15 May 2012, 11:18
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ އަހަރީ ޖަލްސާ އަންނަ މަހަށް ފަސްކޮށްފި އެވެ.
އެ ކުންފުނީގެ އަހަރީ ޖަލްސާ ބޭއްވުމަށް ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މި މަހުގެ ތެރޭގަ އެވެ.
އެސްޓީއޯ އިން ބުނީ އަހަރީ ޖަލްސާ ބޭއްވުން ފަސްކުރަން ޖެހުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑް އެކުލަވާލުން ލަސްވުމާ ގުޅިގެން ކަމަށެވެ. އަދި ބުނީ އައު ބޯޑު އެކުލަވާލުމާ އެކު އެ ކުންފުނީގެ އަހަރީ ޖަލްސާ އަންނަ މަހު ބާއްވަން މިހާރު ޝެޑިއުލްކޮށް އެކަމަށް ތައްޔާރުވާން ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ރިޕޯޓް އާންމު ނުކޮށްގެން ސީއެމްޑީއޭ އިން އެ ކުންފުނި ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެ ކުންފުނިން ބުނީ އެ ރިޕޯޓް ވެސް އާންމު ނުކުރެވި ވަނީ އެ ކުންފުނީގެ ބޯޑު އެކުލަވާ ނުލެވި ލަސްވެގެން ކަމަށެވެ. އެ ކުންފުނި ޖޫރިމަނާ ކޮށްފައި ވަނީ 30،000ރ. އިންނެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ބޯޑު އެކުލަވާލުމާ އެކު އެ ކުންފުނިން އާންމުކުރަން ޖެހޭ ހިސާބުތަކާއި މައުލޫމާތުތައް އާންމުކުރަން ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށެވެ.