ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމުގައި ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލުތަކުގައި އިންޒާރަކާ ނުލައި ބާރުގެ ބޭނުންކުރެވޭނެ ހާލަތްތައް އިތުރަށް ތަފްސީލްކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން އެދެފިއެވެ.

އެ ކޮމިޝަނުން އެފަދައިން އެދުނީ ފުލުހުން ހަތިޔާރު ބޭނުންކުރުމާއި ބާރުގެ ބޭނުންކުރުމާ ގުޅޭ ޕޮލިސީ ރިވިއު އާންމުކުރަމުންނެވެ.

އެޗްއާރްސީއެމް އިން ބުނީ ފުލުހުންނަށް ގާނޫނުން ލިބިދީފައިވާ ބާރާއި ހަތިޔާރު ބޭނުންކުރުމުގައި އުސޫލުތައް އެކުލަވައިލުމުގައި އދ.ގެ ގައިޑްލައިންތަކަށް ރިއާޔަތްކޮށްފައިވާކަން ޖުމްލަ ގޮތެއްގައި ފާހަގަވާކަމަށެވެ.

ނަމަވެސް އަދިވެސް ބައެއް ގަވައިދުތަކާ ގުޅިގެން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިނުލެވި ހުރިކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އެއާއެކު އެ ކޮމިޝަނުން ވަނީ ގަވައިދުތަކާއި އުސޫލުތަކަށް ގެންނަން އެ ކޮމިޝަނުން ހުށަހަޅާ ކަންކަމުގެ ގޮތުގައި ޖުމްލަ އަށް ކަމެއް ހުށަހަޅައިފައެވެ.

އެގޮތުން ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ބަޔާންކުރާ ގަވައިދަށް ތިން ކަމެއް ހުށަހަޅައިފައިވެއެވެ.

އޭގެ ތެރޭގައި، ކަސްޓޯޑިއަލް ޖަލުތަކުގައި އިންޒާރަކާ ނުލައި ބާރުގެ ބޭނުންކުރުމަށް ގޮތް ނިންމުމުގެ އިޚްތިޔާރު ޖަލު ބަލަހައްޓާ އޮފިސަރަށް ލިބިދޭއިރު ބާރުގެ ބޭނުންކުރެވޭނެ ހާލަތްތައް އިތުރަށް ތަފްސީލްކޮށްދިނުމަށް ހުށަހަޅައިފައިވެއެވެ.

އަދި ނަފްސާނީ މައްސަލައެއް ހުންނަ މީހަކު ނަމަ އެ ކަމަށް ރިއާޔަތްކޮށް ހާލަތު އިތުރަށް ގޯސްނުވާނެހެން އަމަލުކުރުމަށް އަހަންމިއްޔަތުކަން ދިނުމަށް ވެސް ހުށަހަޅައިފައިވެއެވެ.

މީގެ އިތުރުން ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވައިދަށް ހަތަރު އިސްލާހެއް ގެނައުމަށް ހުށަހަޅައިފައިވެއެވެ.

އޭގެ ތެރޭގައި ހަތިޔާރު ހަވާލުކުރި އަދި އެ ހަތިޔާރާ ހަވާލުވި އޮފިސަރުގެ ނަމާއި ސާވިސް ނަމްބަރާއި، ތާރީޚާއި ގަޑި ފަދަ މުހިންމު މައުލޫމާތު ލިޔުމުން ރެކޯޑްކުރުމަށް ހުށަހަޅައިފައިވެއެވެ. އަދި ވަކި ޚާއްސަ ހަތިޔާރެއް ބޭނުންކުރުމުގައި ވަކި ޚާއްސަ ގޮތަކަށް އަމަލުކުރަން ޖެހޭނަމަ އެ ކަމަށް ޚާއްސަ މެނުއަލެއް އެކުލަވައިލަން އެ ކޮމިޝަނުންވަނީ ހުށަހަޅައިފައެވެ. އެ މެނުއަލްގައި ހަތިޔާރު އަމާޒު ކުރަންވީ މީހާގެ ކޮން ގުނަވަންތަކަކަށް ކަމަށާއި ބޭނުންކުރަންވީ ދުރުމިން ފަދަ މުހިންމު މައުލޫމާތުތައް ހިމަނަން ހުށަހަޅައިފައިވެއެވެ.

ދެން އެ ކޮމިޝަނުން ބައެއް ކަންކަން ހުށަހަޅައިފައިވަނީ ފުލުހުންގެ ބާރާއި އިޚްތިޔާރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދަށެެވެ.

އެއަށް ހުށަހެޅި ބައެއް އިސްލާހުތަކުގެ ތެރޭގައި ފުލުހުން ހުއްޓުވަންޖެހޭ މީހަކު ހުއްޓުވުމުގައި، އެމްޓީ ހޭންޑް ކޮންޓްރޯލް ނުވަތަ ކުޑަ ތަދެއް އިހުސާސްވާހެން މީހާ ކޮންޓްރޯލްކުރުމުގެ ކުރިން ނަސޭހަތް ދިނުމާއި އިންޒާރު ދިނުން ހިމަނަން ހުށަހަޅައިފައިވެއެވެ.

އަދި ހައްޔަރުކުރަން މަސައްކަތްކުރާ މީހާއާ އެއް ޖިންސެއްގެ ފުލުހަކު އެކަމުގައި ހަރަކާތްތެރިވުމަށާއި އެ ކަމަށް އިސްކަން ދިނުމަށް ބަޔާންކުރުމަށް ވެސް ހުށަހަޅައިފައިވެއެވެ.

އެޗްއާރްސީއެމުން މި ކަރުދާސް އެކުލަވައިލައިފައިވަނީ ފުލުހުންގެ ބާރު ތަންފީޒުކުރުމަށް ކަނޑައަޅައިފައި ހުރި އުސޫލުތަކުގައި އިންސާނީ ހައްގުތަކާ ޚިލާފު ކަންތައްތަކެއް ހުރިތޯ ބަލައި ފާހަގަކޮށް އެ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބާރު އެޅުމަށެވެ.