15 Oct 2023, 09:07
އައިފޯން އުފެއްދުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން ކޮންމެ އަހަރަކު ވެސް އަގު ބޮޑު އާ އައިފޯނެއް ނެރެނީ ކީއްވެގެންކަން އެ ކުފުންނީގެ ސީއީއޯ ޓިމްކުމް ބުނެދީފިއެވެ.
ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ ކޮންމެ އަހަރަކު ވެސް އެޕަލް އިން އާ އައިފޯނެއް ނެރެނީ ކީއްވެތޯ ގިނަ ދުވަސްތަކެއް ވަންދެން އުފެދިފައިވާ ސުވާލަށް ޖަވާބު ދެއްވައިފައެވެ.
އެޕަލް ކުންފުނިން ކޮންމެ އަހަރަކު ވެސް އާ އައިފޯނެއް ތައާރަފު ކުރުމަކީ ޓެކްނޮލޮޖީއަށް ޝައުގުވެރިވާ ފަރާތްތަކަށާއި ވަފާތެރި އެޕަލް ކަސްޓަމަރުން ވަރަށް ބޮޑަށް ޝައުޤުވެރިކަމާ އެކު އުންމީދު ކުރާ ހަރަކާތަކަށް ވަނީ ވެފައެވެ.
އެޕަލްގެ "ވޮންޑަލަސްޓް" އިވެންޓުގެ ތެރެއިން މި އަހަރު ތައާރަފްކުރި އައިފޯން 15 ގެ އިންތިޒާރުގައި އެޕަލްގެ ފިހާރަތަކުގެ ބޭރުގައި، ޝައުގުވެރިވާ ފަރާތްތަކުގެ ދިގު ސަފުތައް ފެނިގެން ގޮސްފައިވުމީ އެކަމުގެ ސާފު އަލިގަދަ ހެއްކެކެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް އައިފޯން ނެރެން ޖެހޭ ކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ޔޫރަޕާއި އިންޑިއާގެ މަޝްހޫރު ޑިޖިޓަލް މީޑިއާއެއް ކަމުގައިވާ ބުރުޓްއަށް ދިން އިންޓަވިއު އެއްގައި، މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓިމް ކުކް ވަނީ އެޕަލްގެ ވިސްނުމާ ބެހޭ ގޮތުން މައުލޫމާތު ދީފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ އަހަރަކު ވެސް އައިފޯން ބޭނުންވާ މީހުންނަށް އާ އައިފޯނެއް ލިބުމަކީ ވަރަށް ބޮޑު ކަމެއް، އެއީ އަޅުގަނޑުމެންގެ ގިނަ ކަސްޓަމަރުން އެދޭ ގޮތް،" އޭނާ ބުންޏެވެ.
ކަސްޓަމަރުންގެ ފަރާތުން ދޭ މި ތަރުހީބުން ދައްކުވައިދެނީ އެޕަލްގެ ކަސްޓަމަރުންގެ ޑިމާންޑްތައް ފުއްދުމަށް އެޕަލްއިން ދޭ އަހައްމިއްޔަތުކަން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކުކް ވަނީ އެޕަލްގެ ދެމެހެއްޓެނިވި މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ކުކް ފާހަގަކުރެއްވި ގޮތުގައި އެ ކުންފުނީގެ ޔޫޒަރުންނަށް އެ މީހުންގެ ކުރީގެ އައިފޯނުތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ.
ފަންކްޝަނަލް ނުވަތަ ރަނގަޅަށް މަސައްކަތްކުރާ ކުރީގެ އައިފޯންތައް އަލުން ވިއްކައި، ސާކިއުލާ އިގްތިސާދަށް އެހީތެރިވެދޭ އިރު، ފަންކްޝަނަލް ނޫން ޑިވައިސްތައް ފަރުވާތެރިކަމާ އެކު ޑިސްއެސެމްބްލްކޮށް، އާ އައިފޯން އުފެއްދުމުގައި އެ ޑިވައިސްތަކުގެ މެޓީރިއަލްތައް އަލުން ބޭނުންކުރާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެޕަލްއިން ކޮންމެ އަހަރަކު ވެސް އައިފޯން ނެރުމަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ދެމިއޮތުމުން، އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އެ ކުންފުނިން ކުރާ މަސައްކަތް ދައްކުވައިދެއެވެ.