ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި އިއްޔެ ކުލަބް ވެލެންސިޔާއާ ދެކޮޅަށް ވީބީ އައްޑޫ އެފްސީ ކުޅުނު މެޗުގެ ރެފްރީއަކަށް ހުރި އަހުމަދު އަފްސާހުގެ ނިންމުންތަކަށް ވީބީގެ ތުރުކީ ކޯޗް ޖޭން ވަންލީ ފާޑު ކިޔައިފި އެވެ.

ފާއިތުވި ތިން އަހަރު ދުވަހުގެ ޗެމްޕިއަން ވީބީއާ ދެކޮޅަށް ވެލެންސިޔާ އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުންނިމުނުއިރު، މެޗުގެ ނަތީޖާ ނިކުތީ 2-2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

މެޗަށް ފަހު ވީބީގެ ކޯޗް ވަންލީ ބުނީ، މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހުމަށްވުރެ، މެޗް ކަންކަން ބެލުމަށްޓަކައި ދަނޑުމަތީގައި ހުރި ރެފްރީގެ ނިންމުންތާކާމެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ރެފްރީގެ ނިންމުންތައް ދެ ފަހަރު ދެގޮތައް ދައްކަމުން ދިޔައިރު، އަހުމަދު ސައީދު (އައްމަޓީ)އަށް ދެއްކި ރީދޫ ކާޑަކީ އެހާ ފުރިހަމަ ނިންމުމެއް ނޫން ކަމަށް ވެސް ވަންލީ ވަނީ ބުނެފައެވެ.

"ރެފްރީގެ ނިންމުންތައް ރަނގަޅެއް ނޫން. އައްމަޓީއަށް ދެއްކި ކާޑަކީ ވެސް އެހާ ރަނގަޅު ކާޑެއް ނޫން." ވަންލީ ބުންޏެވެ.

ވަންލީ ބުނީ، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވިއިރު، އިތުރަށް ދެއްކި ހަތް މިނެޓު ހަމަނުވަނީސް ރެފްރީ މެޗް ނިންމާލި ކަމަށެވެ. އަދި އިތުރަށް ދެއްކި ހަތް މިނެޓުގެ ތެރެއިން ކުޅެވުނީ އެންމެ ހަތަރު މިނެޓު ކަމަށް ވެސް އިއްޔެގެ ނިއުސްކޮންފަރެސްގައި ތަކުރާރުކޮށް ވަންލީ ބުންޏެވެ.

"އަހަރެންވެސް ގަޑި ބެލިން، އިތުރަށް ދެއްކި ހަތް މިނެޓުގައި ކުޅެވުނީ އެންމެ ހަތަރު މިނެޓް." ވަންލީ ބުންޏެވެ.

މެޗަށް ފަހު ކޯޗް ވަންލީ ރެފްރީއަށް ފާޑު ކިޔުމުގެއިތުރުން، ވީބީގެ އޮފިޝަލުން ވެސް ވަނީ މެޗަށް ފަހު ރެފްރީއާ ދިމާލަށް ގޮސް، ވަރަށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައެވެ. ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ވެސް ރެފްރީއާ ދިމާލަށް ދިޔަކަމަށާއި އެގޮތުން ރެފްރީގެ ދިފާއުގައި އެވަގުތު އެތާގައި ހުރި ގައުމީ ޓީމުގެ ކިޓް މެނޭޖަރ ހަސަން ނިޒާރު އަހުމަދު (ބޮޑޭ)ގައިގައި ސަތޯ ކޮޅުފައިން ޖެހި ކަމަށް ވެސް އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އަދި ބޮޑޭވެސް ވަނި ސަތޯ އޭނާގެ ގައިގައި ޖެހިކަމަށް ވާހަކަ ދައްކައިފަ އެވެ.