ސަމާގެ ޓިކްޓޮކް ކޮމިޔުނިޓީން ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ފަލަސްޠީނަށް ހަދިޔާކޮށްފި
ސަމާގެ ޓިކްޓޮކް ކޮމިޔުނިޓީން ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ފަލަސްޠީނަށް ހަދިޔާކޮށްފި

ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓިކްޓޮކް މެދުވެރިކޮށް ފައިސާ އެއްކުރުމުގެ ޙަރަކާތްތަކެއް ހިންގާ މަރިޔަމް ސަމާ ޝަރީފްގެ އިސްނެގުމާއެކު، ފަލަސްޠީނުގެ ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އޭނާގެ ޓިކްޓޮކް ކޮމިޔުނިޓީ "ހިތުންހިތަށް" މެދުވެރިކޮށް ރޭގައި އެއް ގަޑިއިރަށް ހިންގި ފައިސާ އެއްކުރުމުގެ ޙަރަކާތުން 51،225 ރުފިޔާ އާއި 550 ޔޫއެސް ޑޮލަރު ހަދިޔާކޮށްފިއެވެ.

ރޭ 8:30 އިން 9:30 ކުރިއަށް ދިޔަ ޓިކްޓޮކް ލައިވްގައި މި ފައިސާ އެއްކުރުމަށްފަހު، ފަލަސްޠީނަށް އެހީވުމަށް އިސްލާމިކް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ އިމާޖެންސީ ރިލީފް ފަންޑަށް އެ ފައިސާ ވަނީ ރޭ ހަދިޔާކޮށްފައެވެ.

ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދާ މަރިޔަމް ސަމާ އަކީ ރާއްޖޭގެ ޓިކްޓޮކް ކޮމިޔުނިޓީގައި މަޝްހޫރު ޒުވާނެކެވެ. އެކި ބަލިތައް ތަޙައްމަލްކުރަމުންދާ ކުޑަކުދިންނަށް ފަރުވާ ހޯދުމަށް އެހީތެރިވުމަށް ކޮންމެ މަހަކު ވެސް ސަމާގެ އިސްނެގުމާއެކު "ހިތުންހިތަށް" ކޮމިޔުނިޓީ މެދުވެރިކޮށް ފައިސާ އެއްކުރެއެވެ.

މިގޮތުން މި އޮކްޓޯބަރު މަހު ހިންގި ޙަރަކާތުން އަށްޑިހަ ހާހަށް ވުރެ ގިނަ ރުފިޔާ އެއްކޮށް ކުޑަ ދެކުއްޖެއްގެ ބޭސްފަރުވާއަށް ހޭދަކުރުމަށް އެ ކުދީންގެ ޢާއިލާއާ ފައިސާ ޙަވާލުކޮށްފައި ވެއެވެ. އަދި އޭގެ ކުރީ މަހު ލައްކައަކަށް ވުރެ ގިނަ ރުފިޔާ އެއްކޮށްފައި ވެއެވެ.

ތިރީސް އަށްހާހަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސަމާގެ ޓިކްޓޮކް އެކައުންޓުން ފައިސާ އެއްކުރުމަށް ހިންގާ ޙަރަކާތްތަކަށް ގިނަބައެއްގެ އިތުބާރާއި ތަރުޙީބު ލިބެއެވެ. ފައިސާ ލިބެމުންދާގޮތް ވަގުތުން ދެއްކުމާއެކު، އެއްކުރާ ފައިސާ ހަމަ އެ ވަގުތު ޙައްޤުވެރިފަރާތާ ޙަވާލުކޮށް ރައްދުވިކަމުގެ ޔަޤީންކަން ހޯދާދެއެވެ. މި އިތުބާރު ދަމަހައްޓާތީ ގިނަ ބައެއްގެ ބައިވެރިވުން ވެސް ސަމާގެ މި ޙަރަކާތްތަކަށް އަންނަނީ ލިބެމުންނެވެ.

ރޭ އެއްކުރި ފައިސާގެ ބޭންކް ޓްރާންސްފާ ސްލިޕް ސަމާ ވަނީ ސޯޝަލް މީޑިއާގައި ޢާންމުކޮށްފައެވެ. ރޭ ހަދިޔާކުރި ފައިސާގެ ޖުމްލައަކީ ދިވެހި ރުފިޔާއިން ބަލާނަމަ 59،706 ރުފިޔާ އެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އައިއޭސީ އާއި ދިވެހި މީޑިއާތައް ގުޅިގެން މިއަދު ޚާއްޞަ ޓެލެތޯނެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ފަލަސްޠީނާއެކު ދިވެހި ރައްޔިތުން ތިބިކަން ދެއްކުމަށް އިއްޔެވެސް މާލެއާއި ރަށްރަށުގައި ޙަރަކާތްތަކެއް ވަނީ ހިންގާފައެވެ.