ލިޔުމުގައި އޮތް އެއްޗެއް ފެނުމާއިއެކު، ޔާމީންގެ ދެލޯ ބޮޑުވިއެވެ. ސިޓީއުރައާއިއެކު، ލިޔުންވެސް އަތުން ދޫވެގެން ވެއްޓުނެވެ. ޔާމީން ކޮޅަށް ތެދުވިއިރު، ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ވަނީ ފުސްވެފައެވެ. އޭނާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. އެތައް ދުވަހަކު ޔާމީންގެ ހިތަށް އުނދަގޫކުރަމުންދިޔަ ވަހުމުތަކާއި ކުށްހީތައް ޔަގީނަށް ބަދަލުވީއެވެ. އެނގިގެން ދިޔައީ އޭނާއަށް ދުވަހަކުވެސް ބަދަލުނުކުރެވޭނެ ހަގީގަތެކެވެ. އެ ހަގީގަތަށް ދުވަހަކުވެސް ނުފިލޭނެއެވެ.

********

ޔާމީން ގޮސް ހުއްޓިލީ ކުޑަދޮރުގެ ކައިރީގައެވެ. ވިލާ ރޮއްޖެއްވެސް ނުވާ އުޑުމަތިން ފެންނަމުންދިޔައީ ސާފު ނޫކުލައެވެ. އިރުގެ ރަން ދޯދިތަކުން އަލިކަން ގެނުވާފައިވިޔަސް، ހުސްކަމާއި ފަޅުކަން ފިޔަވާ އިތުރު އެއްޗެއް އެ އުޑުމަތިން ފެންނާކަށް ނެތެވެ. ޔާމީންގެ ދިރިއުޅުންވެސް އެފަދައެވެ. އުފާވެރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރި ނަމަވެސް، އެ ހިތުގައި ވަނީ ނުފިލާނޭ ރިހުމެކެވެ. ނުޒުހަތާއި ކައިވެނިކޮށްގެން ދަރިއަކު ލިބިފައިވިޔަސްމެއެވެ. މިއަދާއިހަމައަށްވެސް އެ ހަޔާތުގެ ވީރާނާކަން ފިލައިގެންދާގޮތެއް ނުވިއެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރިއިރު، ޔާމީންގެ ހިތާއި ސިކުނޑި ވަނީ މާޒީގެ ތެރޭގައެވެ. އެ ހަޔާތަށް އައި ހުރިހާ އުފާވެރިކަމެއް ގުޅިފައިވީ އެ މާޒީއާއެވެ.

ފޮށި ދަމަމުން ނުޒުހަތު ކޮޓަރިން ނުކުތެވެ. އޭރުވެސް ޔާމީން ހުރީ ކުޑަދޮރުގެ ކައިރީގައެވެ. ޔާމީން ބަލައިލާތޯ ނުޒުހަތު އިރުކޮޅަކު މަޑުކޮށްލިއެވެ.

"އަހަރެން ބޭނުމެއް ނޫން ދެން މިގޭގަ ހުންނާކަށް..." ޔާމީނަށް އަޑު އިއްވައިލުމުގެގޮތުން ނުޒުހަތު ބުންޏެވެ. "އަހަރެން މިދަނީ..."

ދެންވެސް ޔާމީން އެއްޗެއް ނުބުންޏެވެ. ފަސްއެނބުރި ބަލައިވެސް ނުލިއެވެ. ނުޒުހަތުގެ ރުޅިގަނޑު ފަޅައިގެންދާން ކައިރިވިއެވެ. ކުށްކުރީ ޔާމީނެވެ. އެކަމަކު ޔާމީން ކަންތައް ކުރަމުންދިޔަގޮތުން ހީވަނީ ކުށްވެރިއަކީ ނުޒުހަތު ހެންނެވެ. އަދަބު ލިބެނީ އޭނާއަށެވެ.

"އަހަރެން މިގެއިން ދިޔުމަށްފަހު އެނބުރި ނާންނާނަން..." ނުޒުހަތު ބުނެލީ އަމުރުވެރި ރާގަކަށެވެ.

"ނުޒޫ ބޭނުންގޮތެއް..." ޔާމީންގެ އަޑު މަޑެވެ. އެހެނަސް އެ އަޑު ނުޒުހަތަށް އިވުނީ ހޮނު ގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ.

ނުޒުހަތު ހީކުރީ ޔާމީން އޭނާ ދިޔަ ނުދީ ހިފަހައްޓާނެ ކަމަށެވެ. މައާފަށް އެދި އާދޭސްވެސް ކުރާނެ ކަމަށެވެ. ގެއިން ދާ ހިޔާލު އޭނާ ކުރީ އެވިސްނުމުގައެވެ. ފަހަރެއްގައިވެސް ގެ ދޫކޮށް ދިޔުމުގެ ބޭނުމުގައެއް ނޫނެވެ. މާލޭގައި ނުޒުހަތު އުޅޭނެ އިތުރު ތަނެއް ނެތެވެ. އެކަން ޔާމީނަށްވުރެ ބޮޑަށް އެނގޭނެ އެހެން މީހަކު ނުހުންނާނެއެވެ. ނުޒުހަތުގެ ސިކުނޑި ސުމަކަށް ދިޔައެވެ. ޔާމީން ބޭނުންވަނީ އޭނާ އެގެއިން ފޮނުވާލާށެވެ. އެތައް ދުވަހަކު އެކީގައި އުޅުމުގެ މާނައެއް ނެތެވެ. ލޯބި ލިބުނުކަމަށް ހީކުރެވުނަސް އެއީ ކުށްހީއެކެވެ. ޔާމީންގެ ހިތް ބަދަލެއް ނުވެއެވެ. އެކީ އުޅުނީ މަޖުބޫރުވެގެންނެވެ. ނުޒުހަތުގެ ހިތް މަރުވިއެވެ. ހަށިގަނޑުގެ ވަރު ދޫވިއެވެ. ކުރި އުއްމީދު ފެނަށްވީއެވެ. އޭނާ ބާކީވީއެވެ. ޔާމީންގެ ހިތުން ދުވަހަކުވެސް ޖާގަ ނުލިބޭނެކަން ނުޒުހަތަށް ޔަގީންވިއެވެ.

ގެއިން ނުކުތްއިރު ނުޒުހަތުގެ ދެލޯ ކަރުނުން ފުރާލައިފިއެވެ. ހިތުގައި އަނދަމުންދިޔަ ނަފުރަތުގެ އަލިފާނުގެ ހުޅުގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. އެ ހުރިހާ ކަމެއްގެ ޒިންމާ އުފުލަންޖެހޭ މީހާ މިދުނިޔެއަކު ނެތެވެ. ހުރިނަމަ، ނުޒުހަތުގެ އަތުން އެމީހަކު ބިމުގެ ފަސްގަނޑުގެ އަޑިއަށް ލީހެވެ. ފަހު ފަހަރަށް ގެއާއި ދިމާއަށް ބަލައިލުމަށްފަހު ނުޒުހަތު ކަރުނަ ފޮހެލިއެވެ.

********

އެންމެން މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު، ޒައިލް އުޅުނީ ދާވިއަންއާއިއެކު މޫދުގައެވެ. ދާވިއަން މޫދުން އަރަން އެއްބަސް ނުވުމުން، ޒައިލް އެދުނީ ކާއެއްޗެހި އެތަނަށް ގެނެސްދިނުމަށެވެ. ނިޔަމް ދެ ތައްޓަށް ނޫޑްލްސް އަޅައިގެން އަތިރިމައްޗަށް ދިޔައެވެ. ނިޔަމްގެ ފަހަތުން ދާންއުޅުނު އަރުޝާ ހުއްޓުވީ ޝަރަފެވެ. ދެމީހުންވެސް ތިބީ ނޫޑްލްސް ތައްޓަކާއި ޖޫސް ތައްޓެއް ހިފައިގެންނެވެ. ކުއްލިއަކަށް ޝަރަފް ކުރިމައްޗަށް އެރުމުން އަރުޝާގެ އަތުން ޖޫސްތަށި ބަންޑުންނުވީ ކިރިޔާއެވެ.

"ކޭން ވީ ޓޯކް؟..." އަރުޝާ ހިނގައިދާނެތީ ޝަރަފް އަވަސްއަވަހަށް ބުނެލިއެވެ.

ޝަރަފަކީ ކާކުކަން އެނގުނުފަހުން އަރުޝާ އުޅުނީ ފިލައިގެންނެވެ. އެހާވަރުން އުޅެފައި ކުއްލިއަކަށް ޝަރަފް ވާހަކަ ދައްކަން އެދުމުން އަރުޝާއަށް ހަދާނެގޮތް ހުސްވިއެވެ. ކަންތައްވީގޮތުން، އޭނާއަށް ޝަރަފާއި ކުރިމަތިލާން އުނދަގުލެވެ. އެކަމަކު ޝަރަފްގެ އެދުން ބޮލާލައި ޖަހާކަށް އަރުޝާއަކަށް ނުކެރުނެވެ.

ދެމީހުން ގޮސް އިށީނީ އެހެން މީހުންނާއި ދުރުގައެވެ. އެތަނުގައި ތިބޭއިރު، މޫދުގައި އުޅުނު ޒައިލްމެން ފެނެއެވެ. ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވީ އެދިމާއަށެވެ. ޒައިލް ދާވިއަން ގޮވައިގެން އެއްގަމުގައި ހުރި ނިޔަމްގެ ކައިރިއަށް ދުވެލާފައި އައި މަންޒަރު އުފާވެރިއެވެ. ފެންނަމުންދިޔައީ އުފާވެރި ކުޑަކުޑަ އާއިލާއެކެވެ. އެއީ އަރުޝާ ދެކެން ބޭނުންވި މަންޒަރެކެވެ.

"އަހަންނަށް އެނގޭ ތި ވިސްނާ ކަމެއް..." ދެމީހުންގެ މެދުގައިވި ހިމޭންކަން ނެތިގެންދިޔައީ ޝަރަފްގެ އަޑުންނެވެ. "ކިހާ ހެޕީ ފެމެލީއެއް..."

އަރުޝާ ނޭނގޭކަމަށް ހަދައިލަމުން އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ.

"ބޭނުމެއް ނޫންތަ އެމީހުން ގުޅުވާކަށް؟..." ނިޔަމްމެންނަށް އިޝާރާތްކޮށްލަމުން، ޝަރަފް އަހައިލިއެވެ.

އަރުޝާ ދެންވެސް އެއްޗެއް ނުބުނެއެވެ. އެ ހިމޭންކަން ޝަރަފްގެ ހިތަށް އުނދަގޫކުރިއެވެ.

"އަހަރެމެން ދެމީހުންނަށްވެސް ކުށްހީ ކުރެވިއްޖެ... އެކަމަކު، އެ ހުރިހާ ކަމެއް ވީ އެކަކު އަނެކަކު ނޭނގޭތީނު..." އަރުޝާއާއި ދެމެދު ހިނގި ކަންކަން ހަނދާންކޮށްދެމުން ޝަރަފް ވާހަކަދެއްކިއެވެ. "ދެމީހުންވެސް ބޭނުންވީ އެއް ކަމެއް... އަހަރެމެންގެ އެކުވެރިންނަށް އުފާވެރި ލައިފްއެއް ލިބުން... އެހެންނު؟..."

"އަހަރެން ބޭނުމެއް ނޫން ޔަމްއަށް އެއްވެސް ކަމެއް މަޖުބޫރުކުރާކަށް... ޔަމްގެ ލައިފްގެ ކަންކަން ނިންމާނީ ޔަމް އަމިއްލައަށް..." އަރުޝާ އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.

"ތިވާހަކައެއް ނޫން މިބުނަނީ... ދެމީހުންވެސް އެތިބެނީ އެކަކު އަނެކަކުދެކެ ލޯބިވާ ވާހަކަ ބުނަން ނުކެރިފަ... އެކަކު އަނެކަކާ ނުލާ ނޫޅެވޭނެކަން ނުވިސްނޭވަރުގެ ކުޑަކުދިން އެއީ..." ޝަރަފް ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ލެޓްސް ހެލްޕް ދެމް... ކުޑަކުދިންނަށް ވިސްނައިދޭނީ ބޮޑެތި މީހުން... ޑީލް؟..."

ޝަރަފް ދިއްކޮށްލި އަތަށް ބަލަން އަރުޝާ އިރުކޮޅަކު އިނެވެ. ވަރަށް ނޫންކަމަށް ހަދާލާފައި ޝަރަފްގެ އަތުގައި ހިފައިލިއެވެ. އޭރު ދެމީހުންގެ ތުންފަތުގައިވެސް ވީ ލުއި ހިނިތުންވުމެކެވެ. އައު ގުޅުމެއްގެ ނަން ދެވި، ދެމީހުންގެ އެކުވެރިކަން ފެށުނެވެ.

"މަންމީ..." ދާވިއަންއެކޭ އެއްގޮތަށް ޒައިލް ނިޔަމްއަށް ގޮވައިލިއެވެ. "ވަރަށް ބަނޑުހައި..."

ނިޔަމް ގެންދިޔަ ނޫޑްލްސްތަށި ޒައިލްގެ އަތަށް ދިނެވެ. ތިން މީހުން ވެލިގަނޑުގެ މަތީގައި އިށީނެވެ. މޫދުގައި އުޅުމުން ދާވިއަން އިނީ ވަރަށް ވަރުބަލިވެ، ބަނޑުހައިވެފައެވެ. ނިޔަމްގެ ތަށިން ބޮޑުބައި ދާވިއަން ހުސްކޮށްލިއެވެ. ޒައިލް ނޭނގޭކަމަށް ހަދާފައި އޭނާގެ ތަށިން ނެގި ނޫޑްލްސްކޮޅު ނިޔަމްއަށް ލެވިއެވެ. ނިޔަމް ނޫޑްލްސްކޮޅު ކާލުމުން ޒައިލް ހިނިތުންވެލިއެވެ. ދެމީހުންގެ ނަޒަރު ވަނީ އެކަކު އަނެކަކަށް ހުއްޓިފައެވެ. ޒައިލް ލޯބިންކޮށްލާ އެފަދަ ކުދިކުދި ކަންތައްތަކުން ނިޔަމްގެ ހިތް އިތުރަށް ޒައިލްއަށް ލެނބެމުން ދިޔައެވެ.

މަންމައާއި ބައްޕަގެ ހަރަކާތްތަކަށް ބަލަން ދާވިއަން އިނެވެ. އެއީ އޭގެ ކުރިން ފެނިފައިވާ މަންޒަރުތަކަކަށް ނުވާތީ، އެކުޑަކުއްޖާގެ މޫނުން ފެންނަމުންދިޔައީ ހައިރާންކަމެވެ. އެއާއި އެއްވަރަށް އުފާވެރިކަމެވެ. މައިންބަފައިން އެކަކު އަނެކަކަށް ލޯބިދީ، އަޅާލާ މަންޒަރު ދުށުމަށް އެކުދިންގެ ހިތްވެސް އެދޭނެއެވެ.

"މަންމީ!...." ކާން އިނދެފައި ދާވިއަން ގޮވައިލިއެވެ. ދެމީހުންވެސް ސިހިފައި ދާވިއަންގެ މޫނަށް ބަލައިލިއެވެ. "ޑެޑީ ކީއްވެ ދާންގެ ގޭގަ ނުހުންނަނީ؟..."

ނިޔަމްއާއި ޒައިލްއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ އެކުއެކީގައެވެ.

"ޑެޑީ ޕޮލިސްކުއްޖެއްވީމަ އެއީ..." ނިޔަމްއަށްވުރެ ކުރިން ދާވިއަންގެ ސުވާލަށް ޖަވާބުދިނީ ޒައިލްއެވެ.

"އެކަމު، ދާން ކްލާސްކުދިންގެ ޑެޑީ ހުންނަނީ ގޭގަ..." ދާވިއަންގެ މޫނުން ފެނުނީ މާޔޫސްކަމެވެ.

"އެއީ އެކުދިންގެ ޑެޑީ ސިންޕަލް ވޯކް ކުރާތީ... ދާންއަށް އެނގެއެއްނު ޑެޑީ މީ ކްރިމިނަލްސް ކެޗްކުރާ ޕޮލިސްއެއްކަން... އެހެންކުދިންގެ ޑެޑީ އަތުގަ ނުހުންނާނެ ބަޑިއެއްވެސް..." ޒައިލް މަސައްކަތްކުރީ ދާވިއަން އެންމެ ގަޔާވާ ވާހަކަ ދައްކައިގެން އެ މައުޟޫއުއިން ބޭރަށް އެކުއްޖާގެ ވިސްނުން އަނބުރުވައިލާށެވެ.

"ދާން ބޭނުން ޑެޑީ ގެއަށް ގެންދަން..." ދާވިއަން ތުންފިއްތާލަމުން ބުންޏެވެ. "ދާން ބޭނުން ޑެޑީ ގެންދަން މަންމީ..."

ނިޔަމް ގޮތް ހުސްވެފައި ޒައިލްގެ މޫނަށް ބަލައިލިއެވެ. ދާވިއަން ކުއްލިއަކަށް އެފަދަ ކަމަކަށް އެދުމުން، ޖަވާބުދޭން ނިޔަމްއަށް އުނދަގޫވީއެވެ. ދަރިފުޅު އެދޭ އެދުމެއް ބޮލާލައި ޖެހުމަކީ ނިޔަމް ކުރާ ކަމެއް ނޫނެވެ. ހާއްސަކޮށް އެދަރިފުޅު އެދެނީ ބައްޕައެއްގެ ލޯތްބަށްކަމަށް ވާތީއެވެ. ޒައިލްގެ ނަޒަރުންވެސް ބުނެދިނީ އޭނާ އެމީހުންނާއިއެކު ވަގުތު ހޭދަކުރަން ބޭނުންވެފައިވާ ވަރެވެ.

"ދާން، ދާނަންތަ މަސް ބާނަން؟..." ޒައިލް މައުޟޫޢު ބަދަލުކޮށްލިއެވެ.

"ޑެޑީ އަންނާނެއޭ ދެން ގެއަށް..." ދާވިއަންގެ ގައިގައި ބައްދައިލަމުން ނިޔަމް ބުންޏެވެ.

ޒައިލް އިނީ ހުއްޓުންއަރާފައެވެ. އޭނާގެ ކަންފަތަށް އިވުނީ ރަނގަޅަށް ހެއްޔެވެ؟ ނިޔަމް އޭނާއަށް ދެވަނަ ފުރުސަތެއް ދިނީ ހެއްޔެވެ؟ ނިޔަމްގެ ޖުމުލަ ދެވަނަ ފަހަރަށް އަޑުއަހައިލަން ޒައިލް ބޭނުންވިއެވެ.

"ދޯ؟... ދެން ޑެޑީ އަންނާނަމެއްނު ދާން ކައިރިއަށް؟..." ނިޔަމްގެ ނަޒަރު ޒައިލްއަށް ހުއްޓައިލިއެވެ.

ޒައިލް ކުއްލިއަކަށް ދާވިއަންއާއިއެކު ނިޔަމްގެ ގައިގައި ބައްދައިލިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާއަށް އަނގައިންވެސް ނުބުނެވުނެވެ. ނިޔަމްގެ ފެހި ސިގުނަލްތަކުން އޭނާގެ ހަޔާތަށް އުފާވެރިކަން ގެނުވިއެވެ.

ޒައިލް ދާވިއަންގެ ނިތުގައި ބޮސްދީފައި ދުރަށްޖެހިލިއެވެ. ދާވިއަންގެ ފުރަގަހުން އަތް ގެންގޮސް، ނިޔަމްގެ އަތުގައި ހިފިއެވެ. ލޯބިވާ ވާހަކަ ތަކުރާރުކޮށް ދުލުން ބުނަން ބޭނުންވި ނަމަވެސް، ދާވިއަން އިނުމުން އޭނާ އެވާހަކަ ބުނެދިނީ ނަޒަރުންނެވެ.

"މަންމީ!... ދާން ފެން ބޭނުން..." ދާވިއަން ކުޅިވެގެން ޖޫސްތަށި ހުސްކޮށްލާފައި ފެންފޮދެއް ދިނުމަށް އެދުނެވެ.

"މަންމި ވަރަށް އަވަހަށް ފެން ހިފައިގެން މި އަންނަނީ އިނގޭ..." ނިޔަމް ތެދުވީ ޒައިލްއަށް ހިނިތުންވެލުމަށްފަހުގައެވެ.

ނިޔަމް އެއްގަމަށް އަރައިގެން ދިޔައީ އައު ބާބަކުން ދިރިއުޅުން ފެށުމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ހިތް ސާފުކޮށް، ޒައިލްއަށް ދެވަނަ ފުރުސަތެއް ދިންކަން ހާމަކުރާނެ މޮޅުގޮތެއް ހިތުގައި ރާވަމުންނެވެ. ނިޔަމްއަށް ނޭނގުނީ އޭނާގެ އުފާވެރިކަމަށް ހުރަސްއެޅުމަށް ތައްޔާރުވެގެން ހުރި މީހަކު ފަހަތުން އައި ކަމެވެ. ނިޔަމް ޓެންޓުތަކާއި ފުދޭވަރަކަށް ކައިރިއަށް ދިޔަތަނާ، ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން އައިސް އަނގަމަތީގައި އަތް އެޅިއެވެ. އެމީހެއްގެ ގައިގައި ނިޔަމް ލައްކޮށްލީ، ހުށިޔާރުކަމާއިއެކުގައެވެ. ނިޔަމް ތެޅިފޮޅިގަތެވެ. ހަޅޭއްލަވަން މަސައްކަތްކުރިއެވެ. އެމީހަކު ނިޔަމް ހިފަހައްޓައިގެން ހުރީ ނިޔަމްގެ ދެއަތާއި އެކުގައިކަމުން، އޭނާއަށް މާ ބޮޑު ބާރެއް ނުދެއްކުނެވެ. ނިޔަމް ތެޅިފޮޅެމުން ދަނިކޮށް، އެމީހަކު އޭނާ ދަމާފައި ގެންގޮސް ވަލަށް ވެއްދިއެވެ.

********

ފަނަރަ ވަރަކަށް މިނެޓު ވީއިރުވެސް ނިޔަމްގެ ހަބަރެއް ނުވުމުން، ޒައިލް ހާސްވިއެވެ. ނިޔަމްއަކީ ދާވިއަންގެ ކަމެއްގައި ފަރުވާކުޑަ ކުރާނެ މީހެއް ނޫނެވެ. ދާވިއަން ގޮވައިގެން ޒައިލް އެއްގަމަށް އެރިއެވެ. އޭރު އަރުޝާ އާއި ޝަރަފް ތިބީ އޮލަ ވާހަކައެއްގައެވެ. ދެމީހުންނަށްވެސް ނިޔަމް ނުފެންނަކަމަށް ބުންޏެވެ.

ގަޑިއެއްހާއިރުވީއިރުވެސް ނިޔަމްއެއް ނުފެނުނެވެ. ދިޔަތަނެއްވެސް އެނގުނު މީހަކު ނެތެވެ. ޒައިލްގެ ހާސްކަން އިތުރުވިއެވެ. މަންމަ ނުފެނިގެން ދާވިއަންވެސް ހުރީ ރޮވޭގޮތްވެފައެވެ. ބޮޑުކަމެއް ވީކަމަށް ނިންމާ، ނިޔަމް ހޯދުމުގެ މަސައްކަތް ފެށުނެވެ. ވަލުތެރެއާއި މޫދާއި ޓެންޓްތައް ބަލަން ފެށިއެވެ. ދަތުރުގެ ފޯރި ގެއްލި، އެންމެންގެ ސަމާލުކަމަށް އެކަން އައެވެ. އެންމެންގެ މޫނުންވެސް ފެންނަމުންދިޔައީ ބިރާއި ސިހުމެވެ.

ޒަހަމުތަކަކާއިއެކު ލޫކްގެ ހަށިގަނޑު ފެނުނީ ވަލުގެ އެންމެ އެތެރޭގައިވާ ބޯކެޔޮފީންޏެއްގެ ތެރެއިންނެވެ. ފެނުނުއިރު، ކިރިޔާ ފުރާނަ ހުރިކަމެވެ. ވަގުތުން ލޫކްގެ ހަށިގަނޑު މާލެ ފޮނުވާލެވުނެވެ.

(ނުނިމޭ)