އިޓަލީވިލާތުން މޯލްޓާ ބަލިކޮށް މި އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަހޯދުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ.

ޔޫރޯ ކޮލިފައިން ގްރޫޕް ސީގެ މި މެޗް އިޓަލީވިލާތުން ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ. މިއާއެކު އިޓަލީވިލާތުން މިހާރު މިވަނީ ގްރޫޕްގެ އެއްވަނައިގާ އުޅޭ އިންގްލަންޑާއި ތިން ޕޮއިންޓަށް ގާތްކޮށްފައެވެ.

އިޓަލީވިލާތުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެ ޓީމުންނެވެ. މި މެޗްގައި އިޓަލީވިލާތުގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހާދިނީ އުމުރުން 34 އަހަރުގެ ޖިއަކޯމޯ ބޮނަވެންޗޫރާއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި މެޗްގައި އެ ޓީމްގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ ޑޮމެނިކޯ ބެރާޑީއެވެ. އަދި މެޗްގެ 63 ވަނަ މިނެޓްގައި ބެރާޑީ ވަނީ އިޓަލީވިލާތުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިމެޗްގައި އިޓަލީވިލާތުގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި ޖަހާދިނީ ޑޭވިޑް ފްރަޓޭސީއެވެ.

މި ކާމިޔާބީއާއެކު އިޓާލީވިލާތަށް މިހާރު ވަނީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ. އަދި މިއަންނަ އަންގާރަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ގްރޫޕްގެ އެއްވަނައިގާ 13 ޕޮއިންޓާއެކު އޮތް އިންގްލަންޑާއި ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކުރެވިއްޖެނަމަ އިންގްލަންޑައި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރެވިގެންދާނެއެވެ. އޭގެ ބަދަލުގައި އިންގްލަންޑުން އެ މެޗް ކާމިޔާބުކޮށްފި ނަމަ މި ގްރޫޕްގެ އެއްވަނަ މަގާމް އިންގްލަންޑަށް ކަށަވަރުވެ މިއަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތުން ޖާގަލިބިގެންދާނެއެވެ.

ހަމަ އެއާއެކު ގްރޫޕްގެ ތިން ވަނައިގާ އުޅޭ ޔޫކްރެއިންއަށް ހަ މެޗުން 10 ޕޮއިންޓް ލިބިފައިވުމުން އެ ޓީމަށްވެސް ޔޫރޯއިން ޖާގަ ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. ނަމަވެސް ޔޫކްރެއިންއަށް ޖެހޭނީ އެ ޓީމަށް ބާކީ އޮތް ދެ މެޗް ކާމިޔާބު ކުރާށެވެ.

ޔޫކްރެއިން ވަނީ ރޭ ނޯތު މެސެޑޯނިއާ އާއި ބައްދަލުކުރިމެޗް ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައެވެ.