15 Oct 2023, 08:50
ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ކެރިއަރުގައި ޖުމުލަ 1000 ގޯލު ޖެހުމުގެ އަމާޒެއް ކަނޑައަޅައިފިއެވެ.
ޕޯޗުގަލުން ވަނީ ކެޕްޓަން ރޮނާލްޑޯގެ ދެ ގޯލާ އެކު 3-2ގެ ނަތީޖާއަކުން ރޭ ކުޅުނު މެޗުގައި ސްލޮވާކިއާ ބަލިކޮށް، އަންނަ އަހަަރުގެ ޔޫރޯއިން ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ދެ ގޯލާ އެކު ގައުމީ ޓީމަށް ރޮނާލްޑޯ ޖެހި ގޯލުގެ އަދަދު 125 އަށް އަރާފައިވާ އިރު، އޭނާގެ ކެރިއަރުގައި ވަނީ ޖުމުލަ 857 ގޯލު ޖަހައިފައެވެ.
މިހާރު އުމުރުން 38 އަހަރުވެފައިވާ ރޮނާލްޑޯ އަދިވެސް ދަނީ ރެކޯޑުތައް މުގުރަމުންނެވެ. ނަމަވެސް އޭނާ ރިޓަޔާކުރުމުގެ ވިސްނުމެއް ނެތެވެ. ރޮނާލްޑޯ ވަނީ އެފްސީ ޕޯޓޯގެ ރައީސް ޖޯޖް ނޫނޯ ޕިންޓޯގެ 1000 ގޯލުގެ ޗެލެންޖު ގަބޫލުކޮށް، އެ އަމާޒު ވެސް ހިފައިފައެވެ.
"އެ މަސައްކަތް ތަންކޮޅެއް އުނދަގޫވާނެ، އެކަމަކު އެއީ ރަނގަޅު ވިސްނުމަކާއި މަސައްކަތާ އެކު ކާމިޔާބުކުރެވޭނެ ކަމެއް. އެއް ހާސް ގޯލު ހަމަކުރެވޭނީ ފުރަތަަމަ 900 ގޯލު ހަމަކޮށްގެން. އަހަރެންނަށް އެކަންކަން ހާސިލުކުރެވޭނެ،" ޕޯޓޯގެ ރައީސް ޕިންޓޯއާ ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސައުދީ އަރަބިއާގެ އަލް ނަސްރާ އެކު ހަދާފައިވާ ކޮންޓްރެކްޓު 2027ގެ ނިޔަލަށް އާކުރުމަށް ރޮނާލްޑޯ ބޭނުންވެއެވެ. އެހެންވެއްޖެ ނަމަ، އަންނަ އަހަރުގެ ޔޫރޯގެ އިތުރުން ވޯލްޑް ކަޕް 2026ގައި ވެސް ޕޯޗުގަލް ޓީމުން ރޮނާލްޑޯ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
މި ސީޒަނުގައި ވެސް އަލް ނަސްރާ އެކު ރޮނާލްޑޯ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި އަލް ނަސްރަށް ކުޅުނު 11 މެޗުން އޭނާ ވަނީ 11 ގޯލު ކާމިޔާބުކޮށްފައެވެ.