15 May 2012, 09:55
ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ކުލަބް ވެލްންސިޔާއާ ދެކޮޅަށް ފާއިތުވި ތިންއަހަރު ދުވަހުގެ ޗެމްޕިއަން ވީބީ އައްޑޫ އެފްސީ އިއްޔެ ކުޅުނު މެޗު 2-2 ލަނޑުން ދެ ޓީމް އެއް ވަރުގެން ނިމެއްޖެ އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑް ނެގީ ވެލެންސިޔާގެ ބިދޭސި ކުޅުންތެރިޔާ މިކޭލް ސޮލަމަން އެވެ.
މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފުގައި ވީބީގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ފެނިގެން ދިޔަ މިމެޗުގައި، ވީބީން ވެލެންސިޔާ ކޮޅަށް ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގައި އިތުރަށް ދެއްކި ދެ މިނެޓުގެ ތެރޭގައި ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމަންޑް މަންސާރީ އެވެ.
ދެޓީމުން ވެސް 1-1 ލަނޑުން ހަމަހަމަ ވެގެން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، ފުރަތަމަ ހާފުގައި ވެސް ދެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ވަނީ ލިބިފައެވެ. އެގޮތުން ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ ސަލޮމަންއާއި ވީބީގެ އަލީ ނާފިއު (ކަޅޭ) އަށް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
މެޗުގައި ވެލެންސިޔާއިން ދެ ވަނަ ފަހަރަށް ލީޑް ނެގީ މެޗުގެ 90 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިން ބިދޭސީ ކުޅުންތެރިޔާ މިކޭލް ސަލޮމަންއެވެ. އަދި ވީބީން ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ އިތުރަށް ދެއްކި ހަތް މިނެޓުގެ ތެރޭގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަބޫ އެވެ.
މެޗަށް ފަހު ވެލެންސިޔާގެ ކޯޗް މުހައްމަދު އިގްބާލް ބުނީ، ލީގުގައި އެންމެ ފަހުން ވެލެންސިޔާ ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ދެއް ކި ކުޅުމަށް ވުރެ، މިއަދު ވީބީއާ ދެކޮޅަށް ދެއްކި ކުޅުން ދަށްކަމަށެވެ. އަދި ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ފޯވާޑުންނަށް ނުހިފުނު ކަމަށް ވެސް އިގްބާލް ބުންޏެވެ.
އިއްޔެގެ މެޗް އެއްވަރުވެ، ކޮންމެ ޓީމަކަށް ވެސް ލިބުނު އެއްޕޮއިންޓާއެކު ލީގް ތާވަލްގައި ވެލެންސިޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި ވީބީ އޮތީ ހަތަރު މެޗް ކުޅެ އެޓީމަށް ލިބުނު ތިން ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.
ލީގުގައި ވާދަކުރާ އަށްޓީމް ވެސް ޖުމްލަ ހަތަރު މެޗް ކުޅެ ނިމިފައިވާއިރު، ތާވަލްގެ އެއް ވަނައިގައި ވިކްޓަރީ އާއި ނިއު އޮތީ 10 ޕޮއިންޓާއެކު އެވެ. އެހެން ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ ނިއު އަށެވެ. އަދި ތާވަލްގެ އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު އޮތް އޭވައިއެލް އެވެ.
ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުލޭނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. އެދުވަހުގެ މެޗުގައި ބައްދަލުކުރާނީ ލީގުގެ ތިން ވަނައިގައި މިވަގުތު އޮތް މާޒިޔާ އާއި އޭވައިއެލްއެވެ.