15 Oct 2023, 09:20
ރެއާލް މެޑްރިޑަށް ސޮއިކުރުމަށް އެދި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމްއަށް ގިނަ ދުވަސްތަކެއް ވަންދެން މެސެޖުކޮށްފައިވާނެ ކަމަށް ރެއާލްގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާ ބުނެފިއެވެ.
ރެއާލް ކުޅޭ މެޗުތަކުގައި މިހާރު ވެސް ދަނޑުމަތިން ވިނީޝިއަސް އާއި ބެލިންހަމްގެ ގުޅުން ވަރަށް ބޮޑަށް ފާހަގަވެއެވެ. ނަމަވެސް ވިނީޝިއަސް ބުނެފައިވާ ގޮތުގައި އެ ދެ ކުޅުންތެރިން އެކުގައި ރެއާލްގެ ޖާޒީގައި ކުޅެން ފެށުމުގެ ކުރިން ވެސް ބެލިންހަމްއާ އެކު ގުޅުން ރަނގަޅެވެ.
"ރެއާލަށް ބެލިންހަމް ސޮއިކުރުމުން ވަރަށް އުފާކުރަން. ރެއާލަށް އޭނާ ގެނައުމަށް ގިނަ ދުވަސްތަކެއް ވަންދެން އަހަރެން މެސެޖުކުރަމުން ދިޔައިން. މިއީ ދުނިޔޭގެ އެންމެ މޮޅު ޓީމު. އަހަރެންނަށް އެނގޭ އެހެން ކްލަބުތަކުން ވެސް ބެލިންހަމް ބޭނުންވިކަން،" ފްރާންސްގެ ނޫހެއް ކަމަށްވާ 'އެލް އިކުއިޕް'އަށް ދިން އިންޓަވިއުއެއްގައި ވިނީޝިއަސް ބުންޏެވެ.
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ، ރެއާލަށް ގެންދިއުމަށް ވެސް އެފަދަ މަސައްކަތެއް ކުރާނެތޯ ސުވާލުކުރުމުން ވިނީޝިއަސް ބުނީ އެމްބާޕޭގެ ހާލަތު މުޅިން ތަފާތު ކަމަށެވެ.
"އެމްބާޕޭގެ ކަންކަން މުޅިން ތަފާތު. އެގޮތަކަށް އެކަންވާކަށް ނޯންނާނެ. ބެލިންހަމްއަށް އޮތް އޭނާ ބޭނުންވެއްޖެ ނަމަ، ކްލަބު ދޫކޮށްލުމުގެ ފުރުސަތު. އެމްބާޕޭއާ އެކު ވެސް މި ކްލަބުގެ ހުރިހާ ކުޅުންތެރިން ކުޅެން ބޭނުންވޭ. އަހަރެން އުންމީދުކުރަނީ ކޮންމެ ވެސް ދުވަހަކުން އެމްބާޕޭ ވެސް މި ކްލަބާ ގުޅޭނެ ކަމަށް. އޭނާއަކީ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް،" ވިނީޝިއަސް ބުންޏެވެ.
މިހާރު ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 23 އަހަރުގެ ވިނީޝިއަސް، ރެއާލްއާ ގުޅުނީ ފްލެމިންގޯ އިން 2018 ވަނަ އަހަރުއެވެ. ރެއާލްއާ ގުޅުމަށް ފަހު، ކުރީކޮޅުގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރި ނަމަވެސް، މިހާރު އޭނާއަކީ އެ ޓީމުގެ ތަރިއެކެވެ.