އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ޤަތަރުގެ ޝެއިޙް ޖާސިމް ބިން ހަމާދު އަލް ތާނީ ހުށަހެޅި ބިޑް އަނބުރާ ގެންގޮސްފިއެެވެ.

ޔުނައިޓެޑް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ޝެއިޙް ޖާސިމް ވަނީ ފަސް ބިލިއަން ޕައުންޑްގެ އަގެއް ހުށަހަޅާފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ޔުނައިޓެޑާއި އެކު އިތުރަށް މިހަފްތާގައި ބޭއްވި މަޝްވަރާ މިހާރު ނާކާމިޔާބު ވެފައިވާކަމަށް ވަނީ ހަބަރު ފެތުރިފައެވެ.

ޝެއިޙް ޖާސިމްއަކީ ޔުނައިޓެޑްގެ މިހާރުގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒިއާ އާއިލާއިން ޔުނައިޓެޑް ވިއްކާލަން ޝައުގުވެރިވާކަން ހާމަކުރުމާއެކު އެކަމަށް އެދި ބިޑް ކުރި ދެ ފަރާތުގެ ތެރެއިން އެއް ފަރާތެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކުރި ދެވަނަ ފަރާތަކީ އިނގިރޭސި ވިޔަފާރިވެރިޔާ ސާ ޖިމް ރެޓްކްލިފްގެ އިނެއޯސް ގްރޫޕްއެވެ.

މިއައި ބަދަލާއެކު ރެޓްކްލިފް ޔުނައިޓެޑްގެ 25 އިން ސައްތަ ހިއްސާ ގަތުމަށް ކުރާ މަސައްކަތް ކާމިޔާބު ވެގެންދާނެކަމަށް ހަބަރުތައް ލިބެއެވެ. ރެޓްކްލިފް އާއި ހިލާފަށް ޝެއިޙް ޖާސިމް އަބަދުވެސް ބޭނުންވެފައިވީ އެކްލަބް އެއްކޮށް ގަތުމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ޝެއިޙް ޖާސިމް ހުށަހަޅާފައިވަނީ ފައިސާ އެއްކޮށް ދައްކާގޮތަށެވެ. އެހެން އެކަން ކުރިއަށް ދިޔަ ނަމަ ޔުނައިޓެޑްގެ މިހާރު އޮތް ހުރިހާ ދަރަނިތަކެއް ދައްކާ ހަލާސް ކުރެވޭނެކަމަށްވެއެވެ. އަދި ޔުނައިޓެޑްގެ އާ ސްޓޭޑިއަމަކާއި އާ ޓްރެއިނިން ސެންޓަރެއް ބިނާކުރުމާއި އާ ކުޅުންތެރިން ގަތުމުގެ އިތުރުން މެންޗެސްޓާގެ މުޖްތަމައުއަށް އެހީތެރިވެދިނުމުގެ ގޮތުން މަޝްރޫއު ތަކެއް ކުރިއަށް ގެންދިއުމަށް 1.4 ބިލިއަން ޕައުންޑް ހަރަދު ކުރުމަށްވެސް އޭނާ ހުށަހަޅާފައިވާ ކަމަށްވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ޔުނައިޓެޑްގެ ދަރަނި މިހާރު އުޅެނީ 969.6 މިލިއަން ޕައުންޑްގައެވެ. މީގެ ތެރޭގައި ބޭންކް ތަކުން ނަގާފައިވާ ފައިސާ އާއި ޓްރާންސްފާ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ތަކުގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާތައް ހިމެނެއެވެ. ޔުނައިޓެޑް މި ވަގުތު އުޅެނީ މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު އަށް މެޗްގެ ތެރެއިން ހަތަރު މެޗުން ބަލިވެ ތާވަލްގެ 10 ވަނައިގައެވެ. އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ.