15 May 2012, 09:23
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ސާފު ފައިދާ އަށް ލިބުނު 166.5 މިލިއަން ރުފިޔާ އަށް ވުރެ މިއަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ފައިދާ 3.6 މިލިއަން ރުފިޔާ އިތުރުވެ، އެ އަދަދު 170.1 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 521.7 މިލިއަން ރުފިޔާ ލިބި، ޓެކްސް އަށް ކެނޑުމުގެ ކުރިން ފައިދާ އަށް 196.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ސާފު ފައިދާ އަކީ 166.5 މިލިއަން ރުފިޔާ އެވެ.
ދިރާގުން މިއަދު އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ވަގުތީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 508.7 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ޓެކްސް އަށް ކެނޑުމުގެ ކުރިން ދިރާގަށް 194.9 މިލިއަން ރުފިޔާގެ ފައިދާ ވަނީ ވެފަ އެވެ. ޓެކްސް އަށް ކެނޑުމުން ދިރާގަށް މިދިޔަ ތިން މަހު ޖެހުނީ 170.10 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 2.25ރ. ޖެހޭ ވަރުގެ އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު ދިރާގުގެ ހިއްސާއެއް ބާޒާރުގައި ވިކިފައިވާ އެންމެ މަތީ އަގަކީ 80ރ. އެވެ. އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން އަކީ 6.08 ބިލިއަން ރުފިޔާ އެވެ.
ދިރާގުގައި އޮތް ސަރުކާރުގެ 48 ޕަސެންޓް ހިއްސާގެ ތެރެއިން ވިއްކާލަން އިއުލާންކޮށްފައި ވަނީ 15 ޕަސެންޓް ހިއްސާ އެވެ. އޭގެތެރެއިން ވިކިފައި ވަނީ 4.7 މިލިއަން ހިއްސާ އެވެ. އެ ހިއްސާތައް ވިއްކައިގެން ދައުލަތަށް ވަނީ 376 މިލިއަން ރުފިޔާ ލިބިފަ އެވެ.