14 Oct 2023, 21:53
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ދަރުމާއަށް ކުޅެދޭ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ދިވެހިރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބިރުވެރި، ނޮވެމްބަރު 3ގެ އުދުވާނީ ޙަމަލާގެ ހާދިސާއަށް ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ސަލްމާން ޚާން މި ފިލްމުގައި ކުޅޭނީ ދުޝްމަނުންގެ ޙަމަލާތައް ހުއްޓުވައި، ރާއްޖެ ހިފަން މަސައްކަތް ކުރި ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންޑިއާއިން ތައްޔާރުކުރި މިޝަންގެ ލީޑަރުގެ ރޯލް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ސަލްމާން ޚާން ޕެރެމިލިޓަރީ އޮފިސަރެއްގެ ރޯލް ކުޅޭ މި ފިލްމަކީ، 25 އަހަރު ފަހުން އެކްޓަރު ދަރުމާއަށް ކުޅެދޭ ފުރަތަމަ ފިލްމެވެ. ކުރިޔަށް އޮތް ނޮވެމްބަރު މަހު "ޓައިގާ3" އިން ފެންނާނެ ސަލްމާން ވަނީ ވިޝްނޫ ވަރުދަން ޑައިރެކްޓް ކުރާ މި ފިލްމަށް ބޭނުންވާ ޚާއްޞަ ތަމްރީނުތައް ވެސް ފަށާފައި ކަމަށް މީޑީއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އެގޮތުން ދާދިފަހުން މުމްބާއީގައި ބޭއްވި ބައެއް ފިލްމީ ހަފުލާތަކުން ސަލްމާން ފެނިފައި ވަނީ މުޅިން ތަފާތު ގޮތަކަށެވެ. ސަލްމާންގެ ބޯކޮށާފައިވާ ގޮތަށް ގެނައި ބަދަލަކީ މިފިލްމުގެ ދަތުރަށް ތައްޔާރުވުމުގެ ކޮޅުމަތި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ހިންދުސްތާނު ޓައިމްސްގައި ބުނެފައި ވަނީ ސަލްމާން ވަނީ ވަރަށް ވަރުގަދަ ޑައެޓެއް ފަށާފައި ކަމަށާއި އަސްކަރީ އޮފިސަރުންނާ އެއްގޮތަށް ހަށިގަނޑު ބައްޓަން ކުރުމަށް ޚާއްޞަ ޖިމް ޓްރެއިނިން ސެޝަން ވެސް ފަށާފައި ކަމަށެވެ.
ސަލްމާން ޚާން އާއެކު ފިލްމަށް ގެންނަން ބޭނުން ވަނީ ބޮލީވުޑުން ބޭރު ބަތަލާ އެއް ކަމަށާއި ޑައިރެކްޓަރު ވިޝްނޫ ވަރުދަންގެ ނަޒަރު ހުއްޓިފައި ވަނީ ސައުތު ސިނަމާގެ ބަތަލާ ސަމަންތާއަށް ކަމަށް ހިންދުސްތާނު ޓައިމްސްގައި ވަނީ ބުނެފައެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިން --
ހަނގުރާމަ މަތީ ފިލްމުތައް އުފެއްދުމުގެ ތަޖުރިބާ ހުރި ޑައިރެކްޓަރު ވިޝްނޫ ވަރުދަންގެ މި ފިލްމުގެ ސްކްރީންޕްލޭ މަސައްކަތް ނިމުނުހާ އަވަހަކަށް އަންނަ އަހަރުގެ ޖެނުއަރީ މަހު ފިލްމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރަށް ތިބި ކަމަށް ދަރުމާއާ ޙަވަލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ފިލްމުތައް ދިވެހިރާއްޖޭގެ ސިނަމާތަކުގައި ވެސް ދައްކަމުން އަންނަ އިރު މި ފިލްމަކީ، ހިންދީ ފިލްމުތަކަށް ލޯބިކުރާ ގިނަ ދިވެހީން އިންތިޒާރު ކުރާނެ ފިލްމަކަށް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
މުޅި ދިވެހި ޤައުމު ސިއްސުވާލި 1988ގެ އުދުވާނީ ޙަމަލާ އަކީ، މި އަދާ ހަމައަށް ވެސް ދިވެހިންގެ ހިތުން ފިލައިގެން ނުދާ ބިރުވެރި ހަމަލާއެކެވެ. ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާއި ދިވެހި ފަސްގަނޑަށް އުފަން ދިވެހީންގެ ބަޔަކާ ގުޅިގެން ހިންގި މި ޓެރަރިޒަމްގެ ޙަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިނީ ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. ދިވެހިން ނަސްރުގެ ގޮތުގައި ފާހަގަ ކުރާ މި ދުވަހުގެ ހަނދާން ދިވެހީން އާ ކުރަނީ އެ ދުވަހު ޤައުމަށްޓަކައި އަމިއްލަ ފުރާނަ ޤުރުބާންކޮށްލި ހިތްވަރުގަދަ ޝަހީދުންގެ ޒިކުރާ އާ ކުރަމުންނެވެ. އޭގެތެރޭގައި، ސިފައިންގެ އަށް ބޭކަލުން ހިމެނެއެވެ.
ޓެރަރިސްޓު ސިފައިންނާއި އެ ދުވަހު ޤައުމަށް ޣައްދާރުވި ބާޣީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންޑިއާއިން ހަނގުރާމަ މަތީ ތިން މަނަވަރާއި ސޯޅަ ސަތޭކަ ސިފައިން އިންޑިއާގެ ސަރުކާރުން ފޮނުވިއެވެ.