ރާއްޖޭގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް ކޮންމެ ދުވަހަކު އަންނަނީ ބޮޑެތި ބަދަލުތައް އަންނަމުންނެވެ. މި ބަދަލުތައް އަންނަ އިރު ކުރީގެ ބޮޑެތި ކާމިޔާބީތައް ހަނދާން ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. މިއިން ބޮޑު އެއް ބަދަލަކީ މަޝްހޫރު ދިވެހި ފިލްމު "ދެރިޔާ"ގެ ސައުންޑްޓްރެކާ އެކު އައި ބަދަލެވެ.

މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ނެރުނު މަގުބޫލު ފިލްމު "ދެރިޔާ" އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ވެސް ފާހަގަކޮށްލެވޭ އަދި އަދަށް ވެސް އޭގެ ވާހަކަ ދައްކާ ފިލްމެކެވެ. އޭގެ ސައުންޑްޓްރެކް އަކީ ވެސް އެހާ ފާހަގަކޮށްލެވޭ އެއްޗެކެވެ.

ދެރިޔާގެ ސައުންޑްޓްރެކް ރިލީޒް ކުރި ފަހުން މިދިޔަ ހުކުރު ދުވަހު ވަނީ 30 އަހަރު ވެފައެވެ. މި އަލްބަމް ރިލީޒްކުރީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް އާ ކަމަކާ އެކުގައެވެ. އެއީ އެ ސައުންޑްޓްރެކް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޑިއޯ ސީޑީއެއްގައި ނެރުނު ފަހަރެވެ.

ސައުންޑްޓްރެކް އަލްބަމްއާ ގުޅޭގޮތުން މައުލޫމާތު ދެމުން ޓެޑްރީ ކިޔައިދިނީ އެއީ ފުރަތަމަ ފަހަރަށް ސީޑީގައި ނެރުނު އަލްބަމް ކަމަށެވެ. އެއީ، އެ ދުވަސްވަރު ރާއްޖެއަށް މުޅީން އާ ކަމެކެވެ.

"އެ ދުވަސްވަރަކީ ރާއްޖޭގެ ގޭގޭގައި ވެސް މުޅީން ކެސެޓް ޓޭޕްތައް ބޭނުން ކުރަމުންދިޔަ ދުވަސްވަރެއް. ސީޑީ ޕްލޭޔަރުތައް މަޑުމަޑުން އާންމުވާން ފަށާފައި ވަނީ އޭރު،" އޭނާ ކިޔައިދިނެވެ.

https://www.instagram.com/p/CyWUj0iypq6

އޭރު ސީޑީ އެއްޗެއްސަކީ ރާއްޖޭގައި އުފެއްދޭ އެއްޗެއްސެއް ނޫނެވެ. އެއާ އެކު ސީޑީ އުފެއްދުމަށް ޖެހުނީ ރާއްޖެއިން ބޭރަށް ފޮނުވާށެވެ. ޓެޑްރީ ބުނި ގޮތުގައި އޯޑިއޯ އަލްބަމް އުފެއްދީ ހޮންގް ކޮންގަށް ފޮނުވައިގެންނެވެ.

އަދި، ގެނެސް 13 އޮކްޓޯބަރު 1993 ގައި އަލްބަމް ސީޑީ ރިލީޒް ކުރިއެވެ. އެ ދުވަސްވަރު ސީޑީ ވިއްކަމުން ދިޔައީ 200 ރުފިޔާއަށް ކަމަށް ފާހަގަކޮށް ޓެޑްރީ ބުނީ، އެއީ ބޮޑު އަދަދެއް ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ބޭރުގެ ބައެއް ސީޑީތައް އެއަށްވުރެ ބޮޑުކޮށް ވެސް ރާއްޖޭގައި ވިއްކަމުން ދިޔަ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ސީޑީ އަލްބަމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އަދި، އޭގެ އަހަރެއް ފަހުން ފިލްމު ނެރުނު އިރު ފިލްމުގެ ކާމިޔާބީގެ ފަހަތުގައި ވެސް އަލްބަމް ބޮޑު ރޯލެއް ކުޅެފައިވާ ކަމަށް އޭނާ ފާހަގަ ކުރިއެެވެ.

ދެރިޔާގެ އަލްބަމްގައި ހަތް ލަވަ ހިމެނެއެވެ. މި ހަތް ލަވައިގެ ލިރިކްސްގެ މަސައްކަތް ކުރީ އަބްދުﷲ ސޯދިގެވެ. އަދި، ލަވައިގެ މިއުޒިކްގެ މަސައްކަތް ކޮށްފައިވަނީ އިބްރާހީމް ޝިހާމާއި އަހުމަދު އާމިރު އަދި ފާއިދު ފާރޫގެވެ. މި އަލްބަމްގެ ގިނަ ލަވަތަކެއް ކިޔާފައިވަނީ ފަޒީލާ އާމިރެވެ.

ދެރިޔާގެ ސައުންޑްޓްރެކްގައި ދިވެހި މިއުޒިކްގެ ބައެއް އައިކޮނިކް ލަވަތައް ހިމެނެއެވެ. އޭގެ ތެރޭގައި "މަގެ ލޯބި ދަރިފުޅާ" އާއި "ވަކިވީ އަސަރާ" އަދި "އާދޭ މިއަދު ދާން" ފަދަ ލަވަތައް ހިމެނެއެވެ.