އިންގްލަންޑް އެފްއޭ ވިމެންސް ސުޕަ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވިމެން އާއި ވެސްޓް ހޭމް ޔުނައިޓެޑް ވިމެން ބައްދަލުކުރި މެޗު ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ ދެ ލަނޑު ސުންލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. މި މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓްގައި ޖަހައިދިނީ ވޭތުވެދިޔަ ތިން ސީޒަންގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ ސޭމް ކާއެވެ. މިއީ މި ސީޒަންގައި އޭނާ ޗެލްސީގެ ފުރަތަމަ އެގާރައިގާ ކުޅުނު ފުރަތަމަ ފަހަރުގެ އިތުރުން މި ސީޒަންގައި އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ނިމިގެންދިޔަ ވިމެންސް ވޯލްޑް ކަޕުގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ސީޒަންގެ ފުރަތަމަ ދެ މެޗުގެ ފުރަތަމަ 11އިން އޭނާ ފެނިގެން ގޮސްފައެއް ނުވެއެވެ. މި މެޗުގައި ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ އެރިން ކާތުބާޓުއެވެ.

މި ކާމިޔާބީއާ އެކު އަމިއްލަ ދަނޑުގައި ބަލިނުވެ ޗެލްސީން ވަނީ 17 މެޗު ހަމަކޮށްފައެވެ. މިގޮތުން ކިންގްސްމެޑޯ ނުވަތަ ސްޓެމްފަޑް ބްރިޖްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އާސެނަލް ވިމެން އާއި ބައްދަލުކޮށް އެއްވަރުވި ފަހުން މިހާތަނަށް ޕޮއިންޓެއް ގެއްލުވާލާފައެއް ނުވެއެވެ.

ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު ޗެލްސީ ވިމެން ވަނީ ވަގުތީ ގޮތުން ތާވަލްގެ އެއްވަނައަށް އަރާފައެވެ. މި ލީގުގައި މިރޭ ކުޅޭ މެޗުތަކާ އެކު ތާވަލްގެ ކުރިއަށް ބަދަލުތަކެއް އައުން ގާތެވެ. މި މެޗުން ބަލިވުމުން ވެސްޓް ހޭމް ވިމެން މިހާރު ވަނީ ތިން މެޗުން ލިބިފައިވާ ތިން ޕޮއިންޓާ އެކު ތާވަލްގެ އަށްވަނައަށް ފަހަތަށް ޖެހިލާފައެެވެ.