14 Oct 2023, 12:14
ޔޫރޯ ކޮލިފައިންގައި ބާކީ ދެމެޗް އޮއްވާ މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފަރަންސޭސިވިލާތް ޖާގަހޯދައިފިއެވެ.
މި އަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުން ފަރަންސޭސީން ޖާގަހޯދީ ކޮލިފައިން ގްރޫޕް ބީގައި ނެދަލަންޑްސް އާއި ބައްދަލުކުރިމެޗް ރަށުން ބޭރުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްގެންނެވެ.
މި ކާމިޔާބީއާއެކު ފަރަންސޭސީން މިވަނީ މިހާތަނަށް ކުޅުނު ހަ މެޗް ކާމިޔާބުކޮށް ލިބިފައިވާ 18 ޕޮއިންޓާއެކު މި ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ދެވަނައިގާ އުޅޭ ގްރީސްއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
އެމްސްޓަޑަމްގައި ރޭ ކުޅުނު މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ފަރަންސޭސި ޓީމުންނެވެ. މި މެޗްގައި ފަރަންސޭސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ ހަތް ވަނަ މިނެޓްގައި އެ ޓީމަށް ޖަހާދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިތާ އަށް ވަނަ މިނެޓްގައި އޭނާ ވަނީ ފަރަންސޭސީންގެ ލީޑު ފުޅާކޮށްދީފައެވެ.
މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މި މެޗްގައި ނެދަލަންޑްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗް ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ކުއިލިންޑްސްޗީ ހާޓްމަންއެވެ.
މި މެޗުން ބަލިވުމާއެކު ނެދަލަންޑްސް މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ. ނަމަވެސް ނެދަލަންޑްސްއިން ދެވަނައިގާ އުޅޭ ގްރީސްއަށް ވުރެ އެއްމެޗް މަދުން ކުޅެފައިވުމުން ގްރީސް އާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. މި ގްރޫޕްގެ ދެވަނައިގާ އުޅޭ ގްރީސް ވަނީ ރޭ ރިޕަބްލިކް އޮފް އަޔަލަންޑާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗް ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައެވެ.