އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ތައުރީފު ކުރައްވައިފިއެވެ.

އެ އިންޓަވިއުއާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ، އެ މަނިކުފާނު އެ އިންޓަވިއު ބެއްލެވި ކަމަށެވެ. އަދި، އެއީ ވަރަށް ފުރިހަމަ އިންޓަވިއުއެއް ކަމަށާއި ރައީސެއްގެ ހައިސިއްޔަތުން ގައުމަށް ޚިދުމަތް ކުރުމުގައި ކާމިޔާބީއަށް އެދޭ ކަމަށް ރައީސް މައުމޫން ލިޔުއްވާފައި ވެއެވެ.

ޑރ. މުއިއްޒު ވަނީ މައުމޫނަށް ޝުކުރު އަދާކުރައްވާފައެވެ.

އަލް ޖަޒީރާއިން އިއްޔެ ދެއްކި އެ އިންޓަވިއުއަކީ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުއިއްޒު ބޭރުގެ މީޑިއާއަކަށް ދެއްވި އެންމެ ފުރަތަމަ އިންޓަވިއުއެވެ.

އެ އިންޓަވިއުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކޮށްފައި ވެއެވެ.

އަދި، ޗައިނާއާ އެކު ބާއްވަން ބޭނުންވާ ގުޅުމާ، ކޮރަޕްޝަންގެ މައްސަލަތަކާ މެދު އަމަލު ކުރާނޭ ގޮތާއި، ޖުޑީޝަރީ އިސްލާހު ކުރުމާއި، އިންޑިއާއާ އެކު ބާއްވަން ބޭނުންވާ ގުޅުމާ އަދި ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޮތުން ވެސް ޑރ. މުއިއްޒު ވަނީ ވަހަކަ ދައްކަވާފައެވެ.

މި އިންޓަވިއުއާ ގުޅިގެން ގިނަ ބަޔަކު ވަނީ ޑރ. މުއިއްޒަށް ތައުރީފު ކޮށްފައެވެ.