15 Oct 2023, 08:58
ރާއްޖޭގައި ތަފާތު އެކި ކަހަލަ ޖާދޫ އަދި އިލޫޝަންސް ހަދައި އުޅޭ އާޓިސްޓުންނަށް ހާއްސަ ޖަމިއްޔާއެއް ކަމަށްވާ "މޯލްޑިވްސް މެޖީޝަންސް އެސޯސިއޭޝަން" ރެޖިސްޓްރީ ކޮށްފިއެވެ.
އަލަށް އުފެއްދި މި ޖަމިއްޔާގެ ރައީސްގެ ގޮތުގައި ހުންނާނީ މަޝްހޫރު ޖާދޫގަރު މުހައްމަދު ޝަރީފު ނުވަތަ ބެގޯނިއާ ޝަރީފެވެ. ޝަރީފް އަކީ ޖާދޫ ހެދުމުގައި ރާއްޖެއިން މަގުބޫލުކަން ހޯދުމުގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުން ވެސް ކާމިޔާބީ ހޯދާފައިވާ މީހެކެވެ.
ޝަރީފް ފާހަގަކޮށްފައިވާ ގޮތުގައި އަލަށް އުފެއްދި މި ޖަމިއްޔާގެ ބޭނުމަކީ ޖާދޫ ހެދުމާއި އިލޫޝަނަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމެވެ. އަދި ޒުވާނުންގެ މެދުގައި މި ހުނަރު އިތުރަށް އާލާކޮށް މިފަދަ ހުނަރުތަކުން ކުރިއަށް ދިޔުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ޖަމިއްޔާގެ މައިގަނޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރެއެވެ.

ޖާދޫގަރުންގެ ޖަމިއްޔާގެ ރައީސް، މަޝްހޫރު ޖާދޫގަރު މުހައްމަދު ޝަރީފު ---
މި ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ވަރަށް ގާތުން އެހީތެރިވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގެ ޖާދޫގަރެއް މަސައްކަތް ކުރާނެއެވެ. އެގޮތުން ގިނެސް ރިކޯޑު ފޮތުން ދެ ފަހަރެއްގައި ރެކޯޑު ހޯދާފައިވާ އިންޑިއާގެ ޖާދޫގަރު ސަމަލަ ވެނޫ މި ޖަމިއްޔާއަށް އެހީތެރިވާނެ ކަމަށް ޝަރީފް ފާހަގަކުރެއެވެ.
ޖަމިއްޔާ ރެޖިސްޓްރީ ކޮށްފައިވާއިރު މިހާރު މަސައްކަތް ކުރަމުންދަނީ ޖާދޫގަރުންގެ ބޮޑު ފެސްޓިވަލެއް ބޭއްވުމަށެވެ. ޑިސެމްބަރު މަހަށް ތާވަލު ކޮށްގެން މޯލްޑިވްސް އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލް ބޭއްވުމަށް ޖަމިއްޔާއިން އަންނަނީ ތައްޔާރީތައް ވަމުންނެވެ. ޑިސެމްބަރު މަހުގެ ފުރަތަމަ ދެ ދުވަހު ކުރިއަށްދާ މިި ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ މެޖީޝަނުންނާއި އިލޫޝަނިސްޓުންނަށް ވަނީ މިހާރު ފުރުސަތު ހުޅުވާލާފައެވެ.
މި ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު އެކި ކަހަލަ ޖާދޫ އާއި އިލޫޝަންސް ހަދާ މީހުންނަށް ލިބިގެންދާނެ ބޮޑު ޕްލެޓްފޯމެކެވެ.