އެމެރިކާގައި އުފައްދާ އެންމެ ފަހުގެ ޖީލުތަކުގެ ފައިޓާ ޖެޓް ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާގެ އިމާރާތްތަކާއި އާންމުންގެ ބޮލަށް ބޮންއަޅައި ހާހުން އާންމުން ޝަހީދު ކުރަމުން ގެންދިޔނަމަވެސް ހަމާސް ޖަމާއަތުގެ އަސްކަރީ ގާބިލްކަމުގެ ދެޕަސެންޓްވެސް އަދި އިސްރާއީލަށް ފުނޑާ ނުލެވޭކަން އެޖަމާއަތުން ހާމަކޮށްފިއެވެ.

ހަމާސްގެ އަސްކަރީ ކޮމާންޑަރުންނާ ހަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި އެޖަމާއަތުން ގެންދަނީ އިސްރާއީލުގެ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ އެމީހުންނާ ކުރިމަތިލައި ހަނގުރާމަކޮށް އެމީހުން ބަލިކޮށްލުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ. އެކަން ކުރެވޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތެވެ. އިސްރާއީލުގެ ސިފައިން ޣައްޒާއަށް އަރައިގެންފިނަމަ ހިތި ގޮތަކަށް އެމީހުން ބަލިކޮށްލާނެކަމުގެ އިންޒާރު ހަމާސްގެ ކޮމާންޑަރެއްކަމަށްވާ އަބޫ އުބައިދާ ވަނީ ދެއްވާފައެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލު ހަނިއްޔާ ވިދާޅުވިގޮތުގައި 1970 ގެ ކުރީކޮޅު ހިނގި ވިއެޓްނާމް ހަނގުރާމައިގާ އެމެރިކާ ސިފައިން އިނދަޖައްސާލުމަށް ވިއެޓްނާމް ސިފައިން ބޭނުންކުރީ 270 އަކަ ކިލޯމީޓަރުގެ ބިމުގެ އަޑީގެ ބިންގަރާހެއްކަމަށާ ހަމާސް އިން ޣައްޒާގެބިމުގެ އަޑިން ވަރަށް ފުނުގައި ބިނާކޮށްފައިވާ ބިންގަރާސް އޭގެ ދެގުނައަށް ވުރެވެސް ބޮޑުވާނެކަމުގައެވެ. މިކަމާބެހޭ އިތުރު ތަފްސީލެއް އިސްމާއީލް ހަނިއްޔާ ނުދެއްވައެވެ.

ހަމާސް އިން އިސްރާއީލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާތަށް ދެނީ މި ބިންގަރާސް ސިޓީ ބޭނުންކޮށްގެންނެވެ. ހަމާސް އިން ރޮކެޓާއި ޑްރޯން އުފައްދާ ކާރުޚާނާތަކާއި ލެބޯޓްރީތައް އެޖަމާއަތުން ބިނާކޮށްފައިވަނީވެސް އަދި އެޖަމާއަތުގެ އިންޖިނޭރުންނާއި ރީސާޗަރުންނާއި ލީޑަރުންވެސް އުޅުއްވަނީ މި ބިންގަރާސް ސިޓީގައިކަމަށްވަނީ ބެލެވިފައެވެ.

ހަމާސުން މިއަދުވެސް 90 އަށް ވުރެ ގިނަ ރޮކެޓް ހަމަލާތައް އިސްރާއީލުގެ އެކި ސިޓީތަކަށް ދީފައިވެއެވެ. މީގެތެރޭގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ދިން ހަމަލާތައްވެސް ހިމެނެއެވެ. މި ހަމަލާތަކުން އިސްރާއީލަށްވެސް ގިނަ ގެއްލުންތަކެއް ލިބެއެވެ. މި ރޮކެޓްތައް ހުއްޓުވުމުގައި އިސްރާއީލުގެ ދިފާއީ ނިޒާމުތައް ކާމިޔާބު ނޫންކަންވެސް ހަމާސްއިންވަނީ ސާބިތުކޮށްދީފައެވެ.

އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާއަށް ކިތަންމެ ވަރަކަށް ބޮންއަޅައި އާންމުން މެރިނަމަވެސް ހަމާސްއިން އިސްރާއީލަށް ފޮނުވާ ރޮކެޓްތައް ފޮނުވުން އިސްރާއީލަށް ހުއްޓުވިފައެއް ނުވެއެވެ. އިސްރާއީލުވަނީ މިކަމުގައި މުޅިން ނާކާމިޔާބު ވެފައެވެ.

އިސްރާއީލުގެ ފިނޑި އަދި އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ހަމާސްގެ ހުރިހާ ހަތިޔާރަކާއި އަސްކަރީ ގާބިލްކަމެއް ހުރީ ޣައްޒާގެ އަޑީގައިވާ ބިންގަރާސްތަކުގައި ކަމަށާ އެއީ ބޮޑު ސިޓީއެއްކަމަށް އަލްޖަޒީރާ ވާހަކަ ދެއްކެވި އަސްކަރީ މުހައްލިލެއްކަމަށްވާ އުރުދުން ސިފައިންގެ ރިޓަޔަޑް ޖެނެރަލެއްކަމަށްވާ ފާއިޒް އައްދުވައިރީ ވިދާޅުވިއެވެ.

ޖެނެރަލް ދުވައިރީ ވިދާޅުވިގޮތުގައި 2014 ވަނަ އަހަރު އިސްރާއީލު ސިފައިން ޣައްޒާއަށް އެއްގަމު މަގުން އެރުމުންވެސް އިސްރާއީލަށްވަނީ ވޭންދެނިވި ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ ޣައްޒާއަށް އެއްގަމު މަގުންއެރި އިސްރާއީލު ސިފައިންގެ ރެޖިމެންޓްގައި ހިމެނޭއެއްބައި ސިފައިން، ހަމާސްގެ ހަމަލާތަކުގައި މަރާލައި އަނެއްބައި ސިފައިން ހައްޔަރުކޮށް އަސީރު ކުރުމެވެ. އެއަށްފަހު ޣައްޒާއަށް އަރަން އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

އިސްރާއީލަށް ކުރަންކެރޭހާވެސް ކަމަކީ އިސްރާއީލުގެ ގަދަ ބާރު ދެއްކުމަށްޓަކައި އެމެރިކާގައި އުފައްދާ އެންމެ ފަހުގެ ޖީލުތަކުގެ ފައިޓާ ޖެޓް ބޭނުންކޮށްގެން ޣައްޒާގެ އާންމުންގެ ގެދޮރާއި މަދަނީ ތަންތަނަށް ބޮންއަޅައި ހަމަލާދީ އާންމުން މެރުމެވެ. އާންމު އިމާރާތްތައް ފުނޑުފުނޑު ކުރުމެވެ. މިއީ އިސްރާއީލަށް ހަގީގަތުގައި ލިބޭ ކާމިޔާބެއް ނޫންކަމާއި ސަބަބަކީ މިކަމުގެ ސަބަބުން ހަމާސްގެ އަސްކަރީ ގާބިލްކަމަށް އެއްވެސް ބުރުލެއްނާރާތީ ކަމަށް ޖެނެރަލް އައްދުވައިރީ ވިދާޅުވިއެވެ.

އައްދުވައިރީ ވިދާޅުވިގޮތުގައި ބޮން އަޅައިގެން އާންމުން މެރުމާއި ޣައްޒާގެ ތަންތަން ހަލާކުކުރުމުގައި އިސްރާއީލުގެ އެއް ބޭނުމަކީ ހަމާސްގެ ކުއްލި ހަމަލާތަކުން އިސްރާއީލަކީ ބަލިކަށި ގައުމެއްކަން ހާމަވުމުން ލިބުނު އާދަޔާ ޚިލާފު ޝޮކަށް ރައްދު ދިނުމެވެ. އަނެއް ބޭނުމަކީ އިސްރާއީލަކީ އަދިވެސް ބާރުހުރި ގައުމެއްކަން ދެއްކުމެވެ. ތިންވަނަ ބޭނުމަކީ ޣައްޒާގެ އާންމުން މަރައިގެން އާންމުންގެ ހިތްތަކުގައި ހަމާސް އާ މެދު ނަފްރަތު އުފެއްދުމެވެ. ހުރިހާ ގެއްލުމެއް އާންމުންނަށް ލިބެނީ ހަމާސްގެ ސަބަބުންކަން ދެއްކުމެވެ.

ނަމަވެސް މިކަމުގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބެއެވެ. ސަބަބަކީ ހަމާސް އިން ޖިހާދުކުރަނީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ބިމުގެ މިނިވަންކަމަށްޓަކައި ކަމާއި ހަމާސްގެ އަމިއްލަ އެދުމެއް އޮވެގެންނޫންކަން ޣައްޒާގެ އާންމުންނަށް އެނގޭތީއެވެ. އަދި މިނިވަންކަން ލިބިގެންނޫނީ އަމާންކަން ނުލިބޭނެކަމާއި މިއަދު މަރާނުލާނަމަ މާދަން އެމީހުން އިސްރާއީލުގެ އަތްދަށުން މަރާލާނެކަން ޣައްޒާގެ އާންމުން ދަންނާތީއެވެ.

އިސްރާއީލު ހަމަބިމަށް ތިރިކޮށްލި ހަމާސްގެ މުޖާހިދުން

ޣައްޒާގެ އާންމުންނަށް ހަމަލާދީ އެމީހުން މެރުމުގައި އިސްރާއީލުގެ ސްޓްރެޓީޖިކް އަނެއް ބޭނުމަކީ އެމީހުން މިނިވަންކަމަށް ކުރާ އުންމީދުތައް ފުނޑާލައި އިސްރާއީލަށް އަމާންދީގެން އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައި ތިބުން ނޫންގޮތެއް އެމީހުންނަށް ނޯންނާނެކަމާއި ފަލަސްތީނު މިނިވަންކުރުމަކީ ނުކުރެވޭނެކަމެއްކަން ފަލަސްތީނުގެ އާންމުންނަށް އަދިވެސް ވިސްނައި ދެވޭތޯ ބެލުމެވެ.

ނަމަވެސް މިނިވަންކަމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރާ އުންމީދުތަކާއި އެމީހުންގެ ވިލް ފުނޑާލުމަކީ ފާއިތުވި 75 އަހަރު ތެރޭގައިވެސް އިސްރާއީލަށް ނުކުރެވުނު ކަމެކެވެ. ވީމާ މިކަމުގައި ދެންވެސް އިސްރާއީލަށް ކާމިޔާބު ލިބުމަކީ ފަލަސްތީނުގެ އެތަށް ލައްކަ ބަޔަކު މެރިނަމަވެސް މުސްތަހީލު ކަމެއްކަމަށް އުރުދުންގެ ރިޓަޔަޑް ޖެނެރަލް އައްދުވައިރީ އަލްޖަޒީރާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ހަމާސް އިން މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ދިފާއީ ނިޒާމުތަކާއި ރާޑަރުތަކާއި ބޯޑަރުތައް ފޫއަޅުވާލާފައި ދިން ވަރުގަދަ ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ އެންމެ ފުނަށް ވަދެ އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ހިމެނޭގޮތަށް 1300 މީހުން މަރާލައި އެތަށް ސަތޭކަ ބަޔަކު އަސީރުކޮށް އެތަށް ހާސް ބަޔަކު ޒަޚަމްކޮށްލުމުގެ ސަބަބުން އިސްރާއީލަށްވަނީ ކުއްލި ޝޮކެއް ލިބިފައެވެ.

އިސްރާއީލު ސިފައިންނަކީ ބަލިނުކުރެވޭނެ އާދަޔާ ޚިލާފު އަސްކަރީ އަދި ޓެކްނޮލޮޖީގެ ޖަޔަންޓެއްކަމަށް އިސްރާއީލުން އެގައުމުގެ މުޅި އުމުރުގައި ދުނިޔެއަށް ދެއްކި ހުރިހާ ދަޅަތަކެއް، ހަމާސްގެ މި ހަމަލާގެ ސަބަބުން ވަނީ ނިމުމަކަށް އައިސްފައެވެ.

ހަމާސްގެ ހަމަލާތަކުންވަނީ އިސްރާއީލުގެ ލަޝްކަރުތަކަކީ ހަމަ އެހެން ގައުމުތަކުގެ ލަޝްކަރުތައްފަދަ އާދައިގެ ލަޝްކަރުތަކެއްކަން ހާމަވެފައެވެ. ޔަހޫދީންނަކީ އެމީހުން ޕޯޓްކުރާފަދަ މާޖީނިޔަސް ބައެއް ނޫންކަމާއި ބަލިފައިތައް އިސްރާއީލުގެ ލަޝްކަރުތަކުގައި އާދަޔާ ޚިލާފަށް ގިނަކަންވެސް ހަމާސްގެ ހަމަލާތަކުންވަނީ ހާމަވެފައެވެ. އަދި އިސްރާއީލަކީ ކަރުދާހުގެ މިނިކާވަގެއްކަންވެސްވަނީ ހާމަވެފައިކަމަށް އައްދުވައިރީ ވިދާޅުވިއެވެ.

އިސްރާއީލަށް ލިބުނު ކުއްލި މި ޝޮކާ ގުޅިގެން އިސްރާއީލަކީ އަދިވެސް ބާރުގަދަ ގައުމެއްކަން ދެއްކުމަށްޓަކައި ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި އިމާރާތްތައް ހަލާކުރު ނަމަވެސް މިއީ އަސްކަރީ ގޮތުން ބަލާއިރު ހަގީގީ ބާރު ނޫންކަމާއި ހަގީގީ ބާރަކީ ހަތިޔާރުގެ ގޮތުން އެއްވަރުގެ ބާރަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދުންކަމަށް އައްދުވައިރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޔުކްރެއިން އަށް ލިބޭގޮތަށް ހަމާސް އަށް ޒަމާނީ ހަތިޔާރުގެ ސަޕްލައި ލިބޭނަމަ އިސްރާއީލުގެ ލަޝްކަރުތައް ގިއްގަޅުވާލައި ފަލަސްތީނު މިނިވަންކުރުމަކީ ހަމާސް އަށް ކުރެވިދާނެކަމެކެވެ.

އިސްރާއީލަށް ގެއްލިގެން ދިޔަ ޕްރޮޕަގެންޑާ "މިތް" އަކީ ދެން އަނބުރައި އިއާދަ ކުރެވޭނެ އެއްޗެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ހަމާސްގެ ހަމަލާތަކާ ގުޅިގެން މިއަދު އިސްރާއީލުގެ ލީޑަރުންނާއި ލަޝްކަރުތަކާ އަދި އިސްރާއީލުގެ އާންމުން ކުރަމުން ގެންދަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ދެމިއޮވެވިދާނެތޯ މިސުވާލެވެ. އިސްރާއީލުވަނީ ނަފްސާނީ ގޮތުން ވަރަށް ބަލިކަށި އަދި އަމިއްލަ ނަފްސުގެ އިތުބާރު ގެއްލިފައެވެ. އިސްރާއީލު މިއަދު އޮތީ ޒަޚަމްވެފައިވާ މިނިކާވަގެއްގެ ހާލަތުގައެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމާބެހޭގޮތުން އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގައިފާއިތުވި ތިން ދުވަހު ވަނީ ވަރުގަދަ މަޝްވަރާތަކެއް ކޮށްފައެވެ. މިމަޝްވަރާތަކުގައި އެމަޖިލީހުންވަނީ ޣައްޒާއަށް އެއްގަމު މަގުން އަރައިގެންފިނަމަ ވާނެގޮތަކާމެދު އޮތީ ތިން ސެނޯރިއޯ އޮތްކަން ހާމަކޮށްފައެވެ. މި ތިން ސެނާރިއޯ ގައިވެސް އިސްރާއީލަށް ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަންނެތްކަމަށް އިސްރާއީލުގެ އަސްކަރީ ދާއިރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ތާރީޚަށް ބަލާއިރު އިސްތިއުމާރީ ބާރުތަކުގެ އަތްދަށުން ދުނިޔޭގެ ގައުމުތައް މިނިވަންކަން ހޯދާފައިވަނީ މިލިޔަނުން މީހުން ގުރުބާން ވެގެންނެވެ. ބާރުގެ ބޭނުންކޮށް އަދުއްވުންނާ ކުރިމަތިލައިގެން މެނުވީ ހައްގު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.