14 Oct 2023, 14:13
ޖަރުމަނުވިލާތުގައި މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުން ބެލްޖިއަމް ޖާގަހޯދައިފިއެވެ.
މި މުބާރާތުން ބެލްޖިއަމް ޖާގަހޯދާފައިވަނީ ޔޫރޯ 2024 ކޮލިފައިން ގްރޫޕް އެފްގައި ރަށުން ބޭރުގައި ރޭ އޮސްޓްރިއާ އާ ބައްދަލުކުރިމެޗް ތިން ލަނޑު ދެ ލަނޑުން ކާމިޔާބުކޮށްގެންނެވެ.
މި ކާމިޔާބީއާއެކު ބެލްޖިއަމްއަށް މިވަނީ މިހާތަނަށް ކުޅުނު ހަ މެޗްގެ ތެރެއިން ފަސް މެޗް ކާމިޔާބުކޮށް އެއް މެޗް އެއްވަރުކޮށްގެން 16 ޕޮއިންޓް ހޯދާފައެވެ. އަދި މި މެޗުން ބަލިވި އޮސްޓްރިއާ އުޅެނީ 13 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެެވެ.
ވިއޭނާގައި ކުޅުނު މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އޮސްޓްރިއާއިން އުފެއްދި ނަމަވެސް މެޗްގެ ފެށުން ރަނގަޅުވީ ބެލްޖިއަމްގެއެވެ. މި ގޮތުން މެޗްގެ 12 ވަނަ މިނެޓްގައި ޑޯޑީ ލުކެބާކިއޯ ޖަހާދިން ލަނޑާއެކު ބެލްޖިއަމްއިން މި މެޗްގެ ލީޑު ނެގިއެވެ. އަދި މެޗްގެ 55 ވަނަ މިނެޓްގައި ލުކެބާކިއޯ ވަނީ އިތުރު ލަނޑެއް ޖަހާދީ މެޗްގެ ލީޑު ފުޅާކޮށްފައެވެ.
މި މެޗްގައި ބެލްޖިއަމްއިން ކާމިޔާބުކުރި ތިން ވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިނީ ރޮމެލޫ ލުކާކޫއެވެ. ޔޫރޯ ކޮލިފައިންގައި މި ފަހަރު އެންމެ ގިނަ ލަނޑު ޖަހާފައިވާ ލުކާކޫ މި ވަނީ މިހާތަނަށް އަށް ލަނޑު ކާމިޔާބުކޮށްފައެވެ. މި ނަތީޖާ އާއެކު މި މެޗް ބެލްޖިއަމްއިން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފާނެކަމަށް ހީވެގެންދިޔަ ނަމަވެސް އޮސްޓްރިއާއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗްގެ 72 ވަނަ މިނެޓްގައި ކޮންރެޑް ލައިމާ ލަނޑެއް ޖަހާދީ ދެ ޓީމްގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމެވެ. އަދި އޮސްޓްރީއާއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ މެޗްގެ 78 ވަނަ މިނެޓްގައި ބެލްޖިއަމްގެ އަމަޑޫ އޮނާނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެެވެ.
މި މެޗްގައި އޮސްޓްރިއާގެ ދެވަނަ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ޕެނަލްޓީ އަކުން މާސެލް ސަބިޓްޒާއެވެ. މި ލަނޑާއެކު ދެ ޓީމްގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކުރި ނަމަވެސް އެ ޓީމަށް އިތުރު ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު މި އަންނަ އަހަރުގެ ޔޫރޯ މުބާރާތުން ބެލްޖިއަމް ޖާގަހޯދާފައިވާއިރު މިއަންނަ ހޯމަ ދުވަހު އަޒަރްބައިޖާން އާއި ބައްދަލުކުރާ މެޗް ކާމިޔާބުކޮށްގެން ޔޫރޯގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮސްޓްރިއާއަށް ވެސް އެބައޮތެވެ.