16 Oct 2023, 00:15
ޕޯޗުގަލް ފޯވަޑް ޖޮއާއޯ ފީލިކްސްއަށް ދާއިމީ ކޮންޓްރެކްޓެއް ހުށަހަޅާނެ ގޮތެއް ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
މިސީޒަނުގައި އެތުލެޓިކޯ މެޑްރިޑުން ލޯނުގެ ދަށުން ގެނައި ފީލިކްސް ދަނީ ބާސާއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އޭނާ ވަނީ ބާސާއަށް ތިން ގޯލު ޖަހައި، ދެ އެސިސްޓް ހަދައިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފީލިކްސް ދައްކަމުންދާ މޮޅު ކުޅުމާ ގުޅިގެން އަންނަ ސީޒަނުގައި ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ގެންދިއުމަށް ގޮތެއް ހޯދުމުގެ މަސައްކަތް ބާސާ އިން ދަނީ ކުރަމުންނެވެ. އަދި ފީލިކްސް ވެސް ދާއިމީ ކޮންޓްރެކްޓެއް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނާ އިރު, ކުޅުންތެރިން ހޯދުމަށް ބާސާއަށް އޮތް ގޮންޖެހުމަކީ އެ ކްލަބުގެ މާލީ ހާލަތެވެ.
އުމުރުން 23 އަހަރުގެ ފީލިކްސް ލޯނުގެ ދަށުން ބާސާއާ ގުޅުނީ އަމިއްލައަށް މުސާރަ ކުޑަކުރުމަށް ވެސް އެއްބަސްވެގެންނެވެ. އޭނާއަށް ބާސާއިން މިއަހަރު މުސާރައިގެ ގޮތުގައި ދޭނީ 400،000 ޔޫރޯއެވެ.
ފީލިކްސް މިވަގުތު ހުރީ ޕޯޗުގަލް ގައުމީ ޓީމާއެކުއެވެ. ޕޯޗުގަލުން 3-2ގެ ނަތީޖާއަކުން ސްލޮވޭނިއާ ބަލިކުރި މެޗުގައި ފީލިކްސް ކުޅެފައިވާ އިރު، އެ މެޗުން ހޯދި މޮޅާއެކު ޕޯޗުގަލަށް ވަނީ އަންނަ އަހަރުގެ ޔޫރޯއިން ޖާގައެއް ކަށަވަރުވެފައެވެ.
ޔޫރޯ ކޮލިފައިންގައި މާދަމާ ރޭ ޕޯޗުގަލުން ބޮސްނިއާއާ ދެކޮޅަށް ނުކުންނާނެއެވެ. ރަށުން ބޭރުގައި ޕޯޗުގަލް ކުޅޭ އެ މެޗު ފަށާނީ ރާއްޖޭގަޑިން މާދަމާ ރޭ 11:45 ގައެވެ.