އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި ނިއުޒީލަންޑާއި ބަންގްލަދޭޝް ބައްދަލުކުރިމެޗް ނިއުޒީލަންޑް ކާމިޔާބުކޮށްފިއެވެ.

ޗެއްނާއީގައި ކުޅުނު މި މެޗް ނިއުޒީލަންޑް ކާމިޔާބުކޮށްފައިވަނީ އަށް ވިކެޓްގެ ތަފާތުންނެވެ. މި މެޗްގެ ޓޮސް ދިމާވުމުން ނިއުޒީލަންޑް އިން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ބަންގްލަދޭޝްއިން އެންމެ ފުރަތަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 245 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 66 ލަނޑު ޖަހާދިން މުޝްފިގޫރު ރަހީމްއެވެ.

މީގެ އިތުރުން މަހްމޫދުﷲ ނުބައިނުވެ 41 ލަނޑު ހަދާދިން އިރު ކެޕްޓަން ޝާކިބް އަލް ހަސަން ވަނީ 40 ލަނޑު ހަދާދީފައެވެ. މިއީ ނިންގްސްގައި ބަންގްލަދޭޝްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 49 ލަނޑަށް 3 ވިކެޓް ނަގާދިން ލޮކީ ފާގަސަންއެވެ.

ޖަވާބުގައި ނިއުޒީލަންޑްއިން ކުޅެން އަރާ 42 އޯވަރު ފަސް ބޯޅައަށް ދެ ކުޅުންތެރިން ނުބައިވެގެން 248 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. ނިއުޒީލަންޑް ޓީމަށް މި މެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 89 ލަނޑު ހަދާދިން ޑެރީލް މިޝޭލްއެވެ. އަދި ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ހަތް މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އަނބުރި އައިސް ކުޅުނު ނިއުޒީލަންޑްގެ ކެޕްޓަން ކޭން ވިލިއަމްސަން ވަނީ 78 ލަނޑު ހަދާދީފައެވެ. ނަމަވެސް މި މެޗްގައި އޭނާގެ ބޮޑުވައި އިނގިއްޏަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މި މެޗްގެ ތެރޭގައި ވަނީ ބަދަލުކޮށްފައެވެ.

މި ކާމިޔާބީއާއެކު ނިއުޒީލަންޑް މިހާރު މިވަނީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗް ވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރާފައެވެ. ތާވަލްގެ ދެވަނައިގާ ދެކުނު އެފްރިކާ އޮތްއިރު އިންޑިއާ އާއި ޕާކިސްތާން އޮތީ ތިންވަނަ އަދި ހަތަރު ވަނައިގައެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗެވެ. މި މެޗް ވެގެންދާނީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭނެ އެއް މެޗަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަހްމަދުއާބާދުގައި ހުންނަ 132،000 މީހުންގެ ޖާގައިގެ ނަރެންދުރަ މޯޑީ ސްޓޭޑިއަމްގައެވެ.