14 Oct 2023, 11:37
ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށް ގެންދާ އަސްކަރީ ޙަމަލާތަކާއި އިރުމަތީ ޣައްޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން އާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ހަރުކަށި އިބާރާރާތުން ކުށްވެރިކޮއްފިއެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަލާމަތްތެރިކަމާއެކު އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި އެގޮތުން ސަރަހައްދު ދޫކޮށް ދާން އެންގުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އެހެންކަމުން އެ އަމުރަކީ ބަދަލު ކުރަންޖެހޭ އަމުރެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މި ޢުދުވާންތަކަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ އެންމެހައި ޤާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް ބާރުއެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީން އިމާރާތެއް ބިމާ ހަމަވެފަ_
ހަމައެއާއެކު، ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން ފާހަގަ ކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންނެވެ.
ހަނގުރާމަވެރިންނާއި ޢާއްމުންނާ ތަފާތުކުރުމެއްނެތި ދެމުންދާ ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު އިތުރު އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. ހަމައެއާއެކު، މި ހަމަލާތަކުގައި ހޮސްޕިޓަލްތަކާއި ސްކޫލުތައް ހިމެނޭހެން މުހިއްމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އދ. ގެ އިމާރާތްތަކާއި އާއްމުން ދިރިއުޅޭ އިމާރާތްތަކާއި އަޅުކަންކުރާތަންތަން ސުންނާފަތިވެފައިވެއެވެ.