14 Oct 2023, 21:00
ޓޮޓެންހަމް ހޮޓްސްޕާގެ ސްޓޭޑިއަމަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ޓޮޓެންހަމްގެ ސްޓޭޑިއަމަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ އިރު، އެ ގެއްލުންތައް މަރާމާތުކުރުމަށް 100،000 ޕައުންޑް (121،000 ޑޮލަރު) ހަރަދުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޓޮޓެންހަމްގެ ސްޓޭޑިއަމަށް ގެއްލުން ދީފައިވަނީ ޔަހޫދީ ޖަމާއަތްތަކާ އެ ކްލަބުން ގާތް ގުޅުމެއް ބާއްވާތީއެވެ. ނަމަވެސް ގެއްލުން ދީފައިވަނީ އެކަމުގެ ރުޅިވެރިކަމުގައިކަން އެނގޭނެ ފަދަ ކަމެއް ފާހަގަވެފައިނުވާ ކަމަށް ޓޮޓެންހަމުން ވަނީ ބުނެފައެވެ.
"ސްޓޭޑިއަމަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދެން. މިއީ ޔަހޫދީންނާ ދެކޮޅަށް ދިން ހަމަލާއެއްކަން އެނގޭނެ އެއްވެސް ކަމެއް ފެންނާކަށް ނެތް،" ޓޮޓެންހަމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޓޮޓެންހަމުން 2019ގައި ހުޅުވި ސްޓޭޑިއަމަކީ 63،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އެ ސްޓޭޑިއަމް ތަރައްގީކުރުމަށް ޓޮޓެންހަމުން ވަނީ 1.2 ބިލިއަން ޕައުންޑް (1.45 ބިލިއަން ޑޮލަރު) ހަރަދުކޮށްފައެވެ.