15 Oct 2023, 15:13
އިސްރާއީލުގެ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ އިސްރާއީލުގެ އުތުރުން އިސްރާއީލު ސިއްސުވާލުމުގެ ވަރުގަދަ އަސްކަރީ ހަރަކާތެއް ލުބްނާނުގެ ހިޒްބުﷲއިން ހިންގަފާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
ހިޒްބުﷲ ގެ ދެ ރެޖިމެންޓް ތައްޔާރީ ހާލަތުގައި
ތަހުލީލީ ރިޕޯޓްތައް ބުނާގޮތުން ހިޒްބުﷲ ގެ ދެ ރެޖިމެންޓް އިސްރާއީލުގެ އުތުރަށް ހަމަލާދެވޭ ހިސާބުގައި (އިސްރާއީލު ވެރިވެގެންފައިވާ ސޫރިޔާގެ ގޯލާން ހެއިޓްސްގެ ކައިރީގައި) ތައްޔާރީ ހާލަތުގައި އެބައޮތެވެ.
ޣައްޒާ އޮންނަނީ އިސްރާއީލުގެ ދެކުނާ އިންވެގެންނެވެ. އެއްގަމު މަގުން ޣައްޒާއަށް އިސްރާއީލު އަރައިގެންފި ހާލަތެއްގައި އިސްރާއީލުގެ އުތުރުގެ ދެ ސަރަހައްދަކުން އިސްރާއީލު ސިއްސުވާލުމުގެ ގާބިލުކަން ހިޒްބުﷲ އަށް ލިބިގެންވެއެވެ. މިފަދަ ހާލަތެއްގައި ދެ ފްރަންޓަކުން ހަނގުރާމަ ކުރަން ޖެހިއްޖެނަމަ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ.
ހިޒްބުﷲ އަކީ ހަމާސްއަށް ވުރެ އަސްކަރީ ގޮތުން ފަސްގުނަ ބާރުގަދަ ޖަމާއަތެއް
އަސްކަރީ ފަޔާ ޕަވަރު ރިޕޯޓްތަައް ބުނާގޮތުން ހިޒްބުﷲ އަކީ ހަމާސްއަށް ވުރެ އަސްކަރީ ގޮތުން ފަސްގުނަ ބާރުގަދަ ޖަމާއަތެކެވެ. އީރާނުގެ އެންމެ ޒަމާނީ ހަތިޔާރު ހިޒްބުﷲ އަތުގައި އެތައް ލައްކައަކުން އެބަހުއްޓެވެ. ޚާއްސަކޮށް އެކިއުރޭޓް މިސައިލް އާއި އެކި ރޭންޖްގެ ރޮކެޓާއި ޑްރޯންއާއި ގައިޑެން ބޮން އެތައް ލައްކައަކުން ހިޒްބުﷲ އަތުގައި އެބަހުއްޓެވެ.

ހިޒްބުﷲ ގެ ހަނގުރާމަވެރިން
ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ އަދި ވަދެގެންފާނެ ކަމަކަށް އަސްކަރީ ގިނަ ތަޖުރިބާކާރުން ދެކެވަޑައިނުގަނެއެވެ.
ގިނަ މުހައްލިލުންގެ ނަޒަރުގައި ހިޒްބުﷲ ސީދާ ގޮތެއްގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފަށާނީ އިސްރާއީލުން ލުބްނާނަށް ބޮންއަޅައި ލުބްނާނާ ދެކޮޅަށް ހަނގުރާމަ ފަށައިފި ހާލަތެއްގައެވެ. ނުވަތަ އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކަށް އިސްރާއީލުން ނޫނީ އެމެރިކާއިން ހަމަލާދީފި ހިނދެއްގައެވެ.
ހިޒްބުﷲ، ގޯލާންގެ މަގުން އިސްރާއީލަށް ހަމަލާދޭން ފަށައިފާނެ
އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "އެކްސިއޮސް"އާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން އިސްރާއީލު ސިފައިން ޣައްޒާއަށް އެއްގަމުން އަރައިގެންފިނަަމަ ހަމާސްގެ ދިފާއުގައި ސޫރިޔާގެ ގޯލާންގެ ބިންތަކަށް ހަމަލާދީ އިސްރާއީލުގެ އަތްދަށުން އެތަން މިނިވަންކުުރުމުގެ އޮޕަރޭޝަނެއް ހިންގަން އީރާން ވަނީ ހިޒްބުﷲއަށް އަންގާފައެވެ. ނަމަވެސް މި ކަމާ ބެހޭގޮތުން މި ދެ ފަރާތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާނުން ވަނީ އިސްރާއީލު ސިފައިން ޣައްޒާއަށް އެއްގަމުން އަރައިގެންފިނަަމަ "ބޮޑު ހެލުން ގަނޑެއް" އަންނާނެކަމުގެ އިންޒާރު އިސްރާއީލަށް ދީފައެވެ.
ހިޒްބުﷲ އަކީ އިސްރާއީލުގެ ހަގީގީ ބާރުކަމަށްވާ ވައިގެ ސިފައިންގެ ބާރަށް ލޮޅުން އަރުވާލުމުގެ އަސްކަރީ ގާބިލްކަން ހުރި ޖަމާއަތެކެވެ. އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ވަރަށް އެކިއުރޭޓްކޮށް މިސައިލާއި ރޮކެޓް ހަމަލާތައް ދިނުމުގެ ގާބިލުކަން ހިޒްބުﷲއަށް ލިބިފައިވެއެވެ.
ހިޒްބުﷲ އަކީ އިސްރާއީލުގެ ވައިގެ ބޭސްތަކަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ޖަމާއަތެއް
އެކި ރޭންޖްގެ ރޮކެޓާއި މިސައިލާއި ޑްރޯނުން ހަމަލާދީ އިސްރާއީލުގެ ވައިގެ ބޭސްތަކަށް ބޮޑެތި ގެއްލުންތަކެއް ހިޒްބުﷲ އަށް ދެވިދާނެއެވެ. މި ގެއްލުންތައް އިސްރާއީލަށް ލިބިއްޖެނަމަ އިސްރާއީލުގެ ވައިގެ ބާރުތައް ބަލިކަށި ކޮށްލެވިދާނެކަމަށް އަލްޖަޒީރާގެ އަސްކަރީ މުހައްލިލެއް ކަމަށްވާ ލުބްނާނުގެ ރިޓަޔަޑް ޖެނެރަލް އިލްޔާސް ހަންނާ ދެކެވަޑައިގަންނަވައެވެ.
އިސްރާއީލުގެ ވައިގެ ބާރުތައް ބަލިކަށިކޮށްލެވުމަކީ އިސްރާއީލަށް ލިބިފައިވާ ހަނގުރާމައިގެ ގާބިލުކަން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށަށްދާނެކަމެއްކަން އޭނާ ފާހަގަ ކުރައްވައެވެ.

ލުބްނާނުގެ އަސްކަރީ މުހައްލިލު ރިޓަޔަޑް ޖެނެރަލް އިލްޔާސް ޙަންނާ
ހަންނާ ވިދާޅުވި ގޮތުގައި ހިޒްބުﷲ ހަނގުރާމައިގެ ތެރެއަށް ވައިން ނަމަވެސް ހަމާސް އާ ޚިލާފަށް ސޫރިޔާގެ ތެރެއިން ލާފައި ހިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އީރާނަށް ކުރެވިދާނެ ކަމެކެވެ. އަދި، މިކަން އީރާނުން ކުރާނެއެވެ. އީރާނުގައި އެފަދަ ވަސީލަތްތައް އެބަހުއްޓެވެ. އެއީ، ހަމާސްއާ ޚިލާފަށް ހިޒްބުﷲ ހަރަކާތްތެރިވަނީ އިސްރާއީލުގެ ކޮންޓްރޯލް ނެތް ލުބްނާނާއި ސޫރިޔާގެ ސަރަހައްދުތަކުގައި ކަމަށްވެފައި ސޫރިޔާއަކީ އީރާނުގެ ކޮންޓްރޯލް އޮންނަ ގައުމަކަށްވާތީއެވެ. ސޫރިޔާގައި އީރާނުގެ ސިފައިންނާއި ގިނަ އަދަދެއްގެ އަސްކަރީ މިލީޝިއާތައް ހަރަކާތްތެރިވެއެވެ.
ހަމާސްއަކީ އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާގައި ބަންދުވެފައިވާ ޖަމާއަތަކަށް ވުމަކީ ހަމާސްއަށް ހަތިޔާރު ފޯރުކޮށްދޭން އީރާނަށް ވެސް ދަތިވާ މައިގަނޑު ސަބަބެވެ. އިސްރާއީލުގެ ތެރެއިން ނޫނީ މިސްރުގެ ތެރެއިން ނޫނީ ހަމާސް އަކަށް ހަތިޔާރު ފޯރުކޮށްދެވޭނެ ގޮތެއް ނޯވެއެވެ.
އަނެއްކޮޅުން ހަމާސްގެ އަތުގައި އިސްރާއީލުގެ ވައިގެ ބޭސްތަކަށް ބޮޑެތި ގެއްލުންތަކެއް ދެވޭވަރުގެ އެކިއުރޭޓް ރޮކެޓްތައް ނެތުމަކީ ޣައްޒާއަށް ހިތުހުރި ގޮތަކަށް ބޮން އަޅައި އާންމުން މަރައި ހަނގުރާމައިގެ ޖަރީމާ ހިންގުމަށް އިސްރާއީލަށް ކެރޭ މައިގަނޑު ސަބަބެވެ. ނަމަވެސް ހަމާސްއަކީ ބިންމަތިން އިސްރާއީލުގެ ސިފައިންނާ ކުރިމަތިލުމުގެ ގާބިލުކަން ހުރި ޖަމާއަތެކެވެ.

ހިޒްބުﷲ ގެ ހަނގުރާމަވެރިން ތަމްރީނެއްގައި
ޣައްޒާއަށް ބޮންއަޅާ އިސްރާއީލުގެ ފައިޓާޖެޓްތައް ވައްޓާލެވޭފަދަ އެންޓި އެއާކްރާފްޓް މިސައިލް ހަމާސްގެ އަތުގައި ހުރި ނަމަ އެމެރިކާގެ ޒަމާނީ ފައިޓާޖެޓްތައް ބޭނުންކޮށްގެން މިހާރު ޣައްޒާއަށް ދޭ ހަމަލާތައް ދޭކަށް އިސްރާއީލަކަށް ނުކެރޭނެކަން އިލްޔާސް ހަންނާ ފާހަގަ ކުރައްވައެވެ.
ބިންމަތީ ހަނގުރާމަ ކުރަން އިސްރާއީލު ވަރަށް ބިރުގަނެ ޖެހިލުންވޭ
ހަމާސް އާއި އިސްރާއީލުގެ ކުރިމަތިލުންތަކާ ގުޅިގެން އެމެރިކާގެ އަސްކަރީ މުހައްލިލު އަދި އެމެރިކާގެ ކުރީގެ ޖާސޫސީ އޮފްސަރެއް ކަމަށްވާ ސްކޮޓް ރިޓާ ވިދާޅުވަނީ އިސްރާއީލުގެ ބަލިފަޔަކީ އެއްގަމު މަގުން ހަނގުރާމަ ކުރަން އިސްރާއީލު ސިފައިން ޖެހިލުންވެ ބިރުގަތުމެވެ. ބިންމަތީގެ ހަނގުރާމައިގާ އިސްރާއީލު ވަނީ ދެކުނު ލުބްނާނުގައި ވެސް ހިޒްބުﷲ ގެ އަތްދަށުން ބަލިވެގެން 1995 ވަނަ އަހަރު ދެކުނު ލުބްނާނުން ފައިބާފައެވެ.
ސްކޮޓް ރިޓާ ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން މުސްތްގަބަލުގައި ބިންމަތީ ހަނގުރާމަ ކުރަން ރާވާފައިވަނީ ވެސް ރޮބަޓް ބޭނުންކޮށްގެންނެވެ. އެއީ މީހުން މަރުވާނެތީ އިސްރާއީލު ސިފައިން މައިދާން ދޫކޮށް ފިލައިގެން ހިނގައިދާނެކަމުގެ ބިރު އޮތުމުންނެވެ.
މިހާރު ވެސް ޣައްޒާއަށް ވަދެގަތުމުގައި އިސްރާއީލުގެ ވެރިންނަށް ގޮތެއް ނުނިމިގެން އުޅެނީ އެއްގަމު ހަނގުރާމައިގާ ބަލިވާނެކަމުގެ ބިރު ބޮޑުކަމުންނެވެ. އަދި، އެއްގަމު ހަނގުރާމައިގާ ހަމާސްގެ އަތްދަށުން އިސްރާއީލު ސިފައިން ގިނަ ބަޔަކު މަރުވެ ހަމާސްގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ގިނަ ބަޔަކު ހައްޔަރުވެއްޖެނަމަ ސްޓްރެޓީޖިކް ބައްޔަކުން ހަމާސްގެ އަތްދަށުން ބަލިވެދާނެކަމުގެ ބިރު އިސްރާއީލު އިހްސާސް ކުރާ ކަަމަށް ވެސް ރިޓާ ވިދާޅުވިއެވެ.
ހަނގުރާމައިގާ އިސްރާއީލު ޑިޕެންޑްވާ އާޓިފިޝަލް އިންޓެލިޖެންސަށް ހަމާސް އޮޅުވައިލާ
ރިޓާ ވިދާޅުވި ގޮތުގައި ހަމާސްގެ ހަނގުރާމަވެރިންނާ މުއާމަލާތް ކުރުމުގައި އިސްރާއީލު ބޭނުން ކުރަނީ މުޅިން ވެސް އާޓިފިޝަން އިންޓެލިޖެންސްއެވެ. އިސްރާއީލުގެ އެންމެ ބޮޑު ބަލިފަޔަކީ މިއެވެ. ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ ތަނަކަށް އަރައިގަތަސް ކޮންޕިއުޓާ މެދުވެރިކޮށް އާޓިފިޝަލް އިންޓެލިޖެންސުން އެ މީހުން ވަދެގަތްކަން ނުދައްކާނަމަ އިސްރާއީލު ސިފައިން އެކަމާ އަޅައެއް ނުލާކަމަށް ރިޓާ ވިދާޅުވިއެވެ.
ހަމާސްގެ ހަނގުރާމަވެރިންނަށް މިކަން ރަނގަނޅަށް އެނގޭތީ އެ މީހުން ޣައްޒާގެ ބޯޑަރު ފޫއަޅުވާލުމަށް ފަހު އިސްރާއީލުގެ އެތެރެއަށް ވަދެގަނެ އިސްރާއީލުގެ އެތައް ސަރަހައްދެއް ހިފައި އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު މަރާލައި އެތައް ސަތޭކަ ބަޔަކު ހައްޔަރު ކުރީ ވެސް އިސްރާއިލުގެ އާޓިފިޝަލް އިންޓެލިޖެންސަށް އޮޅުވާލާނެ ސައިބާ އުކުޅުތައް ބޭނުންކޮށްގެން ކަމަށް ސްކޮޓް ރިޓާ ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ޖާސޫސީ އޮފްސަރު އަދި މިހާރުގެ ސްޓްރެޓީޖިކް އަސްކަރީ އެނަލިސްޓް ސްކޮޓް ރިޓާ
ރިޓާ ދެކެވަޑައިގަންނަވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް އެއްގަމުން އަރައިގެންފިނަމަ ސޫރިޔާގެ ގޯލާންގެ ބިންތަކުގެ ކައިރީގައިވާ ސޫރިއާއާއި ހިޒްބުﷲގެ ލަޝްކަރުތައް އިސްރާއީލު ހިފާފައިވާ ސޫރިޔާގެ ގޯލާންގެ ބިންތަކަށް އަރައިގަންނާނެއެވެ. އެގޮތަށް އެކަންއޮތީ ރާވާފައެވެ. އަދި، ދެކުނު ލުބްނާނުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތްތަކާއި ހިޒްބުﷲ ގުޅިގެން އިސްރާއީލުގެ އުތުރަށް އަރައިގަތުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ރިޓާ ވިދާޅުވިއެވެ.
އިސްރާއީލަކީ ދެ ފްރަންޓެއްގައި އެއް ވަގުތަކު ހަނގުރާމަ ކުރެވޭވަރުގެ ބާރުގަދަ ގައުމެއް ނޫން
އިސްރާއީލަކީ ބާރުގެ ގޮތުންނާއި ސިފައިންގެ އަދަދުގެ ގޮތުން ބަލާއިރު ދެ ފްރަންޓެއްގައި ހަނގުރާމަ ކުރެވޭވަރުގެ ގައުމެއް ނޫނެވެ. މިފަދަ ހާލަތެއްގައި ސޫރިޔާ ސިފައިންނާއި ހިޒްބުﷲ ގެ ފައުޖުތަކުން ގޯލާންގެ ބިންތައް މިނިވަންކޮށް އިސްރާއީލުގެ އުތުރުގެ ބައެއް ހިފުމަކީ ވަރަށް ގާތް ކަމެއްކަން އޭނާ ފާހަގަ ކުރައްވައެވެ.
އިސްރާއީލު މައިތިރިވާނީ ސްޓްރެޓީޖިކް ބައްޔަކުން ބަލިވެގެން
ރިޓާ ދެކެވަޑައިގަންނަވާ ގޮތުގައި އިސްރާއީލު މައިތިރިވާނީ އަދި ފަލަސްތީނުގެ މައްސަލައިގައި ދޫދޭން އިސްރާއީލުގެ ވެރިން ވިސްނާނީ ސްޓްރެޓީޖިކް ބައްޔަކުން އިސްރާއީލު ބަލިވެގެންނެވެ. ހިޒްބުﷲއިން ސޫރިޔާ ސިފައިންނާ ގުޅިގެން ގޯލާންގެ ބިންތައް މިނިވަންކޮށްފިނަމަ ނޫނީ ހިޒްބުﷲއިން ކުއްލި ހަމަލާތަކެއްދީ އިސްރާއީލުގެ އުތުުރުގެ ބިންތަކެއް ހިފައިފިނަމަ ނޫނީ ޣައްޒާއަށް އެއްގަމު މަގުން އަރާ އިސްރާއީލު ސިފައިން ބަލިކޮށްލެވިއްޖެނަމަ އެއީ ސްޓްރެޓީޖިކް ބައްޔަކުން އިސްރާއީލު ބަލިވުން ކަމަށް ރިޓާ ދެކެވަޑައިގަންނަވައެވެ.
މިފަދަ ހާލަތެއްގައި އެމެރިކާ އީރާނަށް ހަމަލާދީފިނަމަ އީރާނުން ގަލްފު ބަންދުކޮށް ގަލްފުން ދަތުރުކުރާ ތެލުގެ ޝިޕްމަންޓްތަކަށް ހަމަލާދޭނެ ކަމަށާއި ތެލުގެ ޝިޕްމަންޓްތަކަށް އީރާނުން ހަމަލާދީފިނަމަ ތެޔޮ ނުލިބިގެން ޔޫރަޕް އިނދަޖެހޭނެ ކަމަށް ރިޓާ ވިދާޅުވިއެވެ. އެހެންކަމުން އީރާނަށް ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ދުރުރާސްތާގެ މިސައިލުންނާއި ހިޒްބުﷲ މެދުވެރިކޮށް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާތީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ކަމަށް ވެސް ރިޓާ ވިދާޅުވިއެވެ.
އެމެރިކާ ސީދާ ގޮތެއްގައި ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަކަށް ނުބެލެވޭ
މިހާރު ކުރިޔަށްދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ސީދާ ގޮތެއްގައި ވަންނާނެ ކަމަށް ނުބެލެވޭ ކަމަށް ގިނަ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
މިސާލަކަށް މި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަން ނަމަވެސް އެމެރިކާއަކީ ވެސް އިސްރާއީލެކޭ އެއްގޮތަށް އެއްގަމު ހަނގުރާމަ ކާމިޔާބު ކުރެވޭނެ ގައުމެއް ނޫންކަމުން ވައިގެ މަގުން ބޮންއެޅުން ފިޔަވައި އެހެންކަމެއް އިސްރާއީލެކޭ އެއްގޮތަށް އެމެރިކާއަށް ވެސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއަކީ ތާލިބާންގެ އަތްދަށުން ބަލިވެފައިވާ ގައުމެއް
އެމެރިކާއަކީ އަފްޣާނިސްތާނުގެ ހަނގުރާމައިގާ ތާލިބާންގެ އަތްދަށުން ބަލިވެފައިވާ ގައުމެކެވެ. އޭރު 20 އަހަރުގެ ހަނގުރާމައަށް ފަހު އެމެރިކާ އަފްޣާނިސްތާނުން ފޭބީ ތާލިބާނުން އެއްގަމު މަގުން ބަލިކުރުމުގައި މުޅިން ނާކާމިޔާބު ވެގެންނެވެ. ބައްޝާރުގެ ސަރުކާރު ވައްޓާލުމަށްޓަކައި ސޫރިޔާއަށް އަރައިގަންނަން ވެސް އެމެރިކާއަށް ކެރިފައެއް ނުވެއެވެ. އެއީ ސޫރިޔާއަށް އީރާނާއި ރަޝިއާ ވަދެގަތުމުން އެކަމާ ބިރުންނެވެ.
އަފްޣާނިސްތާނުގައި ވެސް މަތިން ބޮން އަޅައި އާންމުން މެރުން ފިޔަވައި އެހެން ކަމެއް 20 އަހަރުގެ ދިގު ހަނގުރާމައިގާ އެމެރިކާއަށް ކުރެވިފައެއް ނުވެއެވެ. އެމެރިކާ ވަނީ ވިއެޓްނާމް ހަނގުރާމައިގާ ވެސް އެއްގަމު މަގުން ފިސާރި ހިތްދަތި ގޮތަކަށް ބަލިވެގެން ގޮސްފައެވެ.