15 Oct 2023, 19:50
ސިނަމާލެ ބްރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވުމުން މިއަދު ނަސޭހަތުގެ 68 މެސެޖު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން "ސަން"އަށް ބުނީ، މިއަދު 07:30 އާއި 15:30 ދޭތެރޭ އެ މެސެޖުތައް ފޮނުވާފައި ވަނީ ހުއްދަ ކޮށްފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމުން ކަމަށެވެ.
މިދިޔަ ބުދަ ދުވަހު، ފުލުހުން އާންމުކުރި ބަޔާނެއްގައި ވަނީ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވާއިދާ ޚިލާފަށް ލޭނު ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދެއްގެ ވެރި ފަރާތަށް މި ހަފުތާއިން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެކަމަށް ބުނެފައެވެ.

ފުލުހުން ފޮނުވާ ނަސޭހަތުގެ މެސެޖު --
އެގޮތުން، މާ ބާރަށް ގަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތައް ދުއްވި ބާރުމިން އެނގޭގޮތަށް، އެ އުޅަނދުތައް ރެޖިސްޓާ ކޮށްފައިވާ ފޯނު ނަންބަރަށް މެސެޖެއް ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އުޅަނދު ދުއްވި ބާރުމިނާއި، ލޭނު ބަދަލުކުރިކަން ދެނެގަންނަނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑު ބަލާ ކެމެރާތައް މެދުވެރިކޮށެވެ. އެ މެސެޖުތަކުގައި އެއްވެސް ބާވަތެއްގެ ލިންކެއް ނުހިމެނޭނެކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން އެ ފިޔަވަޅު އަޅަން ފަށާފައި ވަނީ ސިނަމާލެ ބުރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައި ވަނިކޮށެވެ. އެފަދަ އެކްސިޑެންޓުތައް ހިނގާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވުމުން އުޅަނދު ކޮންޓްރޯލް ނުކުރެވުމާއި އެހެން އުޅަނދެއް އޯވަޓޭކް ކުރަން އުޅުން ހިމެނެއެވެ.