14 Oct 2023, 17:45
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތަކުން ގުޅިގެން އަންނަ އަންގާރަ ދުވަހު ބާއްވާ ޚާއްޞަ ޓެލެތޯން "އަހަރެމެން ފަލަސްތީނާއެކު"ގެ ޕްރޮގްރާމްތައް މިއަދު ފަށައިފިއެވެ.
ޓެލެތޯން އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 10:30އިން ފެށިގެން ރޭގަނޑު 00:00 އާ ހަމައަށެވެ.
މި ޓެލެތޯންގެ ކުރިން މިއަދާއި މާދަމާއާއި ހޯމަ ދުވަހުގެ ހަވީރު، މި ހަރަކާތާ ގުޅުންހުރި ޕްރޮގްރާމްތައް ދައްކާނެއެވެ. މި ޕްރޮގްރާމް މި ތިން ދުވަހުގެ ހަވީރު 17:00އިން ފެށިގެން 18:00އާ ހަމައަށް ކުރިއަށްދާނެއެވެ.
މި ޓެލެތޯން އަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. އެގޮތުން ޓެލެތޯންގައި ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކުގެ އިތުރުން އޮންލައިން ނޫސްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
ޣައްޒާގައި މި ވަގުތު ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި، އެތައް ބައެއްގެ ގެދޮރު ވެސް ވަނީ ނެތި ގޮސްފައެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ޣައްޒާއަށް ފެނާއި ކަރަންޓު އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފައެވެ.
ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އައިއޭސީން ހުޅުވާލި ފަންޑަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މިހާތަނަށް ލިބިފައެވެ.
މި ފަންޑަށް އެހީ ވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލައިފައި އޮތްއިރު، އެ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓަށް ފައިސާ ފޮނުވައިގެން މިހާރުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެއެވެ.
އެކައުންޓު ނަމްބަރު: 7770000062741
- އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން
މީގެ އިތުރުން އައިއޭސީން އިންތިޒާމްކޮށްގެން ބާއްވާ ހިމޭން އިހްތިޖާޖެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އޮންނާނެއެވެ.