15 May 2012, 10:09
ބެއިޖިންގް (މޭ 15): ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެޔާގެ ވެރިން ބެއިޖިންގްގައި އިއްޔެ ބޭއްވި ކުއްލި ސަމިޓް ނިންމާލައިފި އެވެ.
އެއް ދުވަހުގެ އެ ސަމިޓްގެ އެޖެންޑާގައި ހިމެނެނީ އެ ތިން ޤައުމުން އެއްބާރުލުމަށް ބޭނުންވާ 50 ނުކުތާއެކެވެ. ޢޭގެތެރޭގައި ގިނައީ ތަރައްގީ އާއި ވިޔަފާރި އާއި އިޤްތިސާދާ އަދި އަމްނާ ބެހޭ ކަންތައްތަކެވެ. އެއް ދުވަހުގެ މަޝްވަރާތަކަށް ފަހު ތިން ލީޑަރުންނަށް މި 50 ނުކުތާއަށް އެއްބަސްވެވިފައިނުވާތީ ސަމިޓަށް ފަހު ނެރެފައިވާ ބަޔާނުގައި މި 50 ނުކުތާ ހިމަނާފައެއްނުވެ އެވެ.
ސަމިޓްގެ ގުޅިފައިވާ ބަޔާން ބުނެފައި ވަނީ އެ ތިން ޤައުމު، ތަރައްޤީގެ ކަންތައްތަކުގައާއި ވިޔަފާރިއާއި އަމްނާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރާނެ ކަމުގަ އެވެ. އެ ބަޔާނުގައި އުތުރުކޮރެޔާގެ ނިއުކްލިޔާ މައްސަލައަށް އިޝާރާތްކޮށްފައެއް ނުވެ އެވެ. މިއީ މިކަމުގައި މިތިންޤައުމުގެ ސިޔާސަތު ތަފާތުކަން އަންގައިދޭ ކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލަ އާއި ޖަޕާނާއި ދެކުނު ކޮރެޔާ އަށް އަމާޒުކޮށް އެޤައުމުން ހިންގަމުން ގެންދާކަމަށް އެދެޤައުމުންބުނާ "ޖެއްސުމުގެ" ޢަމަލުތަކުގެ ވާހަކަ ގުޅިފައިވާ ބަޔާނުގައި ހިމަނަން ޖަޕާނާއި ދެކުނު ކޮރެޔާ ބޭނުންވި އެވެ. ނަމަވެސް ގުޅިފައިވާ ބަޔާނުގައި މިކަމަށް އިޝާރާތްކޮށްފައި ނުވަނީ ޗައިނާގެ ދެކޮޅުހެދުންތަކުގެ ސަބަބުންނެވެ.
ބެއިޖިންގައި މިއަދު ބޭއްވި މިސަމިޓަކީ ޗައިނާގެ ބޮޑުވަޒީރު ވިންޖިޔާބާއޮގެ ދަޢްވަތަކަށް ބޭއްވި ސަމިޓެކެވެ. މިސަމިޓްގައި ވިންޖިޔާބާއޮއާ އެކު ބައިވެރިވެވަޑައިގަތީ ޖަޕާންގެ ބޮޑުވަޒީރު ޔުޝިހީކޯ ނޮޑާއާއި ދެކުނު ކޮރެޔާގެ ރައީސް ލީމިންގ އެވެ. (ބީ.ބީ.ސީ)