އިތުރަށް ރަނގަޅުވާނެ. ބިރު ގަންނަން ޖެހޭ ކަމަކީ އޭނާގެ އުމުރުން އަދި 20 އަހަރުކަން. ޔޫރޯގައި އިންގްލެންޑުގެ ތަފާތަކަށް ބެލިންހަމް ވާނެ," ޔޫރޯ ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު އިޓަލީއާ ދެކޮޅަށް އިންގްލެންޑް ކުޅޭ މުހިންމު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރިޕިއާ ބުންޏެވެ.

މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލާ ބެލިންހަމް ގުޅުނީ 103 މިލިއަން ޔޫރޯގެ އަގަކަށެވެ. އެ އަގުގެ ބަދަލު ކުޅުމުން ބެލިންހަމް ދައްކަމުންދާ އިރު، އޭނާގެ ކުޅުމަށް ފުޓުބޯޅަ ލެޖެންޑުން ވެސް ތައުރީފުކުރެއެވެ. އެގޮތުން ރެއާލްގެ ލެޖެންޑް ލުއިސް ފީގޯ ވެސް ދެކޭގޮތުގައި، ބެލިންހަމްއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

ރެއާލާ ގުޅުމުގެ ކުރިން ވެސް ބެލިންހަމްއަކީ އިނގިރޭސި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އިނގިރޭސި ޔޫތު ޓީމުތަކަށް ވެސް ކުޅެފައިވާ ބެލިންހަމް، ސީނިއާ ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2020 ވަނަ އަހަރުއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި އިޓަލީއާ ދެކޮޅަށް ކުޅޭ ޔޫރޯ ކޮލިފައިންގެ މެޗަށް އިނގިރޭސީން ނުކުންނާނީ ރާއްޖޭ ގަޑިން އަންނަ އަންގާރަ ދުވަހުގެ ރޭ 11:45 ގައެވެ. ކޮލިފައިންގެ "ގްރޫޕު ސީ"ގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އިންގްލެންޑް އޮތް އިރު، ދެވަނައިގައި އޮތް އިޓަލީއަށް ފަސް މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޔޫކްރޭނުން ވެސް ދިހަ ޕޮއިންޓް ހޯދާފައިވުމުން އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަކީ އިޓަލީއަށް ވެސް މުހިންމު މެޗެކެވެ. ޔޫކްރޭނުން ވަނީ ހަ މެޗު ކުޅެފައެވެ.