15 Oct 2023, 10:36
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި ދުވަސްވީ ވާދަވެރިން ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރި މެޗް އިންޑިއާއިން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
އަހްމެދާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު މި މެޗް އިންޑިއާއިން ކާމިޔާބު ކޮށްފައި ވަނީ ހަތް ވިކެޓުންނެވެ. މި މެޗްގެ ޓޮސް ދިމާވުމުން އިންޑިއާއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މި ގޮތުން ޕާކިސްތާނުން އެންމެ ފުރަތަމަ ކުޅެން އަރާ 42 އޯވަރު ފަސް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 191 ލަނޑެވެ.
ޕާކިސްތާން ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 50 ލަނޑު ހަދާދިން ކެޕްޓަން ބާބަރު އަޒާމް އެވެ. މީގެ އިތުރުން މުހައްމަދު ރިޒްވާން 49 ލަނޑު ހަދާދިން އިރު އިމާމުލް ހައްގު ވަނީ 36 ލަނޑު ހަދާދީފައެވެ.
މިއީ ނިންގްސްގައި އިންޑިއާ ޓީމުގެ ފަސް ކުޅުންތެރިން ކަމުގައިވާ ޖަސްޕްރީތު ބުމްރާހް، މުހައްމަދު ސިރާޖް، ހަރްދިކް ޕާންޑްޔާ، ކުލްދީޕް ޔާދަވް އަދި ރަވިންދުރަ ޖަޑޭޖާއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ވިކެޓް ނަގާދީފައެވެ.
ޖަވާބުގައި އިންޑިއާއިން ކުޅެން އަރާ 30 އޯވަރު ތިން ބޯޅައަށް ތިން ކުޅުންތެރިން ނުބައިވެގެން 192 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. މި މެޗްގައި އިންޑިއާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 86 ލަނޑު ހަދާދިން ކެޕްޓަން ރޯހިތު ޝަރްމާއެެވެ. މީގެ އިތުރުން ޝްރެޔާސް އިޔަރު ވަނީ 53 ލަނޑު ހަދާދީފައެވެ.
ޕާކިސްތާން ޓީމަށް މިއީ ނިންގްސްގައި އެންމެ ރަނގަޅަށް އުކާފައިވަނީ ދެ ވިކެޓް ނަގާދިން ޝާހީން އަފްރީދީއެވެ.
މި ކާމިޔާބީއާއެކު އިންޑިއާ މިހާރު ވަނީ އެ ޓީމް ކުޅުނު ތިން މެޗް ވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ޕާކިސްތާން އުޅެނީ ތިން މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.