ފަލަސްތީނަށް އެހީވުމަށް, އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ހުޅުވާލި ފަންޑަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެ ފަންޑާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ އޮފިޝަލަކު ވިދާޅުވީ މި ފަންޑަކީ މިދިޔަ އާދީއްތަ ދުވަހު ހުޅުވާލި ފަންޑެއް ކަމަށެވެ. އަދި އެ ފަންޑަށް މިހާރު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަންޑަށް އެހީ ވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލައިފައި އޮތްއިރު، އެ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓަށް ފައިސާ ފޮނުވައިގެން މިހާރުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ދިވެހީން ފަލަސްތީނާއެކު ތިބިކަން ދެއްކުމަށް އިއްޔެ ބޭއްވި ދިވެހީންގެ ބޮޑު އެއްވުމުގެ ތެރެއިން-- ފޮޓޯ: އައިއޭސީ

އެކައުންޓު ނަމްބަރު: 7770000062741

އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

ފަސް މިލިއަނަށް ވުރެ ގިނައިން މި ފަންޑަށް މިހާރު ފައިސާ ލިބިފައިވާއިރު، މި ފަންޑު ހުޅުވިތާ ދެގަޑިއިރު ތެރޭގައިވެސް އެ ފަންޑަށް ވަނީ އެއްލައްކަ ރުފިޔާ ލިބިފައެވެ.

މި ފަންޑަކީ މިއަހަރު ފަލަސްތީނަށް އެހީވުމަށް އައިއޭސީން ހެދި ދެވަނަ ފަންޑެވެ. ކޮންމެ ފަރާތަކުންވެސް ބޭނުންވާ މިންވަރަކަށް ވަކި ލިމިޓެއް ނެތި އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ދިވެހީން ފަލަސްތީނާއެކު ތިބިކަން ދެއްކުމަށް އިއްޔެ ބޭއްވި ދިވެހީންގެ ބޮޑު އެއްވުމުގެ ތެރެއިން-- ފޮޓޯ: އައިއޭސީ

މި ޕްރޮޖެކްޓް އަގުތައް ހެދިފައިވަނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމުގެ އިތުރުން، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށް ވެސް އައިއޭސީން ބުނެއެވެ.

ފަލަސްތީނާއި އިޒުރޭލާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުމުގައި ފަލަސްތީނުގެ ކުދި ބޮޑު އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ. އަދި އެތައް ބަޔަކަށް އެކި ވަރުގެ ޒަހަމުތައް ވެސް ދަނީ ލިބެމުންނެވެ.