15 Oct 2023, 19:02
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ޣައްޒާއަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ދިރާގުޕޭ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭ ގޮތް ހަދައިފިއެވެ.
ދިރާގުން ވަނީ ޣައްޒާގެ އެމާޖެންސީ ރިލީފް ފަންޑަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.
އެ ކުންފުނިން އެ ފައިސާ ހަދިޔާކޮށްފައިވަނީ ދިރާގުޕޭ ޕްލެޓްފޯމުގައި ޑިޖިޓަލް ވޮލެޓެއް ހުޅުވައިގެންނެވެ. މި ވޮލެޓަކީ އާންމުންނަށް ވެސް ޑޮނޭޓްކުރެވޭނެހެން ހުޅުވާލާފައިވާ ވޮލެޓެއް ކަމަށް ދިރާގުން ބުންޏެވެ.
ކިއުއާރް ކޯޑް ސްކޭންކޮށްގެން ނުވަތަ ދިރާގުޕޭ އެޕްގެ މާޗަންޓް ކޯޑަކަށް 7266 ޖަހާލައިގެން މި ފަންޑަށް ފައިސާ ހަދިޔާ ކުރެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެވެބްސައިޓުންލިބެން ހުންނާނެއެވެ.

ދިރާގުން ބުނީ އެ ވޮލެޓަށް ހަދިޔާކުރާ ހުރިހާ ފައިސާއެއްވެސް ދާނި ފަލަސްތީނުގައި އައިއޭސީއިން ކުރިއަށްގެންދާ އިންސާނީ މަސައްކަތަށް އެހީތެރިވުމަށް ކަމަށެވެ.
މީގެއިތުރުން، ދިރާގުން އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި މިފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން އޮންނަނީ ތައްޔާރަށްކަމަށް ދިރާގުން ބުންޏެވެ.